ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ގޮތް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު(ޓޮމް) ހުށަހަޅުއްވާފައިވާ އިސްލާހްގެ ބިލަށް މިއަދު ކުރެވުނު ބަހުސްގައި އެމްޑީޕީ މެންބަރުން ބައިވެރިއެއް ނުވި އެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް މެންބަރު ތޯރިގު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހެޅުއްވި އިސްލާޙްގެ ބިލްގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ވަނީ ކުރިއަށް ގެން ގޮސްފައި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެ ބިލުގެ ބަހުސްގައި ބައިވެރި ވެފައި ނުވާއިރު، އެ ބިލަށް ވާހަކަ ދެއްކެވީ ހަމަ އެކަނި އިދިކޮޅު މެމްބަރުން އެކަންޏެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، ދެން އެ ބިލު ބަލައިގަތުމާމެދު ފެންނަ ގޮތެއް ބެލުމަށް މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނެ އެވެ. އެ ބިލުގެ ދެން ހުރި މަރުހަލާތަކަށް ދާނީ އެ ބިލު ބަލައިގަންނަން ތަޅުމުގައި ނެގޭ ވޯޓުން ފާސްވެއްޖެނަމަ ނަމަވެ. އެހެންނަމަވެސް މިއަދު އޮތް އެ ބިލުގެ އިބުތިދާއީ ބަހުސްގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ނުދައްކައި، އެ ބިލުގެ ބަހުސް ނިންމާލައިފައިވާއިރު، އެ ބިލު ބަލައިގަންނަން ވޯޓު ހަމަވާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!