ހޮނިހިރު ދުވަހު ކުޅެވިގެންދިޔަ ލިވަރޕޫލް އަދި އެވަރޓަންގެ ފޯރިގަދަ މެޗުގައި، ލިވަރޕޫލްގެ ފަހަތަށް ކުޅެމުން އަންނަ ވާރޖިލް ވެން ޑައިކަށް އަނިޔާވެ، 8 މަހަށް ކުޅުމާއި ދުރަށް ދާން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލިވަޕޫލްގެ ޑިފެންޑަރަށް ލިބިފައިވާ އަނިޔާއަކީ، "އެހާ ރަނގަޅު ނޫން" އަނިޔާ އެއް ކަމަށް ސިފަ ކުރާ ކަމަށް، މިދިޔަ އަހަރުގެ ޗެމްޕިއަން ކޯޗު ކްލޮޕްވަނީ ބުނެފައެވެ. ވެން ޑައިކަށް އަނިޔާވެފައިވަނީ، އެވަރޓަންގެ ކީޕަރު އަދި ވެންޑައިކް ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ކީޕަރުގެ ފައިން ވެން ޑައިކްގެ ކަކުލުގައި ޖެހިގެންނެވެ. އަދި މި އަނިޔާއަށް ފަހު، ވެން ޑައިކަށް އިތުރަށް ނުކުޅެވޭނެ ކަމަށް ނިންމައި، އޭނާ ވަނީ މެޗުން ބަދަލު ކޮށްފައެވެ.
ވެން ޑައިކަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްޞީލެއް ލިބޭނީ ސްކޭން ތަކުގެ ފުލް ރިޕޯޓު ލިބުމުން ކަމަށް ކްލޮޕްވަނީ ބުނެފައެވެ. އަދި ގިނަ ރިޕޯޓުތައް މިހާރު ބުނާ ގޮތުގައި، އޭނާގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާއެއް ލިބި، ކުޅުމާ ދުރަށް 8 މަހަށް ދާން ޖެހޭނެކަމަށް ބުނެފައެވެ.
އޭނާ އަށް ލިބިނު އަނިޔާއާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނެފައިވަނީ، ވެން ޑައިކް ގިނަ މެޗުތަކެއް އަނިޔާވެގެން ވެސް ކުޅެފައިވެއެވެ. ނަމަވެސް، ރޭގެ މެޗުގައި، އޭނާ އަށް ވަނީ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވިފައެވެ.
ލިވަޕޫލުން ދެކޭ ގޮތުގައި، މި ކަން ހިނގައި ދިޔުމުން ލިވަޕޫލަށް ޕެނަލްޓީއެއް ލިބެން ޖެހޭނެއެވެ. އަދި އެވަރޓަންގެ ކީޕަރު، ޕިކްފޯޑަށް ރަތްކާޑެއްވެސް ހައްގެވެ. ނަމަވެސް، މެޗުގެ ރެފްރީއިން ނިންމާފައިވަނީ، ފައުލް ހިނގި އިރު ވެންޑައިކް އޮފްސައިޑް މަގާމެއްގައި ހުރުމުން އެއީ އޮފްސައިޑެއް ކަމަށެވެ.
ލިވަޕޫލުން މި މެޗުގެ ވީޑިޔޯ އެސިސްޓެން ރެފްރީންނާއި ދެމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ އިރު، މެޗުގައި އެވަރޓަންގެ ކުރިއަށް ކުޅެމުން އަންނަ ރިޗާލިސަން ލިވަރޕޫލްގެ ތިއާގޯއަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތްކާޑެއް ދައްކާފައެވެ. އަދި، މި ފައުލާއި ގުޅިގެން، ތިއާގޯގެ ކަކުލަށް އަނިޔާވެ، ވަނީ ސްކޭންއެއް ހަދަން ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!