ވޭތުވި 7 އަހަރު ތެރޭގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ހަދަމުން ދިޔަ ގާނޫނުތަކުން މާލޭގެ މޭޔަރުކަމުގައި ހުންނެވި ޝިފާ މުޙައްމަދުގެ ''އަތް'' ކޮންމެ ދުވަހަކު ކަނޑަމުންދިޔަ ތަން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.
މެންބަރު ވަޙީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވަހީދު ވިދާޅުވީ ގާނޫނު ވެސް އެބަހުރި ކަމަށާއި، އަދި ތަޙުޤީޤުކުރާ ވުޒާރާތަކަށް އެ ކަންކަން ކުރުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން އެބަ ހުރިކަމަށެވެ. އެހެންނަމަވެސް، އާދަކާދައިގެ ތެރެއިން ކަންކަން ބައްޓަންވެގެން އައި ގޮތުންނާއި، ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ވެސް ހިނގަންޖެހޭ މިންވަރަށް ނުހިނގުމުގެ ސަބަބުން މިއަދު ޢަދުލުއިންޞާފު ހޯދުމަށް އެތައް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.
ހުށަހެޅި ބަހުސް ކުރެވެމުންދާ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކަކީ ވެސް، ތަޙުޤީޤީ އިދާރާތަކަށް މުހިންމު އަދި ތަޙުޤީޤުތައް އަވަސްކުރުމަށްޓަކައި ގެނެވޭ އިޞްލާޙެއްގެ ގޮތުގައި ފާހަގަ ކުރަށްވައި، ވަހީދު ވިދާޅުވީ މި ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަކީ މިއަދު އަދުލުގެ ނިޒާމު ކުރިއަށްގެންދިއުމަށް ޓަކައި، ހަމަ ފުރިހަމަ ގާނޫނުތަކެއް ކަމަށް އެޓަރނީޖެނެރަލަށް ވެސް، އަދި ޕީ.ޖީއަށް ވެސް ދަންވާލަން ބޭނުންވާ ކަމަށެވެ.
''އެ ގާނޫނުތަކުން ރަނގަޅަށް ތަޙުޤީޤުތައް ކުރެވިގެން އެކަން ކުރެވޭކަމުގައި ވެއްޖެއްޔާ ރައްޔިތުންގެ މިހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ޓަކައި، ފަސޭހަވެގެންދާނެ. އެހެންވީމާ،އަޅުގަނޑަކަށް ނުފެނޭ ކޮންމެ ކަމަކީ އަޅުގަނޑުމެން ގާނޫނު ހަދައިގެން، ގަވާއިދުތައް އިޞްލާޙުކޮށްގެން ކުރަންޖެހޭކަމެއްގެ ގޮތުގައި، އެހެންނަމަވެސް، މިކަން މިއަދު އަޅުގަނޑުމެންނަށް އެބަ ކުރެވޭ.''
މެންބަރު ވަޙީދު ވިދާޅުވިއެވެ.
''އަޅުގަނޑުމެން ބަލަމާ ރާއްޖޭގައި އިންސާފު ގާއިމުވެގެން، އިންސާފުގެ ކަންކަން ހަމަޖެހިގެން އަންނަ ގޮތް. މިދިޔަ ހަތްއަހަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މާލޭގެ މޭޔަރުކަމުގައި ހުރެ ޝިފާގެ އަތް މި މަޖިލީހުން ހަދަމުންދިޔަގާނޫނުތަކުން ކޮންމެ ދުވަހަކު ކަނޑަމުންދިޔަ ތަން. އެކަމަނާ މި ރާއްޖޭގެ ކަންކަން އިޞްލާހުގެ މަގަށް، މި މާލޭގެކަންކަން ރަނގަޅު ހަމަމަގަށް އެޅުވުމަށް ޓަކައި އެތައް މަސައްކަތްތަކެއް ކުރަމުންދިޔަ. އެހެންނަމަވެސް، އެކިއެކިގާނޫނުތަކާއި ގަވާއިދުތަކުން އެއްވެސް ކަމެއް ކުރެވޭނެ ފުރުޞަތުނުދީ އެކަން ދުއްވައިލީ.''
މެންބަރު ވަޙީދު އިތުރަށް ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ މިހާރު މޭޔަރު ޝިފާގެ މައްޗަށް ދަޢުވާކުރުމަށް ޓަކައި ފޮނުވިގެން ދިޔައިރު، ކޮންމެ ކުށަކަށް ވެސް އަދި ކޮންމެކަމަކަށް ވެސް އޭގެ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކުރެވެންޖެހޭނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
''ނަމަވެސް، މި ރާއްޖޭގެ ރައްޔިތުންގަބޫލުކުރޭ، މި ރާއްޖޭގެ މިދިޔަ ހަތް އަހަރުގެ ތެރޭގައި ހިނގި ހުރިހާ ވައްކަމަކާއި، އަދި ހިނގަމުންދިޔަ ހުރިހާކަމެއްގެ ތެރެއިން އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު މިއަދު އެ ކުރިމަތިލަނީ މޭޔަރުކަމަށް. މިހާރުގެމޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވާއިރުގައި އެ ހުރިހާ ކަމެއް ކުރި ފަރާތް މިއަދު އެ ކުރިމަތިލަނީ މޭޔަރުކަމަށް.''
މެންބަރު ވަޙީދު ވިދާޅުވިއެވެ.
މި ރާއްޖޭގެ އިންސާފު ހަމަޖެހިގެންދާ ގޮތް އެބަ ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވެ، ވަޙީދު ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ތަރުތީބުވެގެންދާ ގޮތާއިމެދު ރައްޔިތުން އިންތިހާއަށް ސުވާލުކުރާ ކަމަށް އޭސީސީއަށް ދަންނަވާލަން ބޭނުންވާ ކަމަށެވެ.
''ތިބޭފުޅުންގެ މަސައްކަތްތަކުގެ ތަރުތީބުވެގެންދަނީ ކޮން ގޮތަކަށްތޯ އެބަ ސުވާލުކުރޭ. އެހެންވީމާ، މި ރާއްޖޭގެ އިސްނާފުގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ނޫން މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މިނިވަން މުއައްސަސާތަކަށްއަޅުގަނޑުމެން ގެނައި ބަދަލާ އެކުގައި އަންނަމުންދާ ތަނެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ މުހިންމުވެގެންދޭ އެ ތަންތަނަށް މިގެނެވޭ ބަދަލާ އެކުގައި ރައްޔިތުން ގަބޫލުކުރާ ހަމަޔާއި އިންސާފުގެ ތެރެއިން އެކަން ވެގެންދާނެ ގޮތެއް.''
ވަހީދު ވިދާޅުވިއެވެ.
މެންބަރު ވަޙީދު ވަނީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި، ކުރީގެ ހައުސިން މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވެސް ވާހަކަ ދައްކަވާފައިއެވެ. މި ގޮތުން ދިއްދޫގައި ގާއިމުކޮށްފައި ހުރި 250 ފްލެޓުގެ ތެރެއިން 140 ފްލެޓު މުއިއްޒުގެ މިނިސްޓަރުކަމުގައި ހަވާލުކުރެވިގެން ދިޔަ ގޮތުން އެކަނި ވެސް މުޢިއްޒުގެ މައްޗަށް ދަޢުވާކުރަން ޖެހޭ ކަމަށް ވަޙީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!