މާލޭގައި ހުރި ގިނަ އަދަދެއްގެ އަތޮޅު ފިހާރަ ތަކެއް އަނެއްކާ ވެސް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހިންގަމުން ގެންދާތާ ޒަމާންވީ ގިނަ ފިހާރަތަކެއް އިއުލާނުކޮށްފައިވެ އެވެ. މި އިއުލާނުކޮށްފައިވަނީ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވާތީ އެވެ.

Ad
rt

އިއުލާނުކޮށްފައިވާ ފިހާރަތައް

  1. ކްރެސެންޓް 14 ނަންބަރު ފިހާރަ
  2. ހއ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި
  3. ހދ. އަތޮޅު ފިހާރައިގެ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި ދެކުނުފެންޑާ
  4. ބ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި، ދެކުނުފެންޑާގެ ½
  5. ބ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ ½
  6. ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި
  7. އ. އަތޮޅުފިހާރައިގެ ދެކުނުފެންޑާގެ ދެކުނުބައި
  8. ވ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ 2/1
  9. ތ. އަތޮޅު ފިހާރައިގެ އިރުމަތީބައި، ދެކުނުފެންޑާގެ 2/1، ފެންޑާގެ މަތީބައި
  10. ލ. އަތޮޅު ފިހާރައިގެ އިރުމަތީބައި، ދެކުނުފެންޑާގެ 1/2 ، ފެންޑާގެ މަތީބައި
  11. ލ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ 2/1

މި ފިހާރަތައް ކުއްޔަށް ދޫކުރަން ބިޑް ފޮތްތައް ވިއްކާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމެއް ވިއްކަނީ 10ރ. އަށެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ދޭނެ ކަމަށް ބުނެފަ އެވެ.

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހަވާލުނުކުރާތާ ހަތަރު އަހަރުވުމަށްފަހު އެ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގަ އެވެ.

އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ފިހާރަތަކެކެވެ.

އެކި ފިހާރަތައް އެކި އަގުގައި ކުއްޔަށްދީފައިވާއިރު ކޮންމެ އަތޮޅު ކައުންސިލަކަށްވެސް ލިބެނީ އެފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތަ އެވެ. އެހެން ނަމަވެސް އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް 2014 ވަނަ އަހަރުން ފެށިގެން ޖަމާކޮށްދިނުންވަނީ ހުއްޓާލާފަ އެވެ.