ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްމެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، މި މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް މެންބަރު ޔައުގޫބު އައްޔަނު ކުރެއްވި ހިސާބުން އޭނާގެ ގޮނޑިގެއްލިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ތާވަލުކޮށްފައިވާ އެ މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުން ހުއްދަ ދިނީ ހުސްވި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހުށަހެޅުމަށް ހުއްދަދީ، ސުޕްރީމް ކޯޓުން ދީފައިވާ ލިޔުމުގައި ވަނީ އެ މައްސަލައަކީ، ހިނގަމުންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، 08 ސެޕްޓެންބަރު 2020 ގައި ވުޖޫދުވި ޤާނޫނު ނަންބަރު 13/2020 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ކަމުގައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ހިންގުމަށްޓަކައި އެކުލަވާލެވުނު ކައުންސިލް މެންބަރެއްގެ ގޮތުގައި ޔަޢުޤޫބު ޢަބްދުﷲ ޢައްޔަން ކުރެއްވުމުން އެ މަޤާމް ޔަޢުޤޫބު ޢަބްދުﷲ ޤަބޫލުކޮށް އެ މަޤާމާއި ޙަވާލުވެފައިވާތީ، މިކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ ކޮށްގެންނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއްކުރުން ކަމުގައިވާތީ، މިކަމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ޔަޢުޤޫބު ޢަބްދުﷲ ކުޅަޢަމަލެއްކަމުގައިވާތީ، އެ މަޤާމާ ޙަވާލުވި ވަގުތުން ފެށިގެން ޔަޢުޤޫބު ޢަބްދުﷲ އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރާއި 8 ވަނަ ނަންބަރާ ޚިލާފުވެފައި ކަމަށް ބުނެ، ޔަޢުޤޫބު ޢަބްދުﷲ ފުރަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި އެވަގުތުން ފެށިގެން ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނ. ވެލިދޫ، އެލްޕާޝޯ، މުޙައްމަދު ޙަލީމްގެ ފަރާތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ.

" ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފީމެވެ." އެ މައްސަލަ ހުށަހެޅުމަށް ހުއްދަދީ ސްޕްރީމް ކޯޓުން ދީފައިވާ ލިޔުމުގައި ވެއެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، މި މަހުގެ 16 ވަނަ ދުވަހު ހަލީމް "ތިލަދުން"އަށް ވިދާޅުވީ ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުންކަން ރުޖޫއައެއް ނުކުރެވޭނެ ކަމަށެވެ. "ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި އެއޮތީ ނޫންތޯ ވަރަށް ސާފުކޮށް އެކަން އެނގެން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ" ހަލީމް ވިދާޅުވިއެވެ.

ޔައުގޫބުގެ މައްސަލަ ސްޕްރީމްކޯޓަށް ވަށްދަވާފައި ވާއިރު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެމާއްދާގެ ރ ގައި އެހެން އޮތަސް އެ ހާލަތުގައި މެމްބަރު ކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ. އެހެންކަމުން ޔައުގޫބް ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމާ މެދު ބޮޑު ބަހުސެއް އުފެދުނެވެ.

އައިސީއޭއެމްގެ މެމްބަރު ކަމާއި ޔައުގޫބް ހަވާލުވެވަޑައިގަތުމުން އޭނާގެ މެމްބަރު ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެން ފެށުމުން އޭނާ ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ.