މިއީ އަޖައިބެއް ފަދަ ދުވަހެކެވެ. މައިންބަފައިން ދުނިޔެއާއި ވަކިވެގެންދާ ދުވަހު، ދަރިން އެ ދަރިންގެ މައިންބަފައިން ދެކެ އިންތިހާއަށް ލޯބިވާކަން އެ މީހުންގެ ހުރިހާ އިހްސާސްތަކަކުންނާއި ހަރަކާތްތަކަކުން ދައްކުވައިދެއެވެ. އެދުވަހު މައިންބަފައިންގެ އޯގާތެރިކަމާއި ހެޔޮކަމާއި، ދަރިންނަށް ޓަކައި ވެފައިވާ ޤުރުބާނީ ހަނދާންކޮށް ރޮނީ ތިޔަ ހެނެއް ނޫނެވެ. ލޯބިން ހަމަ ރޮވެނީއެވެ.

އެ ދުވަހު އެ ދަރިންނަށް ހަމަނޭވާ ވެސް ނުލެވެނީ މައިންބަފައިން ދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. މި މަންޒަރު ބަލަން ތިބޭ މީހުން ކޮސްކޮށްލައެވެ. ނަމަވެސް ހިތާމައަކީ ދަރިން މައިން ބަފައިން ދެކެ އެހާ ބޮޑަށް ލޯބިވާކަން އެވަރަށް ހާމަކުރާއިރު ވެސް އެ ދުވަހު މައިންބަފައިންނަށް އެ ލޯބީގެ އިހްސާސެއް ނުވާނެތީއެވެ. އެދުވަހަކު އެ ވަރަށް ލޯބިވާކަމެއް ކުޑަކޮށް ވެސް ނޭނގޭނެތީއެވެ.

Ad
rt

އެހެނަސް އުފެދޭ ސުވާލަކީ އެ މައިންބަފައިން ދުނިޔޭގައި ތިބި އިރު އެ ލޯބިވާކަން ޢަމަލުންނާއި ބަހުން ނުދެއްކީ ކީއްވެބާވައެވެ؟ އެހާ ލޯބިވާއިރު އެ މައިންބަފައިންނަށް އެންމެ މަތީ ދަރަޖައިގެ އިހްތިރާމް ނުދިނީ ކީއްވެތޯއެވެ. މައިން ބަފައިން ދުނިޔޭގައި ތިބިއިރު އެ ލޯބި އެވަރަށް ވާކަން ދެއްކިނަމަ އެމައިންނާއި ބަފައިން ކިހާ އުފާވާނެތޯއެވެ. އަދި އޭރުން އެ ކުރުވެގެން ދިޔަ އުމުރު ދިގުނުވީސް ހެއްޔެވެ؟

އެވެރިން މި ފަނާކުރުވަނިވި ދުނިޔެއާއި ވަކިވުމުން އެވާ ލޯތްބާއި އެއުޅޭގޮތް ފެންނާނެ ހެއްޔެވެ؟ އެދުވަސް އަންނަންދެން ދަރިން އެ ދަރިންގެ މައިންބަފައިން ދެކެ ލޯބިވާކަން ހާމަނުކޮށް މަޑުކުރަނީ ކީއްވެބާވައެވެ؟ ހަޤީޤީ ލޯބި ވާކަން ތަމްސީލްކޮށްދީ ހެޔޮކޮށް ހިތާ ހަދަންވީ ދުނިޔޭގައި މައިންބަފައިން ތިއްބާ ނޫންހެއްޔެވެ؟

ދަރިން މައިންފައިން ދެރަކޮށްލީ ކިތައް ދުވަހުއެވެ. އެހިތްތައް ރޮއްވާލީ ކިތައް ފަހަރުހެއްޔެވެ؟ މައިންބަފައިން ދަރިންގެ އެހީތެރިކަމަށް އެހާ ބޭނުންޖެހިފައި އާދޭސްކުރިއިރު ކަމެއް ކޮށްނުދީ އެހެން މީހުންނަށް ކަންކަން ކޮށްދީ ހެދީ ހަމަ އެމީހުންގެ ލޯމަތީގަ ނޫންހެއްޔެވެ؟ ހެޔޮ ބަހެއް ނުބުނާތާ ހީލާފައި ވާހަކަ ވެސް ނުދައްކައެވެ. ކުރީ ފުރައްސާރައެވެ. އެކި ކަންކަމަށްޖެހީ ޖޯކެވެ. މިހެން ކަންކަން ކޮށްފައި މައިންބަފައިން ދުނިޔެއިން ވަކިވުމުން އެގޮތަށް އުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ދަރިންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އަންނަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އޯގާތެރިވެގެންނެވެ. އެއީ ދުނިޔޭގައި އެ މީހުން ތިއްބާ ދޭންޖެހޭ ލޯތްބެކެވެ. މަރުވީމާ ލޯބިވާ ކަމަށް ދައްކަން ރޮއެ ހޭރުމަކީ ބޭކާރު ކަމެކެވެ. ދަރިންގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާ ހާލު، އެލޯތްބާއި ކުލުނުވެރިކަން ނުލިބި، ދުނިޔެއިން ވަކިވުމުން ދެން އެވާ ލޯބީގައިވަނީ ދެއްކުންތެރިކަމެވެ. އެހެން ނުހަދާށެވެ. ދުނިޔޭގައި އެމީހުން ތިއްބާ ދަރިންގެ އުޅުމުންނާއި ގުޅުމުން މައިންބަފައިންގެ ހިތްތައް ލޯބިން ފުރާލާށެވެ. އެއިރުން ފަހުން ރޮއެ ހިތާމަ ކުރާކަން ނުޖެހޭނެއެވެ. ފަހުން މައިންބަފައިންދެކެ ލޯބިވެވުނު ނަމަ ކިހާ ރަނގަޅުވީސް ހޭ ހިތަށް އަރާ ތިމާއަކީ ކުށްވެރިއެއް ކަމުގެ އިހުސާސް ކުރާކަށް ވެސް ނުޖެހޭނެއެވެ.

މިލިޔުމަކީ އިބުރާހީމް ނަސީމް، މަލަސް/ ރ.އުނގޫފާރު ލިޔުއްވާފައިވާ ލިޔުމެކެވެ.