ފާދިއްޕޮޅުން (ޅ.އަތޮޅު) ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތް ކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ.

Ad
rt

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ، މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ޅ.އަތޮޅު މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދާއި، ސެއްޅިފުށި – ހިރިޔަދޫ ސަރަހައްދާއި، މާކޯ ސަރަހައްދާއި، ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާފައިވާ ގެޒެޓު ކުރެވިފައިވަނީ އިއްޔެ އެވެ.

މި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު ގައިވާގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނެއެވެ.

ޅ. އަތޮޅުން ހިމާޔަތް ކުރުމަށް ނިންމި 5 ސަރަޙައްދު

ޅ.މާގަނދު (އެނިމޮނީ) ތިލަ،

Maagandu Thila (Anemone Thila) Region

މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާރޑް ކޮރަލް ގިނަ ސަރަހައްދެކެވެ. މި ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ތަނެކެވެ.

މި ތިލައިން އެންމެ ގިނައިން ފެންނަ މާގަނޑުގެ ބާވަތެއް ކަމަށް ރިކޯޑްކުރެވިފައިވަނީ މެގްނިޕިސަންޓް ސީ އެނިމޯން (Heteractis magnifica) އެވެ. މި ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަނހަބު ހިމެނެއެވެ. މި ސަރަހައްދުގައި 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑްކުރެވިފައިވެއެވެ. ފަރުފަރާއި، ތިލަތަކަކީ ކަނޑުގެ ދިރުންތަކުގެ ނަސްލުތައް ދަމަހައްޓައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ އެންމެ ފުރިހަމަ ވަސީލަތަށްވާތީވެ، މިފަދަ ސަރަހައްދުތައް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

https://reefs.com/2017/05/02/anemone-heaven/

ޅ. ދިއްފުށި - މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު،

ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން 5 ރަށަކަށް ބަހާލާފައިވާ އިރު، މި ރަށުގެ އެންމެ އުތުރަށް އޮންނަ 2 ރަށެވެ. ޅ. ސެއްޅިފުށި - ހިރިޔަދޫ ސަރަހައްދަކީ ފާދިއްޕޮޅުގެ އިރުމަތީ ބިތުގައިވާ ފަޅުރަށެކެވެ. ތާރީޚީ ގޮތުން ބަލާއިރު މި 5 ރަށް ވަކިން އޮތްކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވިފައިވެއެވެ. މި ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ޙާއްޞަ މާހައުލެކެވެ.

މިފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެކެވެ. މި ރަށުގައިވާ ކުޅީގެ ވަށައިގެން 15 ބާވަތެއްގެ ގަސްގަހާގެހި ހެދިފައިވެއެވެ. މި ރަށުގައިވާ ކަހެރުތައް ގަސްތަކަކީ ދިވެހިރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެކެވެ. އަދި މިރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.

ޅ.މާކޯ،

Maakkoa

ޅ. މާކޯ އަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ޚާއްޞަވަނީ މިރަށުގައިވާ ކުޅި އާއި އެކުޅީގައާއި އަދި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ. މި ގޮތުން މިރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެކެވެ.

ފޮޓޯ: އަދުނާން ހަލީމް

މި ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑުކޮށްފައިވެއެވެ. މިރަށުގެ ކުޅިއަކީ ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކާރބަން ސިންކްއެއްގެ އިތުރުން، ރަށަށް ރީތިކަން ގެނެސްދޭ މާހައުލެކެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި މިރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވެއެވެ. މީގެ އިތުރުން މިރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، 2 ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.

ޅ.ވައްވަރު

Vavvaru, Dhandifalhu Finolhu and Dhandifalhu Kanduolhi

ޅ. ވައްވަރަކީ ނައިފަރުގެ ދެކުނަށް އޮންނަ ފަޅު ރަށެކެވެ. މި ރަށުގެ ވަށައިގެންވާ ފަރަކީ ޤުދުރަތީ ދިރުންތަކުން މުއްސަނދި ފަރެކެވެ. މިފަރުތަކުން ފާހަގަ ކޮށްލެވޭ ދިރުންތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ 'ޔެލޯ މައުތުޑް މޮރޭ
އީލް (Gymnothorax nuditomer) އާއި، އެކި ބާވަތްތަކުގެ ކަޅުވެނާއި، އަދި ދަންބޮޑު މަހުގެ އައިންތައް ހިމެނެއެވެ.

މިފަރުތަކުން ޢާއްމުގޮތެއްގައި ވެލައާއި އެންމަޑިއާއި، ވައިފިޔަ މައި، އަދި ކަންނެލި ގިނަ އަދަދަކަށް ފެނެއެވެ. މި ފަރުގައި ހިމެނޭ ހޮހަޅަތަކާއި، މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާރހޭންގްސް) ތަކާއި، އަދި ދަނބު ކުލައިގެ މުރަކަތަކަކީ، މި ފަރުގެ މުއްސަނދިކަން އިތުރުކޮށްދޭ ސިފަތަކެކެވެ. ވައްވަރާއި އިންވެގެން ދެކުނަށް އޮންނަ ފަޅުގައިވާ ދަނޑިފަޅު ފިނޮޅަކީ މިސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ ބާވަތްތަކުގެ ކަނޑުމަތީ ދޫނިތައް ޖައްސާ، މިތަކެތި އާލާވެ، ދިރިއުޅޭ މާހައުލެކެވެ. އަދި މަސްމަހާއި މެހީގެ ނާރސަރީއެއްގެ ގޮތުގައި ވެސް ފާހަގަކުރެވިފައިވާ ތަނެކެވެ.

ވައްވަރު ރަށާއި ދަނޑިފަޅު ފިނޮޅުގެ ދެމެދުގައިވާ، ދަނޑިފަޅު ކަނޑުއޮޅިއަކީ ތިމާވެށީގެ ގޮތުން މުއްސަނދި، މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މަސްމަހާމެއްސާއި، މުރަކައިގެ ބާވަތްތައް ގިނަ ކަނޑުއޮޅިއެކެވެ. މި ތަނުން ފެންނަ ދިރުންތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ މަޑި، މިޔަރު، ވެލާ، ފާނަ، އަދި ފަރުތޮޅި ހިމެނެއެވެ. އަދި މި ސަރަހައްދަކީ ގިނަ އަދަދަކަށް ' ގޯރގޮނިއަން ފޭންސް ' ފެންނަކަމަށް ރެކޯޑްކޮށްފައިވާ ކަނޑުއޮޅިއެކެވެ.

ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ. ދަށުގިރި ފިނޮޅު ސަރަހައްދު

ޅ. ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށްދާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މިފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއްކަން ފާހަގަކުރެވިފައިވެއެވެ.
ކަނޑުމަތީ ދޫންޏަކީ ކަނޑުގެ ނިއުޓްރިއަންޓް ނުވަތަ ކަނޑުފަޅުގެ ދިރުންތަކުން ލިބިދޭ ކާނާ އެއްގަމަށް ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތެވެ.

މިމާހައުލަކީ، ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަންއަރާ، ދޫނި ބިސްއަޅާ، ވިހާ އާލާވެ، އިކޮލޮޖިކަލީ މުހިއްމު މާހައުލެކެވެ. ފިނޮޅަށް ލިބޭ ޙިމާޔަތަކީ މިދޫނިތަކަށްވެސް ލިބިދޭނެ ޙިމާޔަތެއްކަމުން، ލާމެހިފައިވާ ވެށީގެ ދިރުންތަކަށް ލިބިދޭ މަންފާއިން މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެއެވެ.