މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީއިން މިއަދު ކުރި އިޢުލާނެއްގައި ދަންނަވާފައިވަނީ އެކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހޭކަމަށެވެ. މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައިކަމަށާއި އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބު ކުރުން މިއަހަރު ބާއްވާ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި އޮންނާނެކަމަށް ބުނެފައިވެއެވެ.

Ad
rt

ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެކަމަށާއި އަދި މީގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތަކަކަށް ވާންޖެހޭނެކަމަށް ބުނެފައި ވެއެވެ.

އެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން "އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު އޮކްޓޯބަރު 26 ގެ ކުރިން އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އަށް އީމެއިލް ކުރަން އެދިފައިވެއެވެ.