ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަނދު ކުރުމުން މެދު ކެނޑުނު އެމިރޭޓްސް އެއާލައިންގެ ދަތުރުތައް އަލުން ފެށިއިރު މަދުވެފައިވީ ނަމަވެސް، އެ އާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މިގޮތުން އެ އާލައިން ވަނީ މި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާގެ ހަތްދުވަހު ފްލައިޓު ބާއްވަން ނިންމާފައި އެވެ.
އެ އެއާލައިނުން މިހާރު ހަފްތާއަކު ހަ ފްލައިޓު ދުބާއީ އާއި ވީއައިއޭ އާއި ދެމެދު ބާއްވައެވެ. އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 777 ގެ މަތިންދާ ބޯޓެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހަތަރު މަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15ގައި ބޯޑަރު ހުޅުވާލުމުން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ ޖުލައި 16 ވަނަ ދުވަހު އެވެ. އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.
ކޯވިޑްގެ ސަބަބުން ހުއްޓުމަކަށް އައި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރުކޮށް، ގިނަ މަސައްކަތް ތަކެއް ދަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!