އެވޭލާ ޒަމާނުއްސުރެ މިއަދާއި ހަމައަށް ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ބޭފުޅަކު ވެސް ތިލަދުންމަތި ދެކެނީ ބިރުވެރި ނަޒަރަކުން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ އެކަން އެހެން އޮތް ނަމަވެސް މިއަދުގެ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތިލަދުންމަތީ ތަރައްޤީއަށް ކުރާ އަގުހުރި މަސައްކަތަށް އިންތިހާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

އިބްރޭ އިތުރަށް ''ތިލަދުން'' އަށް ވިދާޅުވީ ޒަމާނުއްސުރެ، ރަސްރަސްކަލުންގެ ޒަމާނުއްސުރެ ވެސް ވެރިކަމުގައި ތިއްބަވާ ބެފުޅުން ތިލަދުން މައްޗާއިމެދު ދެކޭގޮތް ތަފާތު ކަމަށެވެ.

'' ބައްލަވާ، ޕޯޗްގީޒުންގެ ދުވަސްވަރު އެމީހުންގެ އެންމެ ވަރުދަގަ އެކަކު، ވިޔަޒޯރުވެސް ގާއިމުވެ ހުރީ ތިލަދުންމަތީގައި، ހޮޅިންގެ އިރުވެސ،ް މަލާބާރުންގެ ދުވަސްވަރުވެސް ކަންކަން ހުރީ އެހެން ކަމަށް ތާރީޚުން ފެންނަށް އެބަހުރި، އަމީން ދީދީގެ ވެރިކަމުގައިވެސް މި ސަރަޙައްދަށް ނުފޮނުވާނެ ނައިބު ވަޒީރަކަށްވުރެ ދަށް މަގާމެއްގެ ބޭފުޅެއް'''އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ވެރީން ބޮޑު ތިލަދުންމައްޗާއިމެދު ދެކޭ ގޮތުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ މި ސަރަޙައްދަށް ފުރުޞަތުތައް ދިނުމަށް ފަސްޖެހިފައިވުން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ވެރިކަމުގައި އެ ތާރީޚް ބަދަލުވެ، ބޮޑުތިލަދުންމަތީގެ ރަށްޔިތުންނަށްޓަކައި ފެއްޓެވި މަސައްކަތްތައް ހެޔޮހިތުން ބަލައިގަނެ، ތިލަދުންމަތީގެ ދަރިއެއްގެ ހައިސިއްޔަތުން ޝުކުރުވެރިވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.

''އެވޭލާ ޒަމާނުއްސުރެ މިއަދާއި ހަމައަށް ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ބޭފުޅަކު ވެސް ތިލަދުންމަތި ދެކެނީ ބިރުވެރި ނަޒަރަކުން، ނަމަވެސް މިއަދުގެ ސަރުކާރުން ތިލަދުންމަތީ ތަރައްޤީއަށް ކުރާ އަގުހުރި މަސައްކަތަށް އިންތިހާއަށް ޝުކުރު ދަންނަވަން''

- އިބްރާޙީމް ޝަރީފް، ކެލާ ދާއިރާގެ މެންބަރު -

'' ކޮޗިންނާއި ރާއްޖެއާއި ދެމެދުގެ ފެރީވެސް މިއޮތީ އަޅުގަނޑުމެންނަށް އެތައް ކުރިއެރުމުގެ ދޮރެއް ހުޅުވިގެންދާ ގޮތަށް ފަހި ކޮށްދެއްވާފައި، އަނެއްކޮޅުން ހަނިމާދޫ އިންޓަރނޭޝަަނަލް އެއަރޕޯޓް އެތަރައްޤީ ކުރަށްވަން ފައްޓަވަނީ، މިއާއިއެކު މިސަރަޙައްދުގައި 8000 ފަތުރުވެރިކަމުގެ އެނދު ތަރައްޤީ ކުރުމުގެ ޕްލޭން އެ ގެންގުޅެނީ، މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާނެ، އެތައް ވަޒީފާގެ ފުރުޞަތުތަކާއި، އިޤްތިޞާދީ ނާރެހަކަށް މި ސަރަޙައްދު ބަދަލުވެގެން ދާނެ ކަންކަން" އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ވޭތުވި ސަރުކާރުން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދެއްކި އެންމެ ބޮޑު ހުވެފަނަކީ އައި ހެވަން މަޝްރޫޢު ކަމަށެވެ. ނަމަވެސް އެ މަޝްރޫޢު ބިލާހަކަށް ވެގެން ދިޔައިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާއި ގުޅިގެން ތަރައްޤީ ކުރުމަށް އުޅެފައި، އެކަންވެސް ނުވެ އެންމެ ފަހުން މި ސަރުކާރަށް ޖެހުނީ އެމީހުންނަށް ބަދަލު ދޭން ކަމަށެވެ. އަދި ކުޅުދުއްފުށީ އެއަރޕޯޓްވެސް ތަރައްޤީ ކުރަންވީ ގޮތަށް އެ ސަރުކާރަށް ތަރައްޤީ ނުކުރެވުނު ކަމަށް ވެސް އިބްރޭ ވިދާޅުވިއެވެ.

އިބްރޭ މިހެން ވިދާޅުވިއިރު އިންޑިއާއާއި ރާއްޖެއާއި ދެމެދު ފެރީގެ ދަތުރުތައް ފަށައި، ފުރަތަމަ ފެރީ މިހާރު ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.މި ފެރީ ބަނދަރު ކުރާނީ ކުޅުދުއްފުށީ ސިޓީގައިއެވެ.

މީގެ އިތުރުން އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށާއި، އައު ޓާމިނަލެއް އެޅުމާއިއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހަޤީޤީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.