ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ އިމާރާތް، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ އެމަސައްކަތްތައް 19 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެއެކެވެ.
ހޯރަފުށި އެއަރޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން، އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހުސްވި އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. މި މަޝްރޫޢުގެ އަގަކީ ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އެވެ.
އެމްޓީސީސީއިން ހޯރަފުށީގައި އެއަރޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއިރު އެކުންފުނިން ވަނީ 29 އޯގަސްޓް 2020 ގައި އެ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް ވެސް ފަށާފައިއެވެ. މި މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!