އަހަރެންގެ އުމުރުން 13 އަހަރާއި ހަމައަށްވެސް އެއްވެސް މަދަރުސާއަކުން ކިޔެވުމުގެ ފުރުޞަތެއް ނުލިބެއެވެ.
އުމުރުގެ ޅަފަތުގެ ދުވަސްވަރު ހޭދަކުރަން ޖެހުނީ ބަންގާޅުގެ މިމެންސިންގް ހޮސްޕިޓަލުގައެވެ. ނޭވާހިއްލާ ބަލި ބޮޑުވެ ދެފަހަރަކު އަހަރެން މަރުވިކަމަށްވެސް ޑޮކްޓަރުން ނިންމިއެވެ. ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްވަރު ވާހަކަ ދައްކާލާނޭ މީހަކުވެސް ނުހުރެއެވެ. އެހެން ކަމުން އަހަރެންގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީއެއް ނުވެއެވެ. ރަނގަޅަށް ވާހަކަދައްކަން ދަހެއް ނުވެއެވެ. މި ސަބަބާއި ހުރެ ސްކޫލަށް ދާންފެށުމުން އަމިއްލަ މާދަރީބަސް ކަމުގައިވާ ބަންގާޅުބަސް ދަސްކުރުމުގައިވެސް ތަކުލީފުތަކާއި ކުރިމަތިލާން ޖެހުނެވެ.
ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގައި އެތަނުން ލިބޭ ބައެއް ފޮތްތަކުގައި ހުންނަ ކުރެހުންތައް ބަލަމެވެ. ކިޔަން ނޭނގުނަސް ކުރެހުންތައް ބަލައިގެން އެއީ ކޮން އެއްޗެއްކަން ދެނެގަންނަން މަސައްކަތް ކުރީމެވެ. އެގޮތުން ސައިންސް ފޮތްތަކުގައި ހުންނަ ބޮއިންގ747 އެފް (ޔޫއެސް ސްޕޭސް ޝަޓްލް) އަދި ރަޝިޔާގެ ސްޕޭސް ޝަޓްލް ބުރާންގެ ފޮޓޯތައް ބަލައި ހަދަމެވެ. ހޮސްޕިޓަލުގައި "ތާށިވެފައި" އޮތް އިރު އަހަރެންގެ ޅަހިތް ހުވަފެން ތަކެއް ދެކެމުން ދިޔައެވެ. އެއީ އެފަދަ ރޮކެޓްތަކެއް އުފައްދައި ތަހުލީލީ ދަތުރުތަކެއް ކުރުމެވެ.
ޒުވާން އުމުރަށް އެޅުމާއި އެކު ހުވަފެންތައް ބަދަލުވެގެން ދިޔައީ އެއިރޯސްޕޭސް އިންޖީނޭރަކަށް ވުމަށެވެ. އެހެނަސް އެއީ ވަރަށް "ނާދިރު" ހުވަފެނެއްކަންވެސް ދެނެހުރީމެވެ. ކުރިމަގަށްޓަކައި މިފަދަ ހުވަފެންތައް ދެކޭތީ އަހަރެންނަކީ އާދައިގެ މީހެއް ނޫންކަން މަންމައާއި ބައްޕައަށް އަވައްޓެރިން އަބަދުވެސް ހަނދާންކޮށްދެއެވެ. އަދި އަހަންނަށްޓަކައި ފަހަށް ފައިސާ ރައްކާކުރުމަށް އެދެމުން ދިޔައެވެ. އޭރުވެސް އަހަރެން ވަރަށް ބައްޔެވެ. އަދި އިމްތިހާނުތަކުން ނެރެވެނީ ދަށް ނަތީޖާއެކެވެ.
އޭގެ ފަސް އަހަރުފަހުން މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ފާސްވެ ހުރިހާ މާއްދާ އަކުންވެސް ޑިސްޓިންކްޝަން ހޯދީމެވެ. އެއާއިއެކު ޔުނިވަރސިޓީއަށް ވަނުމުގެ އިމްތިހާނުން ފާސްވެ ބަންގާޅުގެ އެންމެ ރަނގަޅު ޔުނިވަރސިޓީތަކުން ޖާގަ ލިބުނެވެ.
އަހަރެންގެ ހުވަފެނަކީ އެއިރޯސްޕޭސް އިންޖިނިއަރަކަށްވުން ކަމަށްވެފައި ބަންގާޅުން އެފުރުޞަތު ފަހިވެފައި ނެތުމުން ޤައުމުން ބޭރަށް ދިއުމަށް ނިންމީމެވެ. އެގޮތުން ޖަރުމަނަށް ދަތުރުކުރީމެވެ. ކިޔެވުން ކުރިއަށް ގެންދަން ޖެހުނީ ޖަރުމަނު ބަހުން ކަމަށް ވާތީ އެބަސް ދަސްކުރީމެވެ.
އެތަނުގައި ހޭދަކުރީ ހިތްދަތި އަދި އުނދަގޫ ދުވަސްތަކެކެވެ. ނިދާނެތަނެއް ނެތިގެން އެތައް ރެއެއްގެ ނިދިން މަޙުރޫމްވާން ޖެހުނެވެ. ކާނެއެއްޗެއް ނެތިގެން އެތައް ދުވަހަކު ބަނޑުހައި ހޫނުކަން ތަހައްމަލު ކުރީމެވެ. ހޯމްވޯކު ހަދާނެތަކެއް ނެތުމުން މެކްޑޮނަލްޑަށް ގޮސް އެތަނުގައި އެ މަސައްކަތް ކުރީމެވެ. މިހުރިހާ ވޭނަކާއި ކެކުޅުމެއް ބަރުދާސްތުކޮށް މަންޒިލާއި ހަމައަށް ވާޞީލުވެވުނުއިރު އެއިރޯ ސްޕޭސް އިންޖިނިއަރިންގެ ރޮނގުން ފުރަތަމަ ޑީގުރީއާއި މާސްޓަރސް ޑިގުރީ އޮތެވެ. މިކާމިޔާބީއާއި އެކު ދުނިޔޭގައި ފަސިންޖަރުން އުފުލާ އެންމެ ބޮޑު އެއަރކްރާފްޓް އޭ300ގައި މަސައްކަތް ކުރީމެވެ. އެއަށްފަހު ޖަރުމަނު ތަމްސީލުކުރަން އެމެރިކާއަށް ދިއުމުގެ ފުރުޞަތު ލިބުނެވެ.
އޮކްސްފޯޑު ޔުނިވަރސިޓީއިން ހައިޕަރސޮނިކްސް އިން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ލިބުމުން މިހާރު ކިޔަވަމުން މިދަނީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ އުޅަނދުފަހަރާ ގުޅޭ ދާއިރާއިންނެވެ. މިއަދު އަހަންނަކީ ތިންބަހުން މުޢާމަލާތުކުރަން ދަންނަ އެއިރޯސްޕޭސް އިންޖިނޭރެކެވެ. ކުރަމުން މިގެންދަނީ ކުރިމަގުގެ ރޮކެޓް ޓެކްނޮލޮޖީ ފަރުމާ ކުރުމުގެ މަސައްކަތެވެ.
ބޮޑެތި ހުވަފެންތައް ދެކޭށެވެ. އުއްމީދު ކަނޑާ ނުލާށެވެ. ތިބާގެ ހުވަފެންތަކަށް އެހެންމީހުން ޒަހަރުލިޔަ ނުދޭށެވެ. ތިބާއީ ކޮންމެ ޤައުމަކަށް އުފަންވީ، ކޮންމެ ހާލެއްގައި އުޅެން ޖެހިފައިވާ މީހެއްކަމުގައި ވިޔަސް ހުވަފެން ދެކުން ހުއްޓާ ނުލާށެވެ.
ބައެއް މީހުން އަހަރެންނަކީ އިންޖިނޭރެއްގެ ގޮތުގައި ސިފަކޮށްފާނެއެވެ. އަނެއްބަޔަކު އަހަންނަކީ ރޮކެޓް ސައިންޓިސްޓެއްގެ ގޮތުގައިވެސް ސިފަކޮށްފާނެއެވެ. އެކަމަކު އަހަރެން ދެކޭގޮތުގައި އަދިވެސް އަހަންނަކީ ހުވަފެން ދެކޭ މީހެކެވެ.
ހިއުމަންސް އޮފް އޮކްސްފޯޑް ޔުނިވަރސިޓީގެ ފޭސްބުކު ޕޭޖް ގައިވާ "ޙަސަން ސާދު އިފްތީ" ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.
ތަރުޖަމާ: އާދަމް ޝަރީފް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!