ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން މިއަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް، އޭއެފްސީން ކެންސަލްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މިގޮތުން އޭއެފްސީ ކަޕްގެ އިތުރުން އެބައްދަކުވުމުގައި ވަނީ އޭއެފްސީ ފުޓްސަލް ކުލަބު ޗެމްޕިއަންޝިޕާއި އޭއެފްސީ ސޮލިޑާރިޓީ ކަޕުވެސް ވަނީ ކެންސަލްކޮށްފައެވެ.
މި ނިންމުމުގެ ސަބަބުން ރާއްޖެއިން މި މުބާރާތުގައި ކުޅޭ ދެ ޓީމަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ. މި މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގައި ހިމެނޭ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބް ވަނީ މުބާރާތުގެ މެޗްތަކަށް ތައްޔާރު ވުމަށް ފައިސާގެ ގޮތުން މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފެއެވެ.
ރާއްޖޭގެ ދެ ޓީމަކާއެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވިއިރު މި މުބާރާތުގެ ބާކީހުރި މެޗުތައް މާލޭގައި ކުޅުމަށް ކުރި ބިޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އެހެން ޒޯންތަކުގެ މެޗުތައް ކުޅޭނެ ގައުމެއް ކަނޑަނޭޅުނީ މުބާރާތް ބާއްވަން އެއްވެސް ޤައުމަކުން ޝައުގުވެރިކަން ފާޅުނުކުރުމުންނެވެ.
އޭއެފްސީ ކަޕު ކެންސަލްކުރި ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ބާކީހުރި މެޗުތައް މިއަހަރު ކުޅޭނެއެވެ. އެގޮތުން ފައިނަލް މެޗު ޑިސެމްބަރު 19 އަށް ވަނީ ކުޅުމަށް ތާވަލުކޮށްފައެވެ.
އޭއެފްސީ ކަޕު އަންނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ދެ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!