19 އޭޕްރިލް 2020 ވަނަ ދުވަހަކީ ބޮޑު ތިލަދުންމަތި އެ ދުވަހެއްގެ މަތިން ޒަމާންތަކަށް ހަނދާން ހުންނާނެ ދުވަހެކެވެ. އެ ދުވަހަކީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ސިހުންގެނުވި، ބިރުވެރިކަން އިހްސާސްވި ދުވަހެކެވެ. ނަމަވެސް އެދުވަހު އެ ރައްޔިތުން މާޔޫސް ވުމެއްނެތި އިސްކުރީ އެކުވެރިކަމެވެ.

ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރިގަތެވެ. އެބަލީގެ ސަބަބުން ދުވާލަކު އެތައް ފުރާނައެއް ގެއްލެމުން ދިޔައިރު، ސައިންސްވެރިންނާއި ސިއްޙީ މާހިރުން ދިޔައީ ހޭބޯނާރާ ބަލި ދެނެގަނެ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

އެބަލީގެ ރާޅު މިކުޑަކުޑަ ޖަޒީރާ ދިވެހި ރާއްޖެއަށް ފޯރައި، ފުރަތަމަ ކޯވިޑް-19 ކޭހެއް ރާއްޖޭގައި ރިޕޯޓް ކުރީ 2020 ވަނަ އަހަރުގެ މާރިޗް 7 ވަނަ ދުވަހެވެ. އޭގެ 43 ދުވަސްފަހުން، 19 އޭޕްރިލް 2020 ވަނަ ދުވަހަކީ އެ ބަލި ރާއްޖޭގެ އަތޮޅެއްގެ މީހުން އުޅޭ ރަށަކުން ފެނުނު ފުރަތަމަ ދުވަހެވެ. އެދުވަހަކީ ރާއްޖޭގެ އެންމެ އުތުރު ބިތުން ހއ. އުލިގަމުން ކޯވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެކަން އެނގުނު ދުވަހެވެ. އެއީ މާލެއިން ފުރަތަމަ ކޯވިޑް ކޭސް ފެނުނުތާ އެންމެ ހަތަރު ދުވަސްފަހެވެ. މާލޭއިން ފުރަތަމަ ކޯވިޑް ކޭހެއް ރިޕޯޓްކުރީ 2020 އޭޕްރިލް 15 ގައިއެވެ.

ރާއްޖެއަށް މިބަލި އައިތާ ކުރީކޮޅު، މާލެ ފިޔަވައި އެންމެ ފުރަތަމަ ކޯވިޑް ފޯރި ސަރަޙައްދަކަށް ބޮޑުތިލަދުންމަތި ވެގެން ދިޔައެވެ. ބިރާއި، ސިހުމާއި، ހައިރާންކަން އެ ސަރަހައްދުގެ ރައްޔިތުންނަށް ގެނުވިއެވެ. ހާސްވެ، ކަންބޮޑުވުން ފެތުރުނެވެ.

19 އޭޕްރިލް 2020، ހއ. އުލިގަމް، އިހަވަންދޫ ކާވިޔާ ބޯޓު ކޭސް

19 އޭޕްރިލް 2020 ވަނަ ދުވަހު އުލިގަމުން ކޯވިޑް ކޭހެއް ފެނުނުއިރު އެއީ ރާއްޖޭގައި އެ ބަލި ފެތުރެން ފެށިތާ ވަރަށް ކުރީކޮޅެވެ. އޭރު ރާއްޖޭގައި ތިބީ އެބަލީ ޖުމްލަ 37 މީހުންނެވެ. އޭގެތެރެއިން ތެރެއިން 16 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. ސިއްހީ ޚިދުމަތްތެރީންނަށް ވެސް އެ ބައްޔަކީ މުޅިން އައު ބައްޔެކެވެ. އަމުދުން ރައްޔިތުންނަށް އެ ބައްޔަކީ އައު ބައްޔެކެވެ. އޭރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ޚާއްޞަކޮށް ޔޫރަޕްގައި ދުވާލެއްގެ މައްޗަށް އެތައްސަތޭކަ މީހުންނެއް ދިޔައީ އެބަލީގައި ދުނިޔެ ދޫކުރަމުންނެވެ.

އުލިގަމުން ޕޮޒިޓިވްވި މީހާ އެރަށަށް ދިޔައީ އޭޕްރިލްމަހުގެ 15 ވަނަ ދުވަހު ހެނދުނު ހއ. އިހަވަންދޫގެ ކާވިޔާ ބޯޓުގައެވެ. އެ ބޯޓުގައި ހއ. އަދި ހދ. ގެ ހަތް ރަށަކަށް ނިސްބަތްވާ މީހުން ދަތުރު ކުރިއެވެ. މިގޮތުން އުލިގަމު ކޯވިޑް ކޭހާއި ގުޅިގެން އެޗްޕީއޭއިން އޭރު މޮނިޓަރިންގ ހާލަތަށް ގެނައި ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ. އުލިގަމު ކޭހާއިގުޅިގެން 131 މީހެއް ދެނެގަނެވުނެވެ.

25 އޭޕްރިލް 2020، ށ. ނަރުދޫ، އަމާޒު ބޯޓު ކޭސް

ކޯވިޑްގެ ބިރުވެރިކަން ދާދި ފަހަކާއި ޖެހެންދެން މާލެ ފިޔަވައި ރާއްޖޭގައި ތަޖުރިބާ ކުރަމުންއައި ސަރަޙައްދަކީ ވެސް ބޮޑު ތިލަދުންމައްޗެވެ. އުލިގަމު ކޭހަށްފަހު ށ. ނަރުދޫން ކޯވިޑް ފެނުނެވެ. އެރަށުން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ފުރަ ބަންދު ކުރި ދުވަސް ކަމަށްވާ 15 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. ކެޕްޓަން ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

އަމާޒު ބޯޓުންވަނީ އުތުރުގެ 13 ރަށަކަށް ނިސްބަތްވާ 98 މީހަކު ދަތުރުކޮށްފައެވެ. އެކަމާއި ގުޅިގެން އެޗްޕީއޭއިން އެރަށްތައް މޮނިޓަރިންގއަށްލައި، ގުޅުންހުރި މީހުން ވަނީ ވަނީ ކޯވިޑަށް ޓެސްޓްކޮށްފައެވެ. އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން އިތުރު ރަށަކުން މީހަކު ޕޮޒިޓިވްވެފައި ވަނީ ށ. މިލަންދޫން އެކަންޏެވެ. އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ 28 އޭޕްރިލް 2020 ގައެވެ.

28 އޭޕްރިލް 2020 ވަނަ ދުވަހު އިތުރު 7 މީހަކު ނަރުދޫން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ. އެދުވަހު ޕޮޒިޓިވްވީ އަމާޒު ބޯޓުގެ ކެޕްޓަގެ އަންހެނުންނާއި، ކެޕްޓަންގެ 3 ދަރިންގެ އިތުރުން ކެޕްޓަން ޅީ ދަރިއަކާއި، އަމާޒު ބޯޓުގެ ދެ ފަޅު ވެރިންނެވެ. މިމީހުން ހއ. ދޮނަކުޅި އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނީ 29 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެރަށުން އިތުރު 2 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން ހާމަކުރީ 2 މެއި 2020 ވަނަ ދުވަހެވެ. އެފަހަރު ޕޮޒިޓިވްވީ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނާއި، އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. ނަރުދޫން ވަނީ މި ކޭސްތަކާއި ގުޅިގެން 98 މީހެއްގެ ސާމްޕަލް ވެސް ނަގާފައެވެ.

1 މެއި 2020، ހއ. ތަކަންދޫ، އިހަވަންދޫ ކާވިޔާ ބޯޓު ކޭސް

1 މެއި 2020 ވަނަ ދުވަހު ތަކަންދޫން ވަނީ ކޯވިޑަށް 3 މީހުން ޕޮޒިވް ވެފައެވެ. އެމީހުންނަކީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އިހަވަންދޫ ކާވިޔާ ބޯޓުން ދަތުކުރި އެރަށު 36 މީހުން ތެރޭ ހިމެނޭ 3 މީހުންނެވެ.

27 ޖުލައި 2020، ހއ. ކެލާ، ސަވާރީ ބޯޓު ކޭސް

ކެލާ ސަވާރީ ބޯޓު ކޭހުގައި ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. އޭނާ ވަނީ ޖުލައި 28 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކޮށްފައެވެ. އޭނާ ދޫކޮށްލީ 12 އޯގަސްޓް 2020 ގައެވެ. ކެލާ ސަވާރީ ބޯޓުން ދަތުރުކުރި އިތުރު 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހެވެ.

ހއ. އިހަވަންދޫ، ތަޚުތު ބޯޓު އަދި 242 ބޯޓު ކޭސް

އިހަވަންދޫން ފުރަތަމަ ކޯވިޑުގެ ކޭހެއް ފެނިފައި ވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޯގަސްޓް 1 ވަނަ ދުވަހުއެވެ. އިހަވަންދޫއިން 242 ބޯޓުގެ ކޭޝިއަރުގެ އިތުރުން އެ ބޯޓުގެ ކައްޕިއާއި، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވިއެވެ.

ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު(ށ. އަތޮޅު ހޮސްޕިޓަލް)، ޚިދުމަތްތެރި ބައިވެރިއެއް

ބޮޑުތިލަދުންމަތީގެ ރަށްތަކުން ކޯވިޑް ކޭސްތައް ފެނުނުއިރު، ހަމަ ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތްތެރީން ތިބީ ރަށަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. އެ ރަށްތަކުގެ ކައުންސިލްތަކާއި، ސިއްޚީ ދާއިރާގެ ފަރާތްތައް ގުޅިގެން ދިޔައީ ރައްޔިތުން ހޭލުންތެރިކޮށް، ރަށު ފެންވަރުގައި ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންނެވެ.

ސަރަޙައްދުގެ ޒޯން ކޯވިޑް ފެސިލިޓީ ހުރީ ށ. އަތޮޅުގައެވެ. ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުވެގެން ގޮސްފައިވަނީ ސަރަޙައްދަށް ދިމާވި އުނދަގޫ، ހިތްދަތި ވަގުތުގައި ތަފާތުކުރުމެއްނެތި ޚިދުމަތްދިން ސެންޓަރަކަށެވެ.

އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭގެ އިތުރުން ވެސް އިތުރު ކޯވިޑް ބަލިމީހެއް އެ ސެންޓަރުގައި ވަނީ އެޑްމިޓްކޮށްފައެވެ. އެ ދެމީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

" ކޯވިޑާއި ގުޅިގެން ނަރުދޫން ފެނުނު ކޭސްތަކާއި، މިލަންދޫ ކޭސްވަނީ މި ސެންޓަރުން މެނޭޖްކޮށްފައި، ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބުނު، ކައުންސިލްތަކާއި، އެކިއެކި އޮފީސްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު"

ފުނަދޫ ހޮސްޕިޓަލް މެނޭޖަރު އަޙްމަދު ޒުމްރަތު ވިދާޅުވިއެވެ.

"މި ސެންޓަރަކީ މާލެއިންބޭރުގައި ފުރަތަމަ ކޯވިޑް ޕޭޝަންޓަކަށް އައިސީޔޫ ފަރުވާ ދެވުނުތަން، މިހާރުވަނީ ދެ ޕޭޝަންޓަކަށް ފަރުވާދީ ދޫކޮށްލާފައި، މިކަމުގެ ކުރީކޮޅު ހއ. ދޮނަކުޅީ އައިސޮލޭޝަން ފެސިޓީވެސް މި ސެންޓަރުން ވާނީ މެނޭޖް ކޮށްފައި، އެ ދުވަސްވަރު ވަނީ ނަރުދޫން 12 މީހުން އަދި މިލަންދޫ މީހެއް އެ ފެސިލިތީގައި ބެލެހެއްޓިފައި، މީގެ އިތުރުން އާންމުން ހޭލުންތެރި ކުރުމަށް އޮންލައިންކޮށް ވަނީ ގިނަ ހަރަކާތް ތަކެއް ހިންގިފައި"

ޒުމްރަތު ވިދާޅުވިއެވެ.

އެ ސެންޓަރު ގާއިމުކޮށްފައިވާ ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ވެސް ފެނުނީ އޯގާތެރިކަމާއި، ކެތްތެރި ކަމެވެ. އެ ސެންޓަރުން ފަރުވާ ހޯދި މީހެއްގެ ޢާއިލާ މެމްބަރަކު ބުނެފައިވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުން ލިބުނީ އޯގާތެރި، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ކަމަށެވެ.

ފެނުނީ އެއްބައިވަންތަކަމާއި ލޯބި

ބޮޑުތިލަދުންމައްޗަށް ކުރިމަތިވި ހާސްކަން ބޮޑު، ހިތްދަތި ވަގުތުގައި ހިތްވަރު އާލާކުރީ އެކަކު އަނެކަކުގެ ކިބައިންނެވެ. އިސްކުރީ އަޚުވަންތަކަމާއި، އޯގާވެރިކަމެވެ. ފުރަބަންދުވި ރަށްތަކަށް އެހެން ރަށްތަކުން ވަނީ އެހީތެރިކަމުގެ އަތް ހުޅުވާލާފައިއެވެ. ކާބޯތަކެއްޗާއި، ޒަރޫރީ ސާމާނު ހަދިޔާ ކުރަމުން ދިޔައީ އެއްބަނޑު އެއްބަފާ ބައެއް ކަމަށް ދެކިގެންނެވެ.

ކޮންމެ ރަށަކުން ވެސް ތިބީ އެރަށެއްގެ ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ކޮށްދޭށެވެ. ކޮންމެ ކަމަކަށް ވެސް މަރުޙަބާކިޔައި އެހީތެރިވާށެވެ. އެ ރަށެއްގެ ވަރުން ކުރެވުނު މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުން މިކަމުގައި މި ދައްކުވައި ދިނީ، އަދި ދައްކަމުން ދަނީ ރިވެތި ނަމޫނާ އެކެވެ. އެ ރައްޔިތުން އިސްކޮށްފައި މިވަނީ އޯގާތެރިކަމާއި، އަޅާލުމާއި އަދި އެއްބައި ވަންތަކަމެވެ. އެ ރައްޔިތުންގެ އިސްބަހާއި ފަހު ބަހަކީ އަހަރެމެން ކަންޏާ ތިޔަ އަޚުންނާއި، އުޚުތުންވެސް ތިބޭނީ ކައިގެންނެވެ. އަހަރެމެން ވާނީ އަޚުންނާއި، އުޚުތުންނާއި އެކުގައިއެވެ.