ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ) އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް 4 ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލިސްއިން ރުހުން ދީފިއެވެ.
އެ ބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް މަޖިލިސްއިން ރުހުންދިން ބޭފުޅުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ، މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް އާއި ބުރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ އަދި ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ލެކްޗަރަރ ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ އެވެ.
އެމްޑީޕީން ތްރީލައިން ވިޕް ނެރެފައިވާ ބޭފުޅުންނަށް ވޯޓު ލިބިވަޑައިގެންނެވި ގޮތް
- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ، 66 ވޯޓް
- އިބްރާހިމް ރަޝީދު / ބްލެކް، ރ. މީދޫ، 65 ވޯޓް
- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ، 67 ވޯޓް
- މުޙައްމަދު ފަރުޞަތު / ހ. ޓޫހާޓްސް، 65 ވޯޓް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ސީއެސްސީ އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުޞަތަށް 41 ބޭފުޅުންގެ ކުރިމަތި ލެއްވިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެމްބަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު މަޖިލިސްއިން ހުޅުވާލީ ހުސްވި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!