ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވުނު 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުން ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް ހދ.އަތޮޅު ކައުންސިލްގެ ކުރީގެ ޑިރެކްޓަރޖެނެރަލް އިބްރާހިމް ރަޝީދުގެ ނަން 65 ވޯޓާއިއެކު ފާސްކޮށްފިއެވެ.
އިބްރާހިމް ރަޝީދާއެކު ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް މިއަދު ފާސްވެގެން ދިޔަ ބޭފުޅުންނަކީ މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު އާއި ބުރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް އަދި ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ލެކްޗަރަރ ފާތިމަތު ޝަރީފެވެ.
އިބްރާހިމް ރަޝީދު މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އިބްރާހިމް ރަޝީދު ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް މަޤާމުގެ އިތުރުން އެ މިނިސްޓްރީގެ ސްޕްރިންޓެންޑެންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ތަފާތު ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަޤާމާއި ޓީޗަރެއްގެ މަޤާމުގައިވެސް ތަޢުލީމީ ދާއިރާގައި އިބްރާހިމް ރަޝީދުވަނީ ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އިބްރާހިމް ރަޝީދުވަނީ ފުރުއްވާފައެވެ.
އިބްރާހިމް ރަޝީދަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އިބްރާހިމް ރަޝީދުވަނީ ސިޔާސީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން އަދި ސޯސަލް ސައިންސްގެ ދާއިރާއިން ފަސްޓް ޑިގްރީ ފުރިހަމަކުރައްވާފައެވެ.
އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ މަޤާމުގެ ޒިއްމާ އަދާކުރުމުގައި ނަތީޖާ ނެރެދެއްވާފައިވާ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިންޓެންޑެންޓްގެ މަޤާމާއި މިހާރު އަދާކުރައްވަމުން ގެންދަވާ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ފާހަގަކުރެވޭ ވަރުގެ މަސައްކަތްތަކެއް އިބްރާހިމް ރަޝީދުވަނީ ކުރައްވާފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިޕިޔުޓީ މިނިސްޓަރ ޝަރުމާ ނަސީރު އެކަމަނާގެ ފޭސްބުކުގައި އިބްރާހިމް ރަޝީދު ސިފަކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޗް.އާރު ޑިވިޜަންގެ ތާރީޚް ބަދަލުކޮށްލި "ހީރޯ" އެއްގެ ގޮތުގައެވެ. އަދި ކުޅަދާނަ ލީޑަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!