އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފިކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒްއިން ބުނެފި އެވެ.
މި ޕްރޮޖެކްޓްތައް ފެށުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ވަރޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ 9.989 މިލިއަން ދިވެހި ރުފިޔާގެ މި ޕްރޮޖެކްޓްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ. މި 2 ޕްރޮޖެކްޓްވެސް ހިންގާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި ސެންޓްރަލް ޕާކް މަރާމާތުކުރުމަށް: 8،993،614.88 ރުފިޔާ ހަމަޖެހިފައިވާއިރު އެމަރާމާތުގެ މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެއެވެ. އަދި ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެކަމަށް ބުނެއެވެ.

މީގެ އިތުރުން އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995،385.12 ރުފިޔާ ވަނީ ހަމަޖެހިފައެވެ.
A virtual ground breaking ceremony was held today to inaugurate the development of Hulhumalé Central Park and Jetty renovation Projects under Indian Government grant pic.twitter.com/v7njqq3Vae
— HDC (@hdcmaldives) August 27, 2020
މި ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!