އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކ. މާފުށި ބޭރު ކަނޑުމަތީގައި މުޒާހަރާ ކޮށްފިއެވެ.
މާފުށީ ބޭރުން ކަނޑުމަތީގައި ހަވީރު ކުރި މުޒާހަރާ ދާދި ދެންމެއަކު ނިންމާލާފައިވާއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި އެ ދެ ޕާޓީގެ ސަޕޯޓަރުން އެ މުޒާހަރާގައި ބައިވެރިވެއެވެ.
މާފުށީ ބޭރުން ކަނޑުމަތީގައި ކުރި މުޒާހަރާގެ ބައިވެރިން މާފުށީ ފަޅުތެރެއަށް ވަނަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަ ވެސް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އެ ފުޞަތު ދީފައެއް ނުވެއެވެ.
މި މުޒާހަރާގައި ކ އަތޮޅުގެ ރައްޔިތުންގެ ތެރެއިން އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ މީހުން ވެސް ވަނީ ބައިވެރި ވެފައެވެ. އަދި މާފުށީ ބަނދަރުމަތީގައި އެ ރަށުގެ ބައެއް ޒުވާނުން ވެސް މުޒާހަރާގައި ވަނީ ބައިވެރި ވެފައި އެވެ.
މާފުށި ބޭރުން ކަނޑުމަތީގައި އިދިކޮޅުން މުޒާހަރާކުރީ މާފުށީ ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނާއި އަދި ރާއްޖޭގެ ހަރުމުދާ ވިއްކުމާއި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލަމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މުޒާހަރާ ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ނިންމާފައެވެ.
"ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" މިނަމުގައި ބާއްވާ އެ މުޒާހަރާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ހަވީރު 4 އިން 6 ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!