ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މަސައްކަތުގައި ރިޢާއަތްކުރަންވީ ކަންކަން ވަރަށް ސާފުކޮށް ވަނީ ބަޔާން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ކޮށްގެން ތިއްބެވި ހުވައާއި އެއްގޮތަށް، ޤާނޫނު އަސާސީން އެ މެންބަރުންނަށް މަތިކޮށްފައިވާ ހުދޫދުގެ ތެރެއިން މެންބަރުން މަސައްކަތް ކުރުމުގެ ފުރުޞަތު މަޖިލިސްގެ ކޮންމެ މެންބަރަކަށް އޮންނަންވާނެއެވެ.
ނިމުނު 18 ވަނަ ރައްޔިތުންގެ ދައުރުގައި ރައްޔިތުންގެ ތެރޭގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ 18 ވަނަ މަޖިލިސް ސަރުކާރުގެ "ރަބަރު ތައްގަނޑަކަށް" ވެފައިވާ ވާހަކައެވެ. މަޖިލީހަށް ހުށަހެޅޭ ބިލުތައް ޤާނޫނަކަށް ވުމާއި ހަމައަށް މަރުހަލާ ތަކެއް އޮވެއެވެ. މަޖިލިސްއަށް ހުށަހެޅޭ ބިލެއް ޤާނޫނަކަށް ވަނީ އެ މަރުހަލާތައް ކަޑަތު ކުރުމަށްފަހު، ރައީސްގެ އަތްޕުޅަށް އެރުމުން، އެ ބިލު ތަސްދީދުކުރަށްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމުންނެވެ.
ނިމުނު 18 ވަނަ މަޖިލީހުގައި މަޖިލިސްތަޅުމަށް ބިލު ހުށަހަޅައި، ހަމަ އެދުވަހު އެ ބިލުގެ ފުރަތަމަ ކިއުން އިއްވައި، އެއްމަރުހަލާ އަނެއްމަރުހަލާއަށް ވާސިލުވެވޭނޭ މަގަށް މަޖިލިސްގެ ޤަވާޢިދު ފަހިކޮށް، އެ ދުވަހު ފުރަތަމަ ކިއުން އިއްވި ބިލުގެ އިބުތިދާއީ ބަހުސް ހަމަ އެދުވަހުކޮށް، އެ ދުވަހު އެ ބިލު ދިރާސާ ކުރުމަށް ގުޅުން ހުރި ކޮމެޓީއަށް ފޮނުވައެވެ. އެ ދުވަހުގެ ޖަލްސާ 14:30 ގައި ނިންމުމަށްފަހު، ކޮމެޓީތަކުގެ މަސައްކަތާއި، ކޮފީ ކުޑަ ދޮށުގެ ވަގުތު ތަކަށްފަހު މެންބަރު ހަވީރު ގެއަށް ވަޑައިގަންނަވާތާ މީ ގިނަ އިރެއް ނުވެ، އެދުވަހު މަސައްކަތް ހިނގި ބިލުގެ ކޮމެޓީ ރިޕޯޓު އޮންނަނީ ކޮމެޓީ މަސައްކަތް ނިންމައި ގެއަށް ގޮސްފައެވެ. ހިނދުކޮޅެއް ތެރޭ އެ ރޭ މަޖިލިސްގެ އިތުރު ޖަލްސާއެއް އޮތްކަމަށް އެސްއެމްއެސް ލިބެއެވެ. އިސްލާހެއް ފޮނުއްވަން ބޭނުންނަމަ ފޮނުއްވަން ވަގުތު ކޮޅެއް ލިބެއެވެ. އެ ރޭ އެ ބިލުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކޮށް، ތަޅުމުން ބިލު ފާސްކޮށް ނިންމައެވެ. އެއް ދުވަހުން "ރަބަރު ތައްގަނޑު" ޖަހާލައި ނިންމާލައެވެ.
މިދެންނެވީ 18 ވަނަ މަޖިލިސްގެ ވާހަކައެވެ. އެ މަޖިލީހުގެ ކަން ހިނގި ގޮތުގެ މިސާލެއްގެ ވާހަކައެވެ. ބިލުތައް ދިރާސާކޮށް، އޮއްޓަރު ހުރިމަގަކުން ކަންކަން ވެފައި ހުންނާނެ ވަރު މިހާ ހިސާބުން އިހްސާސްވާނެއެވެ.
އެ ދައުރުގެ ކުރީކޮޅު "ނައިބު ރައީސް ޖަމީލު"ގެ ޓީމެއް ޕީޕީއެމް އެމްޕީން ތެރޭގައި އޮތްކަމަށް ވެއެވެ. ރައީސް ޔާމީންއަށް ވަފާތެރި މެންބަރުންނާއި، "ބުރޯ"(އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު) ގެ ޓީމެއް ވެސް އޮތް ކަމަށް ވެއެވެ. ބުރޯގެ ޓީމާއި، ރައީސްގެ ޓީމު އޮތީ އެކުގައި ކަމަށް ވެސް ކިޔެވެ. އޭރުގެ ނައިބު ރައީސް ޖަމީލު އަޒުލު ކުރުމުގެ ކުރިން ޖަމީލުގެ ޓީމު ސަރުކާރު ޓީމަށް ވި ކަމަށް ވެއެވެ. އެ ދައުރުގައި ވެސް އޮތް ފަލްސަފާއަކީ ރައީސަށް ވަފާތެރި ވުމެވެ. ބުރޯއަށް ތެދުވެރި ވުމެވެ. މެންބަރުންގެ އިޙްތިޔާރު ވީ ހިސާބެއް ނޭނގެއެވެ. މި ދެންނެވުނީ އޭރުގެ މެމްބަރުންގެ ޓީމު ތަކުގެ ވާހައިން ތަންކޮޅެކެވެ.
ކަންމިބީދައިހުރުމާއި އެކު އެއިރު އިދިކޮޅުގައި ތިބި މިހާރުގެ ސަރުކާރުގެ ފަރާތްތައް އެންމެ ގަދަޔަށް ދައްކަމުން އައި ވާހަކަ އަކީ އެއީއެވެ. ކަން އެމަގުން ހިނގާތީ އެންމެ ބޮޑަށް ފާޑުކިޔަމުން އައީ މިއަދު ސަރުކާރާއި މަޖިލީހުގައި ތިބި ފަރާތްތަކެވެ. މިކަންކަމަކީ ގޯސްކަމެއްކަން ރައްޔިތުންނަށް ވިސްނައިދިނުމުގައި އެންމެ އިސްދަޢުރެއް އަދާކުރީ މަޖިލީހުގައި މިވަގުތު ތިބި މެންބަރުންނެވެ. އެއީ ގޯހެއްކަމަށް ބުނެ އެމަގުން ކަންހިނގައިގެން ނުވާނެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންނެވެ.
ދައުރު ބަދަލުވެއްޖެއެވެ. ސަރުކާރު ބަދަލު ވެއްޖެއެވެ. އައު ދުވަހަކަށް ދިވެހި ޤައުމުގެ ދަތުރު ފެށީ، ނިމުނު ތަނުގެ "ފީކަޅާ" އެތައް ކަމެއް ރައްޔިތުންނަށް މޭރުން ކޮށްދީ، އެ ވިސްނުމުގެ ތެރެއިން ބޮޑު ބަދަލަކާއި އެކުގައެވެ. އައު މަޖިލިސްއަށް އެތެރެ ވަދެވުނީ ކުރީ ދައުރުގެ މަދު މެމްބަރުންނަށް ކަމަށްވާއިރު، އިންތިޚާބީ ކެމްޕޭނުގައި ވިއްކީ މިނިވަން ކަމާއި އެކު، ރައްޔިތުންނަށް ތަފާތު ދައްކާނެ ވާހަކައެވެ. ނިކަން ޖޯޝްހުރި އެތައް ބޭފުޅުންނެއް އައު ދައުރުން ޖާގަ ހޯއްދަވައި، ގޮނޑީގައި އިށީނދެ ވަޑައިގަތެވެ.
" ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަމަލުކުރަން ވާނީ ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާއި ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެން ނުވާނެއެވެ. އަދި އެބައި މީހުން އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާއަތް ކުރަން ވާނެއެވެ. "
=ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ=
މިދާކަށް ދުވަހު ކުއްލި ސިޔާސީ ސިހުމެއް ގެނުވީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ހޯދަން ފެށި ޚަބަރުންނެވެ. އެއާއި އެކު މަޑު މަޑުން ދެއްކި އެއްވާހަކައެއްގެ އަޑު ބާރުވެއްޖެއެވެ. މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ "ޓީމެއް" އެމްޑީޕީ ޕީޖީ ގްރޫޕްގައި ތިއްބެވި ކަމަށެވެ. ހަމައެޔާއިއެކު ސަރުކާރު ޓީމެއް ވެސް އޮތް ކަމަށެވެ. ޓީމުތަކުގެ ވާހަކަ ތޮށިގަނޑު ފަޅާލާފައި އާންމުންނާ ހަމައަށް ކުލަވާން ފެށީ އެހިސާބުންނެވެ.
ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ކުރާ މަސައްކަތުގެ މުގުލުގައި ހުންނެވީ، މަޖިލިސް ރައީސް، ރައީސް ނަޝީދު ކަމަށް އަޑުކިޔެވެ. ތިރީހަކަށް ސޮއި ހޯއްދެވި ކަމަށް ވެސް އަޑު އެރިއެވެ. ފަހުން އެ ޢަދަދަކީ ހަތާވީސް ކަމަށާއި، މިހާރު ބާވީހަށް ތިރިވެއްޖެ ކަމަށް ވެސް ކިޔައެވެ. ހަމަ ފޯނުކޯލުތަކާއި މެސެޖުތަކެއްގެ ބާރެވެ.
މިހާތަނަށް ފެންނަ އެއް ކަމަކީ 18 ވަނަ މިޖިލިސްގެ މަސީހުގެ ރައީސްކަމުގެ ދައުރު ހިންގި ދަރަޖައަށް މި މަޖިލިސް ގޮސްފައި ނުވާކަމެވެ. ރިޔާސަތުން ނަންގަވާ ވަގުތު އިތުރު ނަމަވެސް ބޮޑުތަނުން މަޖިލިސްގެ ހިންގުން 18 ވަނަ މިޖިލިސްގެ އެދުވަސް ވަރަށްވުރެ ރަނގަޅެވެ. ޤަވާޢިދު އަނބުރައި، ސުމާރުކޮށް، ގަޑު ބަޑު ކުރަށްވާ ތަނެއް ނުފެނެއެވެ.
ދައްކަން މިއުޅެނީ މިނިސްޓަރު ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ވާހަކައެއް ނޫނެވެ. ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅިގެން މެމްބަރުން ތަކެއްގެ އިޙްސާސް އަޑުއިވުމުން މިވާހަކަ ދައްކާލާ ހިތްވީއެވެ. އެ މެމްބަރުން ވިދާޅުވީ އެ މެމްބަރުންގެ އަމިއްލަ އިޙްތިޔާރު މިހާރު ނެތް ކަމަށެވެ. ޙަޤީޤަތުގައި ވެސް ދެ ޓީމު އޮތް ކަމަށެވެ. ދެ ޓީމުގެ ދޭތެރޭ ބައެއް މެމްބަރުން ތާށީވެ، ކޮޅު ނަގަމުން ދާ ކަމަށެވެ.
ޕާޓީގެ ތެރޭގައި "އޮފު" ކެނޑި ދާނެތީ ޕާޓީގެ ރައީސްގެ އެދުމަށް ފުރަގަސްދޭން ޖެހިލުންވަނީކަމަށެވެ. ޕާޓީން ވަކިކުރަން ހުށައަޅާނެކަމުގެ އިންޒާރަށް ފަސްޖެހެނީއެވެ. ދާއިރާގެ މަޝްރޫޢުތައް ހުއްޓިދާނެކަމުގެ ބިރު އޮތްކަމެވެ. ދޭތެރެ މެދުގައި މޭޒުދަށުން ފައިސާގެ ހުށައެޅުން ހުށައަޅާ ކަމުގެ އަޑުތަކެވެ.
މަލްޓީ ޕާޓީ ޑިމޮކްރަސީގައި ނިސްބަތްވާ ޕާޓީގެ ވަޢުދުތައް ފުއްދަން މެންބަރުންގެ އެއްބާރުުން ދޭން ޖެހޭނެ ކަމަށް އެ މެންބަރުން އެއްބަސް ވެއެވެ. ޕާޓީ ދިރުވައި، ވަރުގަދަ ކުރުމުގައި އެ މެންބަރުންގެ އިސްނެގުމާއި، މަސައްކަތް އޮންނަން ވާނެ ކަމަށް ވެސް އެ މެންބަރުން ޤަބޫލު ކުރަށް ވައެވެ. ހަމަ އެހެންމެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަން ބުންވަރު ހުސްކޮށްލަން ޖެހޭނެ ކަމަށް ވެސް މެންބަރުން ދެކެއެވެ.
ނަމަވެސް މެންބަރުން އެ މީހުންގެ އިޙްތިޔާރު އޮންނަން ބޭނުން ވެއެވެ. 18 ވަނަ މަޖިލިސްގެ އެއްވެސް މަންޒަރެއް ތަކުރާރު ވާކަށް އެ މެންބަރުން ނޭދެއެވެ. ކަންކަން ބަދަލުވެ، އެފަދަ ހާލަތެއް އަންނާކަށް މެމްބަރުން ނޭދެއެވެ. އެ މަގަށް ކަންކަން ފުރޮޅެން ފުރުޞަތު ހުޅުވޭކަށް ވެސް އެ މެމްބަރުން ނޭދެއެވެ.
ސިޔާސީ މަސްރަހުން މިހާރު ފެންނަ މަންޒަރަށް ބަލާއިރު ޔަގީންވާ އެއްކަމަކީ މެންބަރުންތިބީ ފިތި ބާރުވެފައިކަމެވެ. ރައީސް ނަޝީދު ވިދާޅުވިގޮތަކަށް ވޯޓު އަޅާނެ މެންބަރުން އެބަތިކަމެވެ. ސަރުކާރުން ބޭނުންވާނެ ގޮތަށް ވޯޓުދޭނެ މެންބަރުން އެބަތިއްބެވެ. ދާއިރާގެ ރައްޔިތުން ބޭނުންވާގޮތަށް މެންބަރުގެ އަމިއްލަ އިޙްތިޔާރުގައި ވޯޓު ދެވޭނެ މެންބަރުން އުފައްދާ ސުވާލަކީ އެ މެމްބަރުންގެ އިޙްތިޔާރު ކޮބައި ތޯއެވެ.
މިހާރު ހިނގަމުންދާ ކަންކަމަކީ ޔާމީނުގެ ސަރުކާރާއި އަޅާ ބަލާއިރު، އަދި 18 މަޖިލިސްގެ ދައުރާއި އަޅާ ބަލާއިރު ފެނުނު ކަންކަމާއި އަޅައިކިޔޭ ވަރަށްވުރެ ކުޑަ ކަމަކަށް ވެދާނެއެވެ. ނަމަވެސް ފަސްއަހަރުގެ ދައުރުގައި، މިނިވަން ކަމާއި އެކު ރައްޔިތުންނަށް ތަފާތު ދައްކަން ބޭނުންފުޅުވާ ބައެއް މެމްބަރުންނަށް މާޔޫސް ހާލަތެއް ފެންނަ ކަމަށް އެ މެމްބަރުން އެބަ ވިދާޅުވެއެވެ. އެ މެމްބަރުން ސަރުކާރާއި ދެކޮޅު ވާކަށް، ޕާޓީގެ ރައީސާއި ދެކޮޅު ވާކަށް ވެސް ނޭދެއެވެ. ބޭނުން ވަނީ އެކަތި ގަނޑެއްގޮތުގައި ކުރިއަށް ގޮސް ދެން ހުރި ދައުރުތައް ވެސް ޕާޓީ މިލްކު ކުރުމެވެ.ނަމަވެސް ސިޔާސީ ކަންކަންމުގައި އޮއިވަރު އެއްގޮތަކަށް ނޯންނާނެއެވެ.
މެމްބަރުން ރިޢާޔަތް ކުރަންވީ ހަމަ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ ގައި އޮވެއެވެ. " ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަމަލުކުރަން ވާނީ ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާއި ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެން ނުވާނެއެވެ. އަދި އެބައި މީހުން އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާއަތް ކުރަން ވާނެއެވެ. "
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!