ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ކޮޅަށް 8 ގޯލުޖަހާ ލަދުގަންނަވާލުމަށްފަހު ބަޔާން މިއުނިކް ސެމީ ފައިނަަލަށް ދަތުރުކޮށްފިއެވެ.
ޕޯޗުގަލްގެ ލިޒްބަންގައި ކުރިޔަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުޅެން ޖެހޭނީ މާދަމާރޭ މެންޗެސްޓާ ސިޓީ އާއި ލިޔޯން ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ބާސެލޯނާއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. ބަޔާނުން ލަނޑު ޖަހާ ލީޑު ނެގިތާ ތިން މިނެޓު ފަހުން އެޓީމުގެ ޑޭވިޑް އަލަބާ އަތުން ބަލިކޮށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ބަޔާން މިއުނިކަށް ލީޑު ނަގައިދިން ލަނޑު ބާވީސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއަކުންނެވެ.
ބޮޑު ލީޑަކާއެކު ފުރަތަމަ ހާފް ބަޔާން އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ލުއިސް ސުއަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ބާސާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ބަޔާންގެ ފަސްވަނަ ގޯލު ކިމިޗް ކާމިޔާބުކޮށްދިންއިރު މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.
ބަޔާން އިން މި މެޗުގައި ކާމިޔާބުކުރި ފަހު ދެ ގޯލު މެޗުގެ ފަހު ފަސް މިނެޓްތެރޭ ކާމިޔާބުކޮށްދިނީ ލޯނެއްގެ ދަށުން ބާސާ އިން ބަޔާން އަށް ފޮނުވާލި ކުޓީނިއޯ އެވެ.
ދެވަނަ ހާފުގައި ގިނަ ވަގުތުވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބަޔާން މިއުނިކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!