ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ރަނުގެ އަގު މީންޒަމާނެއްގައި ނުއުފުލޭ އުފުލިއްޖެއެވެ.

އެންމެ އަގުބޮޑު މައުދަންތަކުގެ ތެރޭގައި ހިމެނޭ ރަނުގެ 1 ޓްރޯއި ގްރާމްގެ އަގަކީ މިހާރު 2,064.01 ޑޮލަރެވެ. ޑޮލަރުގެ އަގު މިހާ ބޮޑުވެފައި މިވަނީ ކޯވިޑު-19 ގެ ސަބަބުން އިޤްތިސާދު ހީނަރުވަމުން ދާއިރު ގިނަ މީހުންނަށް އެމެރިކާ ޑޮލަރު އަދި ދުނިޔޭގެ އެހެނިހެން ބާރުގަދަ ފައިސާތަކަށް ކުރެވޭ އިތުބާރު ކުޑަވުމުގެ ސަބަބުން ރަން ގަންނަ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

Ad
rt

ދުނިޔޭގެ ރިޒާވް ފައިސާގެ ގޮތުގައި ބެލެވުމުން އަންނަ ޑޮލަރުގެ އަގު ދަށަށް ދަމުން ދާއިރު އެންމެ ފަހުން ޑޮލަރ އިންޑެކް ވަނީ ދަށަށް ގޮސްފައެވެ. މިއީ ޖޫން 2018 ގެ ފަހުން ޑޮލަރ އިންޑެކްސް އެހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޯވިޑު-19 ގެ އިތުރުން އެމެރިކާ އަދި ޗައިނާ އާއި ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމަކީވެސް ޑޮލަރުގެ އަގު ވެއްޓެމުން ދާ އެއް ސަބަބުކަމަށް މާލީ ތަޖުރިބާކާރުން ބުނެއެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ރަނުގެ އަގު އިތުރަށް އުފުލުމުގެ ފުރުޞަތު ބޮޑެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅުގައި 1 ޓްރޯއި ގްރާމްގެ އަގު ހުންނާނެކަމަށް ބެލެވެނީ 2,200 ޑޮލަރުގައެވެ. ރަނުގެ އަގު އިންތިހާއަށް އުފުލެމުން އަންނައިރު ރިހީގެ އަގުވެސް އަންނަނީ އުފުލެމުންނެވެ.

ޖަޕާނުގެ އެންމެ ބޮޑުއެއް ބޭންކު ކަމަށްވާ މިޒުހޯ ބޭންކުގެ ޗީފް އޭޝިއަން ފޮރިން އެކްސްޗޭންގް ސްޓްރެޓީޖިސްޓު ކެން ޗިއުންގް ބުނެފައިވާ ގޮތުގައި ކޯވިޑު-19 އަދި ޗައިނަ-އެމެރިކާ ގުޅުން ގޯސް ވުމުގެ ސަބަބުން ގިނަ އިންވެސްޓަރުން އިންވެސްޓުކުރަން ބޭނުންވަނީ ރަނަށް ކަމަށެވެ.

ކޯވިޑު-19 ގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމަށް ވަނީ ފަހުގެ ތާރީހެއްގައި ނާރާފަދަ ބޮޑެތި ލޮޅުންތައް އަރާފައެވެ.