ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލް ނިންމުމަށް ފަހު މުސްތަގްބަލު ރާވާފައިވާ ގޮތް ދެނެގަތުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންކުރި ދިރާސާއެއްގައި މަސްވެރިކަމާއި ދަނޑުވެރިކަން، ހިއުމަން ރިސޯސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ސޯޝަލް ވޯކް ހިމެނިފައިވަނީ އެންމެ މަދުން ދަރިވަރުން ކިޔަވަން ގަސްތުކުރާ ދާއިރާގެ ގޮތުގައި ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޙާއްސަކޮން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން އެއްވެސް ވަރަކަށް ޝައުގުވެރިކަން ނުހުންނަ ކަމަށް މިދިރާސާއިން ދެއްކުމާއިއެކު އެންމެ ފުރަތަމަވެސް ހަނދާނަށްވެރިވީ އާންމުކޮން ކުދިންނާއި ދިމާއަށް ބުނެއުޅޭ "ނުކިޔަވަންޔާ މަހަށް ދާންޖެހޭނީ" މިޖުމްލަ އެވެ.

Ad
rt

މިއަދު ރާއްޖޭގެ ހާލަތު ވެއްޓިފައިމިވާ އިޤްތިޞާދީ ހީނަކުރުކަމުންވެސް ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން އަންދާޒާކުރެވެއެވެ. އަދި މިކުޑަ ކުޑަ މުޖުތަމަޢުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ދެވިފައިވާ ގަދަރަކީ ވިސްނާނުލާ ދޫކޮށްލައިގެން މިއަދު ތިބެވެންނެތް ބޮޑު މައްސަލައެކެވެ.

ހަމަގައިމުވެސް އަހަރެންއަށް މިކަން ވަރަށް ބޮޑު ކަމަކަށްވެއްޖެ!! ކުއްޖަކު ނުކިޔެވިޔަސް، ފާސްނުވިޔަސް، ކުޅިވަރަކުން ބަލިވިޔަސް ކުދިންނާ ދިމާލަށް "މަހަށް ދާންޖެހޭނީ" އެބުނަނީ ކީއްވެތަ؟

މިއީ ދައްކަން މިއުޅޭ ވާހަކައަށް އަލި އަޅުވާލަމުން ޒުވާނަކު ކޮށްފައިވާ ޕޯސްޓެކެވެ.

އެޒުވާނާ އިތުރަށް ބުނެފައިވަނީ އޭނާގެ ބައްޕަ އަކީ މަސްވެރިއެއްކަމަށާއި އެކަމަކު ކުދިންނަށް ކިޔަވައިދީ، ގެދޮރު އަޅާ، އާއިލާގެ ހުރިހާ ބޭނުމެއް ފުއްދަނީ މަހަށް ގޮސްގެން ލިބޭ ލާރިންކަމަށެވެ. އަދި އާއިލާ އަށް ބޭނުންވާ އެހެނިހެން ޚަރަދުވެސް ކުރަނީ ހަމަ، މަސްވެރިކަންކޮށްގެން ލިބޭ ލާރިންކަމަށެވެ.

މަހަށްދާން ޖެހުމަކީ ހަޑިހުތުރު ކަމައްނޫން! މިހާރުވެސް އަހަރުމެން ހެނދުނު 8 ކުން ހަވީރު 4 ކަށް މޭޒުދޮށުގަ އިނދެގެން ލިބެނީ 8400 ރފ. އެކަމަކު އިންޝާﷲ ބައްޕަމެނަށް މަހަށްގޮސްގެން ލިބޭ މަދުވެގެން ހަފްތާއަކު 8000 ރުފިޔާ އެހެންވީމަ ކޮބާ ވަކި ކިޔަވައިގެން މޭޒުކައިރީގަ ހުރެގެން ވާ މޮޅެއް!! އެހެންވީމަ މަހަށް ދާންޖެހޭނީ ކިޔާފަ ކުދިންގެ ކުރިމަތީގައި މަސްވެރިކަމަކީ ދަށްމީހުން ކުރާކަމަކަށް ނުކިޔާ! މަސްވެރިކަމަކީ ރީތި ކަމެއް! މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު އެހެންވީމަ މަހައްދިއުމަކީ ސަޅި ކަމެއް، ހަމަ ވަރަށް ސަޅި.

އެޒުވާނާ ބުނެފައިވެއެވެ.

މިއީތަންކޮޅެއް ކުރީގައި މީސްމީޑީޔާގައި ދައުރުވަމުންދިޔަ ޕޯސްޓެކެވެ. "ސްކޫލް ނިންމާ ކުދިން މަސްވެރިކަމާ ދަނޑުވެރިކަމަށް ޝައުގެއް ނެތް" މިސުރުޙީގެ ދަށުން އޮތް ހަބަރެއް ހިއްސާ ކުރަމުން މިމަޢުލޫއަށް އަނެއްކާވެސް ބަހުސް ފައްޓާ އިޙްސާސްތައް ބަންޑުން ކޮށްލީ ޒުވާން މަސްވެރިޔާއެވެ.

އަހަރެން ސްކޫލްއަށް ދިޔައިރު ފިލާވަޅު ނަހަދައިފިއްޔާ ބުނާނެ ނުކިޔަވަންޔާ ދާންޖެހޭނީ މަހަށް. އަދި ވަރަށް ހަނދާން ހުންނަކަމެއް ކާރީގަ ހުރި ރިސޯޓް ތަކުން ކުދިން ގޮވާގެން ރިސޯޓް ތަކަށް ގޮސް އެމީހުންނަށް ރިސޯޓް ލައިފް ކިޔާދޭ ހަދާން ތައް، އޭރުގަ މަސްވެރިކަން އޮތީ ގޯނި ފުލަށް ލާފަ

މަސްވެރިކަމަށް ސުކޫލް ދުވަސްވަރުގައި ދީފައިވާ އަހަންމިއްޔަތުކަން ބަޔާންކުރަމުން ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.

މިއާއި އެކު މަސްވެރިކަމުގައި 6 އަހަރު މަސައްކަތް ކުރި ޒުވާނެއްގެ ހައިސިއްޔަތުން އެކަމުގައި ހުރި ގޮންޖެހުންތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މަހަށް ދާތާ 6 އަހަރު ވީއިރު މަސް ކަނޑަށް ނާރާ އެންމެ އަހަރެއްވެސް ނުދާނެކަމަށާއި އަދި ބާނާ މަސް ކޮޅަށް ވަގުތުން ފައިސާ ނުލިބިގެން އާދޭސް ނުކުރާ އެންމެ އަހަރެއް ވެސް ނުދާނެކަމަށް ބުނެފައިވެއެވެ. އަދި މިހެން ގޮސް އެތަކެއް ގޮންޖެހުން ތަކެއް އެބަހުރިކަމަށާއި ޒުވާނުން މިކަމަށް ނުކުންނާނީ މިކަންތައް ހައްލުވެގެން ކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.

މަސްވެރިކަމަށް ޒުވާނުން ނުކުތުމަކީ ޒުވާނުން ގެ އަހުލާގަށް ވެސް އަދި ރަނގަޅު އާމްދަނީ އެއް ވެސް ލިބޭނެ ކަމެއްކަމަށާއި ތައުލީމީ ޒުވާނުން މިކަމަށް ބޭނުންވާކަން ޒުވާން މަސްވެރިޔާ ފާހަގަކޮށްފައިވެއެވެ. އަދި ޒުވާނުން މަސްވެރިކަމަށް ޝަޢުގުވެރިކަން ނުހުންނަނީ މިހާރުގެ ހާލަތުން ކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.

އަހަރެންނާއި ދިމާލަށްވެސް ދައްކޮށް، ދެރަ ކޮށްލުމުގެ ގޮތުން ތިޔައީ މަސްވެރިއެއްގެ ދަރިއެކޭ ބުނާ މީހުން މިހާރުވެސް މަދެއް ނޫން. އެހެނަސް ދުވަހަކުވެސް އެހެން މީހަކު ބުނެގެން ދެރައެއް ނުވޭ. މަސްވެރިކަމަކީ ހަމަ ހަޤީގަތުގައިވެސް އަހަރެމެންގެ ލެޔާ ގުޅިފައިވާ ކަމެއް.

ޒުވާންމަސްވެރިޔާގެ ހިޔާލަށް ބާރުދެމުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ބުނެފައިވެއެވެ.

މިދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގަ ގިނަދުވަހު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ދަންނަވާލަން އޮތީ މިއަދު މަސްވެރިކަމަށް ބޭނުންވަނީ ކިޔަވައިގެން ތިބި ޒުވާނުންނެވެ. ދޯނިފަހަރު ބޮޑެތިވެފައިވާއިރު އެދޯނިފަހަރުން ކުރަންޖެހޭ މަސްވެރިކަން ނުކުރެވޭ ކަމެވެ.

މަސްވެރިކަމުގެ ތަޖްރިބާކާރެއްކަމުގައިވާ އަޙްމަދު ދީދީ ބުނެފައިވެއެވެ.

މިކަމުގެ ބަހުސްގެ ތެރޭގައި ޒުވާނުންނާއި ސުކޫލް ނިންމާ ދަރިވަރުން މިދާއިރާއަށް ޝަޢުގުވެރިކަން ނުހުންނަނީ ތަޢުލީމީ މަންހަޖުގައި ހުރި ކަންކަމުގެ ސަބަބުންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ސުކޫލު ނިންމާ ދަރިވަރުން އިޖުތިމާއީ ކަންކަމަށްވެސް ޝަޢުގުވެރިކަން ހުންނަ މިންވަރު މަދުކަން ފާހަގަކުރަމުން މީހަކު ބުނެފައިވަނީ ތަޢުލީމީ ނިޒާމު ބިނާކުރެވިފައިވަނީ ޓެސްޓުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުން ހޮވުން ކަމުގައެވެ. ސްކޫލް ތަކުން ދަސްކޮށްދެނީ ވިޔަފާރި ވެރިންނަށް މަސައްކަތް ކޮށްދޭންކަމުގައެވެ.

ކިޔަވާ ކުދިން ކައިރީ އަހާލީމަވެސް ބުނާނީ ބޮޑުވެގެން ކުރަން ބޭނުންވާ ކޮންމެވެސް ވަޒީފާއެއްގެ ވާހަކަ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވުރެން އެހެން މީހަކަށް ބަރޯސާވާން ދަސްކޮށްދީ ހާނާނީ، ނަތީޖާ އަކީ ކިޔަވައިން ޖޮބްލެސް!

މިބަހުސްގެ ތެރެއިން ޒުވާނަކު ބުނެފައިވެއެވެ.

މިއަދު މަސްވެރިކަމާއި ދަނޑުވެރިކަމަށް މިޤައުމު ބޭނުންވެފައިވާ މިންވަރު މިވަނީ އަންދާޒާކުރެވިފައެވެ. ރަންބިސް އަޅާ ކުކުޅު މިވަނީ ބިސްއެޅުން ހުއްޓާލާފައެވެ. މަސްވެރިކަމަކީ ހަޤީޤަތުގައިވެސް ދިވެހިންގެ ލޭނާރުކަމުގައި ހަދަންވެއްޖެއެވެ. މަސްވެރިކަމަކީ ކަޓު ކަމެއް ނޫނެވެ. މަސްވެރިކަން ނަގާ ކޮޅަށް ޖެހުމަށް މިއަދު ބޭނުންވަނީ ތަޢުލީމީ ޤާބިލް ޒުވާނުންކަން ކަށަވަރެވެ.