ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް އައި ހީނަރު ކަމުގެ އަސަރު އެ ކުންފުންޏަށް ވެސް ފޯރާފައި ވުމުގެ ސަބަބުން މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރަށްވުރެ ދަށް އަދަދެކެވެ.
ރައްޔިތުންނަށް ބޭނުން ވާނޭ ގިނަ ސާމާނާއި، ތަކެތި ހަމަ އަގުގައި ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރާ އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކޯވިޑް ބަލީގެ ސަބަބުން ހުރިހާ ގައުމެއްގެ ވެސް އިގްތިސާދަށް އަސަރު ކޮށްފައިވާއިރު، މި އަހަރު ގިނަ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ދަށަށް ދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ ލަފާ ކޮށްފަ އެވެ.
އެ ކުންފުނީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ކޯވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އާމްދަނީއަށް ނޭދެވޭ އަސަރު ފޯރާފައި ވާއިރު، ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނަސް ދެވަނަ ކުއާޓަރުގެ އާމްދަނީއަކީ 1.2 ބިލިއަން ރުފިޔާ އެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެ އާމްދަނީންނެވެ.
އެސްޓީއޯގެ ސާފު ފައިދާ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 10 މިލިއަން ރުފިޔާ ދަށްވެފައި ވާއިރު، ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު އާމްދަނީ ވެސް ވަނީ 1.3 ބިލިއަން ރުފިޔާގެ ދަށްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!