"ފެނަކަ ކަލެކްޝަން ޑޭ 2020" ގެ ނަމުގައި އަތޮޅުތެރޭގައި ހަރަކާތެއް އެކުންފުނިން ފަށައިފިއެވެ.
އެކުންފުނިން ބުނެފައިވަނީ މިހަރަކާތަކީ ފެނަކައިގެ ބްރާންޗުތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންދާ ހިދުމަތްތަކުގެ ބޭނުން ކުރާ ފަރާތްތަކުން ހިދުމަތް ހޯދުމަށްފަހު، ހިދުމަތުގެ އަގުގެ ގޮތުގައި ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވާތީ އެ ފައިސާ ހޯދަން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
"ފެނަކަ ކަލެކްޝަން ޑޭ" ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ހުރިހާ ބްރާންޗެއް ހިމެނޭހެން މިއަދު ހަވީރު 6 ޖެހުމާ ހަމައަށެވެ.
ފެނަކައިން ބުނީ މި ހަރަކާތުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ބިލުތަކަށް ފައިސާ ނުދެއްކިވާ ހުރިހާ ފަރާތްތަކާއި ބައްދަލުކޮށް، ފައިސާ ނުދެއްކިގެން އުޅޭ ސަބަބު އޮޅުންފިލުވައި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތަކަށް ވީ އެންމެ އަވަހަކަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ގޮތެއް ހޯދުން ހިމެނޭ ކަމަށެވެ.

އަދި ފެނަކައިން ތައާރަފްކޮށްފައިވާ "ބިލް ޕޭ އެޕްލިކޭޝަން" މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމަށް ކަސްޓަމަރުން އަހުލުވެރިކޮށް ބިލް ޕޭ އެޕް ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދީ އިންސްޓޯލްކޮށްދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ އިން ވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެންދެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ސިފަސިފައިގައި ބްރާންޗުތަކުން މި ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!