ދުނިޔެއަށް މަޝހޫރު ބޮޑެތި ވިޔަފާރިތަކަކީ އެ ކުންފުނިތަކުގެ ވާހަކަ ފަލަ ސުރުޚީ ތަކުން ފެށިގެން ތުންތުންމަތިން ވެސް ހުއްޓުމެއްނެތި ދެކެވެމުންދާ ވާހަކަ ތަކެކެވެ. އެފަދަ ކުންފުނިތަކުގެ ވެރިންނާއި ހިންގުމާއި ހަވާލުވެ ތިބޭ މީހުން ވިޔަފާރީގެ ގޮތުން ނިންމާ ބޮޑެތި ނިންމުންތަކުގެ ނަތީޖާ ކޮންމެ ގޮތަކަށްވެސް އައިސްދާނެ އެވެ. މި ލިޔުމުގައި އަޅުގަނޑު މި އަލި އަޅުވާލަނީ އެފަދަ ބައެއް ނިންމުންތަކުގެ ނަތީޖާއިން އަހަރުމެންނަށް ނެގިދާނެ ފިލާވަޅުތަކަކަށެވެ.
ނޮކިޔާ އަކީ އެއްޒަމާނެއްގައި ޓެކްނޮލޮޖީ ގެ ބާޒާރުގައި އެންމެ ފުންނާބު އުސް އެއް ކުންފުންޏެވެ. ސްމާޓްފޯން ވުޖޫދަށް އައުމުގެ ކުރިން ދިވެހިރާއްޖޭގައި ވެސް "ނޮކިޔާ ބައްތި" އެއް ނުގެންގުޅޭ މީހަކު މަދުވާނެ އެވެ. އެހެންނަމަވެސް އެންޑްރޮއިޑް ތަޢާރަފް ވީފަހުން ފެނިގެން ދިޔައީ ނޮކިޔާ ގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުތަނުން ވެއްޓުނު މަންޒަރެވެ.
ފާހަގޮށްލެވޭ ނުކުތާ އަކީ ނޮކިޔާގެ އުފެއްދުންތަކުގައި އެންޑްރޮއިޑް ބޭނުން ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް އޮތެވެ. އެހެންނަމަވެސް ނޮކިޔާ އިން ނިންމީ އެ ކުންފުނިން ބޭނުންކުރަމުން ދިޔަ ސައިންބިއަން އޯއެސް ބޭނުންކުރާށެވެ. ނޮކިޔާ ގެ އޭރުގެ ސީއީއޯ ވިދާޅުވެފައި ވަނީ އެ ނިންމުން ނިންމީ އެންޑްރޮއިޑް ސްމާޓްފޯން ޕްލެޓްފޯމް އެއްގެ ގޮތުގައި ބޭނުން ކުރަން ނިންމި ނަމަ ސެމްސަންގ އާއި ވާދަ ކުރަންޖެހޭނެތީއެވެ. އޭގެ ފަހުން 8 އަހަރު ފާއިތުވެފައި ވާއިރު ނޮކިޔާ އިން މިހާރު ބޭނުން ކުރާ ޕްލެޓްފޯމް އަކީ އެންޑްރޮއިޑް އެވެ. ކުރިން އެ ނިންމުމާއި ހަމައަށް ނުދެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްމާޓްފޯން ގެ ބާޒާރުގައި އެހެން ކުންފުނިތަކާއި އަރާ ހަމަނުކުރެވުމެވެ. މިކަމުގެ އިބުރަތަކީ ކަންކަމާއި ކުރިމަތިލާން ފަސްޖެހިގެން ލިބޭނެ މާ ބޮޑު ކުރިއެރުމެއް ނޯންނާނެ ކަމެވެ.
ދެން މި ނަޒަރު ހިނގާލަނީ ޔާހޫ އިން ގޫގަލް ގަތުމަށް ލިބުނު ފުރުސަތު ދޫކޮށްލަން ނިންމި ނިންމުމަށެވެ. 1 މިލިއަން ޑޮލަރުގެ އަގަކަށް މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ކުންފުނި ގަތުމުގެ ފުރުސަތު ޔާހޫ އަށް އޮތް އިރު ދެފަހަރެއްގެމަތިން (1997 އަދި 2002) ޔާހޫ އިން ވަނީ ފުރުސަތު ދޫކޮށްލާފައެވެ. ސަބަބެއްގެ ގޮތުގައި އެކުންފުނިން ހާމަ ކުރީ ގޫގަލް އިން ކުރާ ކޮންމެ ސާޗެއްވެސް ވަގުތުން އެހެން ސައިޓަކަށް ބަދަލުވާއިރު ޔާހޫ އިން ބޭނުންވީ ސާޗް އިންޖީނެއްގެ އިތުރުން ވެބްސައިޓް އެއްގޮތަށް ވެސް ޔާހޫ ގިނަ މީހުން ބޭނުން ކުރުމަށެވެ. ކޮންމެއަކަސް 2020 ގައި މި ދެ ކުންފުނި އޮތް ހިސާބު އަޅާ ކިޔަމާތޯއެވެ. މި އަހަރުގެ ޖެނުއަރީގައި ގޫގަލްގެ އަގު 1 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު މިއަދު ޔާހޫގެ އަގުވަނީ 35 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. މީގެން ލިބޭ އިބުރަތަކީ ދުނިޔެ ބަދަލުވަމުންދާ ދިޔުމާއި އެއްވަރަށް ތިމާގެ ލޯ ނުހުޅުވޭ ކަމަށް ވެއްޖެނަމަ މީހާ ތަރައްޤީ އެއް ނުވާނެކަމެވެ. ވިޔަފާރީގެ ވިސްނުމަކުން ބެލިއަސް މުސްކުޅި ގޮތް ތަކުގައި ހިފަހައްޓައިގެން ކުރިއަރާނެ އާ ފުރުސަތުތައް ގެއްލުން ގާތެވެ.
ފޭސްބުކް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މަގްބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެވެެ. އިންސްޓަގްރާމް އަދި ވަޓްސް އެޕް އަކީ ވެސް ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރާ ދެ އެޕްލިކޭޝަން އެކެވެ. 2012 ފޭސްބުކް އިން މި ދެ އެޕްލިކޭޝަން ގަތް ހަބަރަކީ ގިނަ ބަޔަކު ސިއްސުވާލި ކަމެކެވެ. އިންސްޓަގްރާމް ގަނެފައިވަނީ 1 ބިލިއަން ޑޮލަރުގެ އަގެއްގައި ކަމަށްވާއިރު ވަޓްސް އެޕް ގަނެފައިވަނީ 19 ބިލިއަން ޑޮލަރުގެ އަގަކަށެވެ. އެޔާއެކު ފޭސްބުކް ވެގެންދިޔައީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރަމުންދާ ހަތަރު ސޯޝަލް މީޑިއާ އެޕްލިކޭޝަން (ފޭސްބުކް، މެސެންޖާ، އިންސްޓަގްރާމް އަދި ވަޓްސް އެޕް) ކޮންޓްރޯލް ކުރާ ކުންފުންޏަށެވެ. މިކަމުން ހާމަވާ އިބުރަތަކީ ބުރަ މަސައްކަތްކަތާއި އެކު ތިމާ އާއި ވާދަ ކުރަން ހުރި ފަރާތްތައް ވެސް ތިމާއާއި އެއް ކޮޅަކަށް ގެނެވިދާނެ ކަމެވެ.
ކޭއެފްސީ އަކީ އެކުންފުނިން ކުކުޅު ތައްޔާރު ކުރުމުގައި ބޭނުން ކުރާ "ސީކްރެޓް ރެސިޕީ" އަށް މަޝްހޫރު ލުއި ކާނާ ރެސްޓޯރަންޓް އެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހިނގަމުން އަންނަ މިވިޔަފާރި ފެށިގެން އައި ގޮތަށް އަލި އަޅުވާލަމާ ހިނގާށެވެ. ހާލާންޑް ސޭންޑާސް އަކީ އުމުރުން 40 އަހަރު ވުމުގެ ކުރިން ރާސްމީ ކެއްކުން ތެރި އެއް ނޫނެވެ. އޭނާގެ ހަޔާތުގައި ފުރަތަމަ ހުޅުވި ރެސްޓޯރަންޓް ރަނގަޅަށް ހިނގަމުން ގޮސް ވަކި ހިސާބަކުން ބަނގުރޫޓް ވީއެވެ. އޭނާ ފަދަ ދޮށީ އުމުރެއްގެ މީހަކު އާ ވިޔަފާރިއެއްގެ މަސައްކަތް ފެށުމަކީ އާދައިގެ މަތިން ވާ ކަންކަމެއްނޫނެވެ. އެހެންނަމަވެސް އުމުރުން 65 އަހަރުގައި "ކެންޓަކީސް ފްރައިޑް ޗިކަން" ގެ ނަމުގައި ރެސްޓޯރަންޓް އެއް ހުޅުވި އެވެ. މިއަދު ދުނިޔޭގައި ނެތްނަމަވެސް ކޭއެފްސީގެ ގިނަ އިސްތިހާރު ތަކުން ހާލާންޑް ސޭންޑާސް، މަޝްހޫރު ނަމުން ނަމަ "ކޮލޮނެލް" ސޭންޑާސް ގެ ތަސްވީރު ފެންނަން އެބަހުއްޓެވެ. އެނާގެ ހަޔާތުން ދައްކުވާދޭ ފިލާވަޅަކީ، ހިންމަތާއިި އެކު މަސައްކަތް ކޮށްފިނަމަ އުމުރަކީ އެމީހަކު ކުރަން ބޭނުންވާ ކަމަކަށް ހުރަސް އަޅާނެ އެއްޗެއް ނޫންކަމެވެ.
ކޭއެފްސީ ގެ ވާހަކަ ދައްކާފައި ޖެކް މާ ގެ ވާހަކަ ފާހަގަ ކޮށްލުން ރަނގަޅެވެ. އޭނާ އަކީ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އަލީބާބާގެ އެއް މަސްއޫލުވެރިޔާ އެވެ. 480 ބިލިއަން ޑޮލަރުގެ ބޮޑު އަދަދަކުން އަގުކުރެވޭ އަލީބާބާ ކުންފުންޔަކީ ޗައިނާގެ "އެމަޒޯން" (ދުނިޔޭގެ އެންމެ މުއްސަނދި އޮންލައިން ވިޔަފާރި ކުންފުނި) ގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ކުންފުންޏެކެވެ. މިފަދަ މަގްބޫލް ކުންފުންޏެއް ވުޖޫދައް ގެނައުމުގެ ފަހަތުގައި ހުރި މީހަކު އެއް ދުވަސްވަރެއްގައި ކޭއެފްސީ އިން ވަޒީފާއެއް ނުލިބިގެން އުޅުނު ކަމަށް ބުނެފިނަމަ ގަބޫލު ކުރަން ދަތިވެދާނެ އެވެ. އެހެންނަމަވެސް މީ ހަގީގަތެކެވެ. އޭނާ ބުނާގޮތުން އެފަހަރު ކޭއެފްސީ ގައި މަސައްކަތް ކުރަން ހުށައެޅި 24 މީހުންގެ ތެރޭން 23 މީހުން ހޮވުނު އިރު ބާކީވީ އޭނާ އެވެ. ކޭ އެފްސީގެ އިތުރުން ވެސް އެހެނިހެން ކުންފުނިތަކަށާއި ސަރުކާރުގެ އިދާރާތަކަށް ވަޒީފާއަށް އެދުނު ނަމަވެސް އެއްވެސް ތަނަކުން ބަލައެއް ނުގަތެވެ. އާދައިގެ ވަޒީފާއެއް ނުލިބިގެން އުޅުނު މީހަކު ބޮޑު ކުންފުންޏެއް ގެ މަސްއޫލުވެރިޔަކަށް ވުމުން އެކަމުން ނަގައި ގަނެވޭނެ އިބުރަތްތަށް ވަރަށް ގިނަވާނެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް އިބުރަތަކީ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެކަން ގަބޫލުކޮށް، ހިތްވަރު އެލުވާ ނުލައި ކުރިއަށް ފިޔަވަޅު އަޅަމުން ދިޔުމުގެ މުހިއްމުކަމެވެ.
އެންމެ ފަހު މިސާލެއްގެ ގޮތުގައި މި ނަގަނީ ލަމްބޯގީނީ ގެ މަސްއޫލުވެރިޔާ ފެރޫޝިއޯ ލަމްބޯގީނީ އެވެ. ލަމްބޯގީނީ އަކީ "ލަގްޒަރީ ކާރު" ގެ ބާޒާރަށް ވާދަވެރިކަމާއި އެކު ފެންވަރު ރަނގަޅު، ރީތި އުފެއްދުންތަކެއް ނެރެމުން އަންނަ ކުންފުންޏެކެވެ. ދަނޑުވެރި އާއިލާއަކަށް އުފަން ފެރޫޝިއޯ އަކީ ޓްރެކްޓަރ އިން މުދާ އުފުލާ ވިޔަފާރި އެއް ކުރަމުންދިޔަ މީހެކެވެ. އެ މަސައްކަތުން ބޮޑު އާމްދަނީ އެއް ލިބެން ފެށުމުން "މެކޭނިކްސް" ގެ ދާއިރާއަށް ނުހަނު ކުޅަދާނަ ފެރޫޝިއޯ ފެރާރީ ބްރޭންޑް ގެ ކާރެއް ގަތެވެ. އުޅަނދު ފަހަރު މަސައްކަތް ކުރާ ގޮތް ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން އޭނާ ފެރާރީ ގެ މަސްއޫލުވެރިޔާ އެންޒޯ ފެރާރީ އަށް އޭނާ ގެންގުޅުނު ކާރުގައި ހުރި އުނި ސިފަތައް ފާހަގަ ކޮށް ކިޔާދިނެވެ.
ޓްރެކްޓަރ ދަތުރު ކޮށްދޭ މީހަކު އޭނާ ފަދަ ނަން މަޝްޙޫރު ކާރު ކުންފުންޏެއްގެ ވެރިއަކަށް އޭނާ ގެ އަމިއްލަ އުފެއްދުމެއް ރަނގަޅު ކުރާނެ ގޮތް ކިޔާދިނުމުން އެންޒޯ ފެރޫޝިއޯ އަށް ދިނީ މަލާމާތުގެ ރައްދެކެވެ. އެހެންނަމަވެސް އޭގެ އަހަރުތަކެއް ފަހުން ފެނިގެން ދިޔައީ ފެރޫޝިއޯ ލަމްބޯގީނީ އޭނާގެ އަމިއްލަ ނަމުގައި ކާރު އުފައްދާ ކުންފުންޏެއް ހުޅުވައި، "ލަގްޒަރީ ކާރު" ބްރޭންޑް އެއްގެ ގޮތުގައި އެ ބާޒާރުގައި ފެރާރީ އާއި ވާދަ ކުރަން ފެށިތަނެވެ. އެ ދެ ބްރޭންޑް ގެ ތެރެއިން މޮޅީ ކޮން ބައެއްގެ އުފެއްދުމެއްތޯ ކިތަންމެ ވަރަކަށް ވެސް ބަހުސް ކުރެވިދާނެއެވެ. އެހެންނަމަވެސް މީގެން ފާހަގަ ކޮށްލެވޭ އިބުރަތަކީ ތިމާއަށް ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކީ ދަށް މީހެއްގެ ގޮތުގައި ފާހަގަ ކުރުން ބުއްދިވެރިއެއް ނޫންކަމެވެ. ތިމާ އަކީ ކިތަންމެ މަތީ ފަންތީގެ މީހެއް ކަމުގަައި ވިޔަސް މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް އެހިސާބަށް އާދެވިދާނެ އެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!