ޑޮލަރު ލިބުން ތާށިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.60 އަށް އަރައިފިއެވެ.

ޓޫރިޒަމް ހުއްޓި ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާ އިން މައްޗަށް އަރާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

Ad
rt

މިވަގުތު ކަޅު ބާޒާރުގައި، ޑޮލަރު ލިބެންހުރީ 18.30ރ. އާއި 18.60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއާއެކު، ރާއްޖޭގައި ވިޔަފާރިކުރާ ބައެއް ކުންފުނިތަކުން ބުނީ، ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގުވެސް އުފުލިގެން ހިނގައިދާނެ ކަމަށާއި އާއްމުކޮށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަރުކާރީގެ އަގުވެސް ބާޒާރުން މިހާރު ވަނީ އަގު ބޮޑުވެފަ އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެންފެށީ މާޗްމަހުގެ މެދެއްހާ ހިސާބުގައެވެ. އެދުވަސްވަރު ޑޮލަރު ވިއްކަނީ 16.35ރ. އާއި 16.20ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ޑޮލަރު ގަންނަން ހުރީ 16.10ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް، މިކަމާއި ގުޅިގެން ބުނެފައިވަނީ އެ ކުންފުންޏަށް ލިބޭ މުދާ އަގުބޮޑުކޮށް ނޫން ގޮތަކަށް ވިއްކެން ނެތް ކަމަށާއި 18 ރުފިޔާ އަށް ވެސް މިހާރު ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިކަމުން އަޑީގައި ތިބެގެން ބައެއް ފަރާތްތަކުން ފައިދާވެސް ނަގަމުން އަންނަ ކަމަށެވެ. މަގުމަތީގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކަށް ބޭންކްތަކުން ޑޮލަރު ދޫކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ.

ފުޅާދާއިރާއެއްގައި ކަރަންސީ އެކްޗޭންޖް ކުރާ ވައިބަރ ގުރޫޕެއްގައި 10000 18000، 8000 ،1000 ޑޮލަރުވެސް ވަނީ 18 ރުފިޔާއިން މަތީގައި ވިކިފައެވެ. މިކަމުންވެސް ޑޮލަރުގެ ތާށިކަން ހުރި މިންވަރު ވަޒަން ކުރެވިގެން ދެއެވެ.

މިދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 15.70ރ. އަށެވެ. މިއީ އެހާ ދުވަހަށް ފަހު ޑޮލަރުގެ ރޭޓަށް މިހާ ބޮޑު ބަދަލެއް އާއި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ޑޮލަރު ރޭޓަކީ 15.42ރ. އެވެ. އެހެން ނަމަވެސް އަބަދުވެސް ކަޅު ބާޒާރުގައި ޑޮލަރު އުޅެނީ އެ ރޭޓަށް ވުރެ މަތީގަ އެވެ. ހުއްދަ އޮވެގެން ޑޮލަރު ވިއްކާ ބައެއް ތަންތަނުން ވެސް ޑޮލަރު ވިއްކާ ރޭޓްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޑޮލަރު ނުލިބޭތީ ބައެއް ތަންތަނުން ޑޮލަރު ވިއްކުން ވަނީ ހުއްޓާލައިފަ އެވެ.

އެމްއެމްއޭއިން މިހާރު އަންނަނީ ކުރިއަށް ވުރެ ގިނައިން ބޭންކްތަކަށް ޑޮލަރު ދޫކުރަމުންނެވެ. އެގޮތަށް، ބޭންކްތަކަށް ގިނައިން ޑޮލަރު ދޫކުރަނީ ކާބޯތަކެތި ފަދަ ޒަރޫރީ މުދާ ގެންނަ ފަރާތްތަކަށް މުދާ ގަންނަން ފަސޭހަކޮށްދީ، ރައްޔިތުންގެ ހެޔޮ އަގުގައި ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށް އެމްއެމްއޭއިން މީގެކުރިން ބުނެފައިވެއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އޭޕްރީލް މަހުގެ ނިޔަލަށް ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 889 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން، ބޭނުންކުރަން ހުންނަ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 230 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައިވާ 2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވާ ގޮތުގައި، 2020 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 818.8 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އެހެން ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން އެ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވަނީ ޓޫރިޒަމް ހުއްޓި އިމްޕޯޓް ދަށްވެފަ އެވެ. އެއާއިއެކު، ޑޮލަރުގެ ކަޅު ބާޒާރުގެ އަގުވެސް ދަށްވި އެވެ. ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ޓޫރިސްޓުން އައުން މަދުވުމާ ގުޅިގެން ޑޮލަރުގެ އަގަށް ވަނީ ބޮޑެތި ބަދަލުތައް އަންނަން ފަށައިފަ އެވެ. ކޯވިޑް-19 އާއި ގުޅިގެން ހުރިހާ ވިޔަފާރިތަކަށް ވަނީ އޭގެ ނުރަނގަޅު އަސަރުކޮށްފަ އެވެ. މީގެ އިތުރުން، ކޮންމެހެން ބޭނުންވާ ޒަރޫރީީ މުދާ ނޫނީ އެހެން ކަންކަމަށް އާއްމުން ކުރާ ހަރަދުވެސް ވަނީ ދަށްވެފަ އެވެ. އާއްމު ރައްޔިތުންގެ އަތަށް ވެސް ފައިސާ ލިބޭ މިންވަރު ދަށްވީ އެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ވެސް މިހާރު ކަޅު ބާޒާރުން ޑޮލަރު ގަތުން ނޫން އެހެން މަގެއް ނެތެވެ. އެހެންކަމުން ކުރިއަށް އޮތީ މުދަލުގެ އަގު ބޮޑުވުމުގެ ދުވަސްތަކެއް ކަމަށް، ތަޖުރިބާކާރުން ލަފާކުރެ އެވެ.