ކ. ހުރާއަށް ނިސްބަތްވާ 6 ކުއްޖެއް، ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައ،ި މަސްދޯންޏެއްގައި މާ ކަނޑުގައި މަސްބާނަމުންދާ ވީޑިއޯ ދުށް ކޮންމެ މީހަކުމެ ވަނީ އެކުދިންގެ ހުނަރު ފެނި އާސޯޚްވެފައެވެ.

އެ ކުދިންގެ ހުނަރުން ފެނިގެން ދިޔައީ އެކުދިންގެ ކާފަ މެނަށް، ބައްޕަމެނަށްވެސް ދޫ ދިނުމެއް ނެތްތަނެވެ. ދޮށި އަޅަމުން މަސްތައް ނަގައި ވަތަށް އުކަމުން ދަނީ ނުހަނު ފަރިތަ ކަމާއި އެކުގައެވެ.

Ad
rt

މިކުދިންގެ މަސްވެރިކަމުގެ ދަތުރުގެ ވާހަކައިން ކުޑަ ތަންކޮޅެއް އަހައިލިޔަސް ހަމައެކަނި މިކުދިންގެ ހިތްވަރު އެނގުމުންވެސް އަންތަރީސް ވާހާވެއެވެ. ހިޝާން، ޝިބާން، އަލްސަން، ހިއްބާން، ޔުނާލް އަދި ޒައިކް މަސްވެރިކަމަށް ފުރި ގަޑި އެނގޭހެއްޔެވެ؟ މިކުދިން މަހަށް ފުރީ މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު 1 ޖަހާއިރުއެވެ. މަސް ދަތުރު ނިންމާފައި އެނބުރި ރަށަށް އައީ ޖެހިގެންއައި ބުރާސްފަތި ދުވަހުގެ ރޭ ގަނޑު 19:30 ހާއިރުއެވެ.

މިކުދިން މިވަނީ މަސްވެރިކަމަށް ކުރި ދަތުރުގައި 18 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްފައެވެ. ޢުމުރުން 10، އަހާއި 7 އަހަރާއި ދެމެދުގެ މި ކުދިންގެ ހިތްވަރު މިކަމުން ނިކަން ރަނގަޅަށް އެނގިގެން ދެއެވެ.

މީގެ ތެރެއިން ބައެއް ކުދީންނަކީ މުޅީން އަލަށް މަހަށް ދިޔަ ކުދީންނެވެ. ބައެއް ކުދީން ވަނީ ކުރިންވެސް މަހަށް ގޮސްފައެވެ. މި ހިތްވަރުގަދަ ކުދީންގެ މައިން ބަފައިން ކުރިމަގުގައި މިކުދީން ނަކީ ޒިންމާދާރު، ބޭނުންތެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް ކަން ކަށަވަރެވެ.

އެ ފަޚުރުވެރި މައިން ބަފައިންނަކީ ކޮބައިތޯ ބަލައިލި އިރު، ހިޝާން އަދި ޝިބާންގެ މަންމައަކީ ހުރާ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު އަރީޝާއެވެ. މިކުދީންގެ ބައްޕައަކީ ޝިބާއުއެވެ. ޝިބާއުއަކީ ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ވިދާލި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން، ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ މީހެކެވެ.

ޒައިކްގެ މަންމައަކީ ހުރާ ސްކޫލްގެ މުދައްރިސާއެކެވެ. ޒައިކްގެ ބައްޕަ ޝާންއަކީވެސް ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ވިދާލި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން، ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ މީހެކެވެ.

އަލްސަންގެ ބައްޕައަކީވެސް ދިވެހި ފުޓްބޯޅައިގައި، ފަރިތަ މަޝްހޫރު ނަމެއް ކަމަށްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ވިދާލި ސާގިބެވެ. ސާގިބު ވަނީ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައެވެ. އަލްސަން މަންމަ އަކީ ހުދާއެވެ.

ޔުނާލްގެ މަންމަ ރާޝިޔާއަކީވެސް އަކީ ހުރާ ސްކޫލްގެ މުދައްރިސާއެކެވެ. ޔުނާލްގެ ބައްޕަ ނާފިއު އަކީ ހުރިއްޔާ ސްޕޯޓްސްގެ ގޯލް ބަލަހައްޓާފައިވާ ގޯލް ކީޕަރެކެވެ.

ހިއްބާންގެ މަންމައަކީ ހުރާ ސްކޫލްގެ ލައިބްރަރީގައި އިސްކޮށް މަސައްކަތް ކުރާ މީހަކަށްވާއިރު، ހިއްބާންގެ ބައްޕައަކީ ހިޝާމްއެވެ. ހިޝާމްއަކީ ކަނޑޫމާ ރިސޯޓްގެ ލޯންޗް ސެކްޝަންގެ ސްޕަވައިޒަރެކެވެ.

މިފަޚުރުވެރި މައިން ބަފައިގެން މިންނެތް މަސައްކަތުން ހެޔޮ ތަރުބިއްޔަތުގައި ބޮޑުވަމުން މިދާ ކުދިންގެ މި ހުނަރު ބަލައި ފޫހި ނުވެއެވެ.

މިކުދިންގެ މަސްވެރިކަމުގެ މި ދަތުރުގައި ދެ ނަމެއް ކޮންމެހެންވެސް ދޫކޮށްނުލައި ފާހަގަކޮށްލަން އެބަޖެހެއެވެ. އެއީ މިކުދިންނަށް މަސްބޭނުމުގައި އެހީތެރިކަން ފޯރުކޮށްދިން ތޮލާލާއި، މި ހިތްގައިމު ފޮޓޯތައް އަހަރެެންނާއި ހަމައަށް ފޯރުކޮށްދިން ނަސީރުގެ ނަމެވެ.

މިކުދިން މަހަށް ދިޔަ ދޯނީގެ ވެރިޔާ އަދި ކެޔޮޅު ހަސަން ފުޅުގެ ވާހަކަވެސް ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ހަސަން ފުޅަކީ އަބަދުވެސް ކުޑަކުދިންނާއި، ޒުވާނުން މަހަށް ގެންދިއުމަށް އެހީތެރިވާ، އެއްބާރުލުންދޭ މީހެކެވެ. މަހަށް ދިއުމުގެ ފުރުޞަތު ކުދީންނަށާއި، ޒުވާނުންނަށް ދިނުމަކީ ހަސަން ފުޅުގެ އުފަލެވެ. ޙަސަން ފުޅަކީ، މިދަތުރުގައި މަހަށްދިޔަ ހިޝާން، ޝިބާން، ހިއްބާން އަދި އަލްސަންގެ ކާފައެވެ. އަދި ޔުނާލް، ޒައިކްގެ ތިއްތި ބެއެވެ.

ލޮކްޑައުންގެ ހާލަތުން އަރައިގަނެވިފައި ވީނަމަވެސް، އަދިވެސް އެތައް ބައްޕައިންނެއް ތިބީ ރިސޯޓްތައް ބަންދުކޮށްފައި ވުމުން ޢާއިލާކައިރީ ރަށްރަށުގައެވެ. އަދި ފެނިގެން މިދިޔައީ ޒުވާނުންވެސް ޖޯޝާއީއެކު މަސްވެރިކަމަށް ޝައުގުވެރިކަންދިން މަންޒަރެވެ.

މި ދުވަސްވަރުވެސް މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަން މިކުދިން މިއޮތީ ކަށަވަރު ކޮށްދީފައެވެ.