ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށް ކުރީގެ އެފްއޭމްގެ ރައީސްކަން ކުރަށްވާފައިވާ، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޢަލީ އާޒިމް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ، ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދާ ޚިލާފަށް ކަމަށެވެ.

Ad
rt

އެހެންކަމުން އެފްއޭއެމް ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި ޤާނޫނީ ދައުލަތެއް ހިންގަން ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައި ވާއިރު، 2 ޖުލައި 2020 ވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ވަނީ އިންތިޚާބު ކޮށްފައެވެ. އެފްއޭއެމުން ވަނީ ކޮންގުރެސް ބާއްވަން އުޅޭކަން އެދުވަހާއި ޖެހެންދެން ސިއްރުކޮށްފައެވެ.

އެ އިންތިޚާބު ބޭއްވީ، އިންތިޚާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށެވެ.

ޔޫތު މިނިސްޓްރީއިން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެ އިދާރާއާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އާޒިމްވަނީ މަޖިލީހަށް ހުސްވި ޖޫންމަހުގެ 30 ވަނަ ދުވަހު ހުށަހަޅުއްވާފައެވެ. އެއާއި ގުޅިގެން މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެއް އެ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އިންތިހާބު ނުބާއްވަން އެފްއޭއެމުގައި އެދެން މަޖިލިސްގެ އިޖްތިމާއީ ކޮމިޓީން މިނިސްޓްރީގައި ވަނީ އެދިފައެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ރާއްޖެ ޓީވީއިން ގެނެސްދިން ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްއާއި އެ އިދާރާއިގެ ރައީސް ބައްސާމްއާ އެކު ގުޅުން ކުރިއަށް ވުރެން ވެސް ރަނގަޅު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެފްއޭއެމްގެ ހިންގުމާއި، އެ އިދާރައިގެ އިންތިހާބުގެ ކަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ވެސް މަހްލޫފް ވަނީ ދެއްވާފަ އެވެ.

އެފްއޭއެމްގެ ކޮންގްރެސް އަށް ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީން އެދުނީ އެކަން އެގޮތަށް ކުރެވެން އޮތްނަމަ ކުރުމަށް ކަމަށާއި އިންތިހާބު ބާއްވަން ނިންމި އެންމެ ބޮޑު ސަބަބަކީ ކަނޑައެޅިފައި އޮތް ތާރީހުގައި އެކަން ކުރަން ފީފާ އާއި އޭއެފްސީން ވެސް ބޭނުންވާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އެފްއޭއެމްގެ މައްސަަލައެއް ބެލޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ އިންޒާރެއްވެސް ދީފައެވެ.