މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި މިހާރު ހުރި ނ. އަތޮޅު މަދަރުސާގެ އުފަން ދުވަހަކީ ނުވަތަ އަހަރީ ދުވަހަކީ 01 މާރިޗެވެ. އެ ދުވަސް ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަނަދޫގައި "މަނަދޫ ޕްރައިމަރީ ސްކޫލު" ހުޅުވައިދެއްވި ދުވަހަށެވެ. އެއީ 1979 މާރިޗު 1 ވަނަ ދުވަހެވެ. އެއީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަނަދޫއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. އެހެންނަމަވެސް މަނަދޫ ޕްރައިމަރީ ސްކޫލަށްވުރެ "ނ. އަތޮޅު މަދަރުސާ" ގެ ނަން މާދޮށްޓެވެ.
މަނަދޫގައި ފުރަތަމަ ހުޅުވި ނ. އަތޮޅު މަދަރުސާގެ ރަސްމީ ނަމަކީ "މަދަރުސަތުލް ނަހްޟާ" އެވެ. އެކަމަކު އެއީ ހަމަ ނ. އަތޮޅު މަަދަރުސާއެވެ. އެ ދުވަސްވަރަކީ އެކި އަތޮޅުތަކުގައި އަތޮޅު މަަދަރުސާތައް އަތޮޅު ރައްޔިތުންގެ މާލިއްޔާއިން ބިނާކޮށް ހިންގުމަށް ފެށި ދުވަސްވަރެކެވެ. އަދި އަތޮޅު މަދަރުސާގެ ނަތީޖާތައް ނޫސްތަކުގައި ޖަހަމުން ދިޔަ ދުވަސްވަރެވެ. ފޮތުނަން ކޮންމެ ނަމަކަށް ވިޔަސް އާންމުކޮށް ކިޔަނީ އަތޮޅު މަދަރުސާއެވެ. ނ. އަތޮޅު މަދަރުސާ އިމާރާތްކޮށް ހުޅުވީ އަލްފާޟިލް ނައިބުގޭ ތުއްތުމަނިކުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުގައެވެ.
ނ. އަތޮޅު މަދަރުސާއަކީ އުވައިން ރަނައި، އުވަަޖަހައި، މަތިން ފަންޖަހައި ހިޔާކޮށްފައިވާ ވަރަށް ރީތި މަދަރުސާއެކެވެ. އެ މަދަރުސާ ހުޅުވައި ދެއްވީ އޭރުގެ ވަޒީރުލްމަޢާރިފު (މިހާރުގެ ގޮތުން ނަމަ މިނިސްޓަރ އޮފް އެޑިއުކޭޝަން) ޞާހިބުއްސަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބު މަނަދޫއަށް ކުރެއްވި ޚާއްޞަ ދަތުރުފުޅެއްގައެވެ. އެ މަނިކުފާނުގެ އަމިއްލަފުޅު ގަލަންކޮޅުން އެ މަދަރުސާ ސިފަކުރައްވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. "އަތޮޅު މަދަރުސާހުރީ ޒަމާނާއި އެކަށީގެންވާ ގޮތަށް ރޭނި، އުވަޖެހި، ހިޔާކުރެވިފައެވެ."
އެ ޒަމާނަށް އެ މަދަރުސާއަކީ ވަރަށް ފުރިހަމައަށް ބިނާކުރެވިފައިވާ ހުރި މަދަރުސާއެކެވެ. އެ މަދަރުސާ ހުޅުވައިދެއްވުމަށް ވަޒީރުލް މަޢާރިފް މަނަދޫއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. އެ ދަތުރުނާމާ އެމަނިކުފާނުވަނީ އެ ދުވަސްވަރު މަޙްކަމަތުލްއިރުޝާދުން ނެރުއްވަމުން "މުންނާރު" ނޫހުގެ 21 ވަނަ ނަންބަރުގައި ލިޔުއްވާފައެވެ. އެ އަދަދު ނެރުއްވީ ހިޖުރައިން 20 ޛުލްޤައިދާ 1376، މީލާދީން 20 ޖޫން 1957 ވީ ބުރާސްފަތި ދުވަހުއެވެ. މި ލިޔުއްވުމުން ނ. އަތޮޅު މަަދަރުސާ ހުޅުވުނު ތާރީޚާއި އޭރު މަނަދޫގެ ހާލަތު އޮތްގޮތާއި ކިޔަވައިދިނުމުގެ ކަންތައްތައް ހުރިގޮތް ސާފުވެއެވެ. އަދި އެ ދަތުރުފުޅަށް މަނަދޫ ރައްޔިތުން ތައްޔާރުވީ މިންވަރު ވެސް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ނ. އަތޮޅު މަދަރުސާ ހުޅުވައިދެއްވުމަށް މަނަދޫއަށް ކުރެއްވި މި ދަތުރުފުޅަށް އަލްއުސްތާޛު އިބްރާހީމް ޝިހާބު މާލެ އިން ފުރާވަޑައިގެންނެވީ 28 ސައްވާލް 1376 (28 މޭ 1957) ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 07:20 ގައި މަނަދޫ ރައްޔިތުންގެ ބައްތެލީގައެވެ. އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅުގެ ޢިއްޒަތްތެރި ދެ މެންބަރުންކަމަށްވާ އަލްއަމީރު މުޙައްމަދު ނޫރައްދީނާއި، އަލްމުޙްތަރަމް ހޮޅުދޫ މޭނާ ކަލޭފާނުގެ ދޮންމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ އިސް ވަޒީރަކު އަތޮޅުތެރެއަށް ދަތުރުފުޅެއް ކުރެއްވުމަކީ އޭރަކު ކުޑަކަމެއްނޫނެވެ. އަދި އަމުދުން ރައްޔިތުންގެ ބައްތެއްޔެއްގައި ދަތުރުކުރެއްވުމަކީ އާންމު ކަމެއް ވެސް ނޫނެވެ. އެހެންކަމުން ވަޒީރުލް މަޢާރިފުގެ މި ދަތުރުފުޅަށް މަނަދޫ ރައްޔިތުންގެ ބައްތެއްޔަށް ބައެއް ބަދަލުތައް ގެނައެވެ. މިގޮތުން ވަޒީރުލް މަޢާރިފަށް ޚާއްޞަ ފާޚާނާއެއް ތައްޔާރުކުރެވުނެވެ. އަދި ބައްތެލީގެ އެތެރެއަކީ އެމަނިކުފާނަށް ޚާއްޞަ ކޮޓަރިކޮޅެއްގެ ގޮތުގައި އިންތިޒާމުތައް ހަމަޖެއްސިއެވެ. ފަރިއްކޮޅުގެ ކަންތައް ވެސް ވަރަށް ރަނގަޅު ފެންވަރަކަށް ހަމަޖެއްސިއެވެ. މި ދަތުރުފުޅުގައި ވަޒީރަށް އުނދަގޫފުޅު ވެދާނެތީ ދަތުރުގެ ހުރިހާ ބައިވެރިން ވެސް ވާހަކަ ދައްކައި އުޅުނީ ވަރަށް މަޑުންނެވެ. ވައި އަޑުންނެވެ. ދުވަސްވަރަކީ މޫސުން ގޯސް ކަނޑު ގަދަ ދުވަސްވަރެކެވެ. އެހެންނަމަވެސް ވަޒީރަށް އެކަމުގެ މާބޮޑު އުދަގޫފުޅެއް ތަހަންމަލު ކުރައްވަން ޖެހިވަޑައި ނުގަންނަވާގޮތަށް ހުރިހާ އިންތިޒާމުތަކެއްވެސް ބައްތެލީގެ ތެރޭގައި ހަމަޖެއްސިއެވެ. ދަތުރުކުރީ މޫސުމުގެ އަސަރު ބައްތެއްޔަށް ވީ އެންމެ ކުޑައެއްކޮށް ކުރާނެ ގޮތް ބަލައިގެންނެވެ. މިކަންކަން މަނަދޫ ރައްޔިތުން ކުރިލެއް ފުރިހަމަކަމުން އަލްއުސްތާޛު އިބްރާހީމް ޝިހާބު މަނަދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ޝިހާބުގެ ދަރިކަލުން ޞަލާޙު ޝިހާބު އަރިހުގައި ގެންދެވިއެވެ.
މަނަދޫގެ ބަނދަރަށް ބައްތެލީގެ ރިޔާ ދޫކޮށްލުމާއެކު އަލްއުސްތާޛު އިބްރާހީމް ޝިހާބަށް ފެނިވަޑައިގެންނެވީ ކުރީގެ މަނަދޫއެއް ނޫނެވެ. ފުރަތަމަ ވެސް ލޯފުޅުގައި އަޅައިގަތީ ރަށުގެ މަލަމަތިން ފެންނަންހުރި އަތޮޅުގޭގެ އާ އިމާރާތެވެ. "ވަސްވާހެއްނެތް ފަދައިން އަޅުގަނޑުގެ ސަމާލުކަން އެންމެ ފުރަތަމަ ދަމައިގަތީ އަތޮޅުގޭގެ މައްޗަށެވެ. އަތޮޅުގެ ހުރީ ރަށުގެ މައްޗަށެވެ. މިއަދު މަނަދޫއަށް ފޭބުމަކީ ދަތުރުވެރިންގެ އުފަލަކަށްވާފަދަ ޗާލޫ ފާލަމެއް އެރަށުގައި އެބައޮތެވެ. އިހުގެ ބޯދާ އަތޮޅުގެ ތާރީޚީ އާސާރެއްގެ ގޮތުގައި ފެންނަންހުރި ކަމުގައި ވިޔަސް ޒަމާނާ ވަރަށް އެކަށީގެންވާ، އައު އިމާރާތެއް އަތޮޅުގެއެއްގެ ގޮތުގައި މިހާރު އެބަހުއްޓެވެ. އެކަށީގެންވާ ކާގެއަކާއި، ބަޑަހަގެއަކާއި، ބަދިގެވެސްހުރީ ހެދި ނިމިފައެވެ." ޝިހާބު ލިޔުއްވާފައިވެއެވެ. އޭރު މަނަދޫ ދެކެމުންދިޔަ ތަރައްޤީއާ ކުރިއެރުމުގެ އަސްލަކީ އަދި ވަޒީރުގެ ދަތުރުފުޅުގެ އިންތިޒާމުތައް ރާއްވަވައި ހިންގެވުމުގެ މޭސްތިރިއަކީ އޭރު ހުންނެވި އަތޮޅުވެރިން، އަލްފާޟިލް ނައިބުގޭ ތުއްތުމަނިކެވެ. އެންމެ ކުރިން ހުރި ނ. އަތޮޅުގޭގެ (ކުރީގެ ވާރުގޭގެ) ބަދަލުގައި އައު އަތޮޅުގެއެއް ބިނާކުރެއްވީ އެމަނިކުފާނުގެ އަތޮޅުވެރިކަމުގައެވެ.
މަނަދޫއަށް އަލްއުސްތާޛު އިބްރާހީމް ޝިހާބު ފައިބައިވަޑައިގެންނެވީ އަތޮޅުގެއާ ދިމާލުގައި އަޅާފައިވާ ރީތި ފާލަމުންނެވެ. ރަށުގައި ފައިންޕުޅު އެޅުއްވިއިރު ވެސް އެއީ ކުރީގެ މަނަދޫ ނޫންކަން ޝިހާބަށް އެނގިވަޑައިގެންނެވިއެވެ.
"މަނަދޫ ކުރީން ދެކެލެއްވި ކޮންމެ ބޭކަލަކު ވެސް އެއްބަސްވާނެ ފަދައިން އެ ރަށަކީ މިދިޔަ ތަދު ޒަމާނުގައި އެންމެ ހާލު ނިކަމެތިވީ އެއްރަށެވެ. މި ދަތުރުގެ ކުރީން އަޅުގަނޑު އެންމެފަހުން އެ ރަށަށް އެރި ފަހަރު ވެސް އަވަށުތެރޭގެ ހަޑިކަމާއި މެދު ހައިރާންވީމެވެ. ނަމަވެސް މިފަހަރު އަޅުގަނޑަށް ފެނުނު މަނަދޫއަކީ، ކުރީގެ މަނަދޫއެއް ނޫނެވެ. ހުރިހާ ގޮތަކުން ކުރިއަރަމުން އަންނަ އަދި ދިރުމުގެ ރޫޙު ލިބިފައިވާ ހިތްފަސޭހަ ރަށެކެވެ."
ދިރުމުގެ ރޫޙު ލިބިފައިވާ ހިތް ފަސޭހަ މަނަދޫގައި ނ. އަތޮޅު މަދަރުސާ ޢިމާރާތްކޮށްފައި ހުރީ ނ. އަތޮޅުގޭގެ ކުރިމަތިން ސޯސަންމަގު ހުރަސްކޮށް ދެކުނު ފަރާތުގައި އޮންނަ ކޮށީގައެވެ. ފަހުން މަނަދޫ ފަން މަދަރުސާއާއި ޕްރައިމަރީ ސްކޫލް ހިންގީ ވެސް އެ ގޯތިތެރޭގައެވެ. އަދި އޭގެފަހުން ހުޅުވުނު ނ. އަތޮޅު މަދަރުސާ ވެސް ފުރަތަމަ ހިންގީ އެ ތަނުގައެވެ. ފަހުން އެއީ މަނަދޫ އިޖުތިމާޢީ މަރުކަޒެވެ.
އޭރު ނ. އަތޮޅު މަދަރުސާ އަކީ ނ. އަތޮޅުގެ އެކިއެކި ރަށްރަށުން ދަރިވަރުން މަނަދޫއަށް ގެނެސްގެން ކިޔަވައިދިން މަދަރުސާއެކެވެ. އެ ކުދިން އޭރު ބައިތިއްބުމަށް އަތޮޅުގޭގެ ގޯތިތެރޭގައި ދަނޑިފަނުން ތައްޔާރުކޮށްފައިވާ ވަރަށް ބޮޑު ބިނާއެއް ހުއްޓެވެ. އެއީ އެ ދަރިވަރުން ތިބޭ ބޯޑިންގެވެ. ނަމަކީ "ދާރުއްތަރުބިއްޔަތު" އެވެ. ރައީސް މުޙައްމަދު އަމީނުގެ ދުވަސްވަރުގައި މާލޭގައި ހިންގި ބޯޑިންގަށް ކިޔަނީ "ދާރުލްއިޤާމާ" ނޫން ތޯއެވެ.
ދާރުއްތަރުބިއްޔަތުގައި ދަރިވަރުން ބެެލެހެއްޓުމަށް އިސް ބޭފުޅަކު ހުންނަވައެވެ. އެ ބޭފުޅާގެ މަޤާމުގެ ނަމަކަށް ކިޔަނީ "މުރާޤިބު" އެވެ. މުރާޤިބުގެ މަޤާމުގައި އޭރު ހުންނެވީ ކެނދިކުޅުދޫ ޢަބްދުއްރަޙާން މުޙައްމަދެވެ. ފަހުން ކެނދިކުޅުދޫ ކަތީބުކަން ލިބިވަޑައިގެންނެވުމުން ވެސް ބައެއް މީހުން "މުރާޤިބު ކަތީބު" ކިޔާ އުޅުނެވެ. ޢަބްދުއްރަޙުމާން ވަނީ އޭގެފަހުން ނ. އަތޮޅުވެރިކަމާއި، އަދި އެހެން ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަން ކުރައްވާފައެވެ.
" މަދްރުސަތުއް ނަހްޟާ" ގެ ނަމުގައި ނ. އަތޮޅު މަދަރުސާ ހުޅުވުނީ 2 ޛުލްޤައިދާ 1376 ގައެވެ. އެ ތާރީޚު މީލާދީ ސަނަތުން ބެލީމާ ދިމާވަނީ 01 ޖޫން 1957 ވީ ހޮނިހިރު ދުވަހާ އެވެ. އެހެންވީމާ ފުރަތަމަ ހުޅުވުނު ނ. އަތޮޅު މަދަރުސާގެ އަހަރީ ދުވަހަކީ މިއީއެވެ. އެ ދުވަހު ނ. އަތޮޅު މަދަރުސާ އޭރުގެ ވަޒީރުލް މަޢާރިފް ޞާހިބުއްސަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބު ހުޅުވައި ދެއްވީ އެކަމަށް ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައެވެ. މަދަރުސާގައި ތިބި ދަރިވަރުންނާބެހޭ ގޮތުން ޝިހާބު ލިޔުއްވާފައިވެއެވެ. "އަތޮޅު މަދަރުސާގައި ތިބި ކުދީންގެ މައްޗަށް ވިސްނިއިރު ޞިއްޙީ ގޮތުންނާއި، ޢުމުރުގެ ގޮތުންނާއި، ކުދީން ވަރަށްވެސް ކަމަށް އެކަށީގެންވާ ކަމަށް ފެނުނެވެ. މަނަދޫ މަކްތަބުގެ ޠާލިބުންނާއި ޠާލިބާއިންވެސް އެކުދީންގެ އަގުހުރި މަސައްކަތް ހިންމަތާއެކު ކުރަމުން ދެއެވެ." ޝިހާބު އެ ވިދާޅުވާ މަނަދޫ މަކުތަބަކީ މިލަދޫ އަބޫބަކުރު ނިޔާޒީ (މިލަދޫ އެދުރުބޭ) މަނަދޫއަށް ހިޖުރަކުރައްވައި ފެށްޓެވި މަކުތަބެވެ. އެއީ ފަހުން މަކުތަބުއްޖަލާއު އެވެ.
ނ. އަތޮޅު މަދަރުސާ ހުޅުވައިދެއްވުމަށް އަލްއުސްތާޛު އިބްރާހީމް ޝިހާބު މަނަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި ނ. އަތޮޅު މިލަދޫއަށް ވަޑައިގެންނެވިއެވެ. އަދި މާލެ ވަޑައިގެންނެވީ ށ. އަތޮޅު މަދަރުސާ ވެސް ހުޅުވައިދެއްވާފައެވެ. އޭރު ށ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގައި ހުންނެވީ އަލްފާޟިލް ކުޑަކޮއި ދޮންމަނިކެވެ. މި ތާރީޚީ ދަތުރުފުޅު ޝިހާބު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ 12 ޛުލްޤައިދާ 1376 ވީ ބުދަ ވިލޭރޭގެ ވަގުތެއްގައެވެ.
ނ. އަތޮޅު މަދަރުސާގައި ކިޔެވުމުގެ ކަންތައްތަކާއި ކުޅިވަރާއި ކަސްރަތާއި ނަމާދަށް ދިއުންފަދަ ކަންތައްތައް ހުރީ މާލޭގައި ދާރުލްއިޤާމާގައި ކަންތައްތައް ހުރި ކަހަލަ ގޮތަކަށް ވަކި ޚާއްޞަ ތަރުތީބަކުންނެވެ. ކިޔަވައިދިނުމާއެކު ދަރިވަރުން ވަކިގޮތަކަށް ހާނުވާ ބައްޓަންކުރުމުގެ ތަމްރީނު ތަކެއް ލިބިގެންދާފަދަ ގޮތެއްގައެވެ. ނ. އަތޮޅު މަދަރުސާގެ ކިޔެވުން 1959 ވަނަ އަހަރާ ހަމައަށް ވަރަށް ރަނގަޅަށް ކުރިއަށް ދިޔައެވެ. ކުޑިގޭ މުޙައްމަދު ޢަބްދުއްލަޠީފުގެ އަތޮޅުވެރިކަމުގައި އެ މަދަރުސާގެ ކިޔެވުން ހުއްޓުމަކަށް އައީ އެ ދުވަސްވަރު މަނަދޫގައި ހިނގި ހަމަނުޖެހުންގަނޑާ ގުޅިގެންނެވެ. މު ހަމަނުޖެހުން ގަނޑުގެ ތެރޭގައި 01 ނޮވެންބަރު 1959 ގައި ނ. މަނަދޫއިން ނ. ހޮޅުދޫއަށް ނ. އަތޮޅު އޮފީސް ބަދަލުކުރެއްވިއެވެ. އަތޮޅުވެރިން އަވަހާރަވީ ހޮޅުދޫގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް 28 ނޮވެންބަރު 1959 ގައެވެ. ބުނެވެނީ އަމިއްލަފުޅަށް ޒަޚަރެއް ހިއްޕަވައިގެން އަމިއްލަފުޅަށް އަވަހާރަވީ ކަމަށެވެ. ނ. އަތޮޅު އޮފީސް އެއަތޮޅު ހޮޅުދޫން ނ. މަނަދޫއަށް އަނބުރާ ބަދަލު ކުރެއްވީ އައްޝައިޚް އަޙްމަދު ޝާތިރުގެ އަތޮޅުވެރިކަމުގައި 20 ޑިސެންބަރު 1960 ގައެވެ.

ފުރަތަމަ ހުޅުވުނު ނ. އަތޮޅު މަދަރުސާގެ އުމުރު ދެމިގެން ދިޔައީ ދެ އަހަރެއްހާ ދުވަހަށެވެ. އެހެން ނަމަވެސް އެ ކުރު މުއްދަތުގައި އެ މަދަރުސާއިން ކިޔެވި ގިނަ ދަރިވަރުން ވެފައިވަނީ ވަރަށް ޚިދުމަތްތެރި ބޭފުޅުންނަށެވެ. އޭގެތެރެއިން ބޮޑަތި ކުދިންގެ ތެރެއިން ގިނަ ދަރިވަރުން ނ. އަތޮޅުގެ އެކި ރަށްރަށުގެ ކަތީބުކަމާއި އިސް މަޤާމުތައް ފުރުއްވިއެވެ.
ފޮޓޯ: ނ. އަތޮޅު މަދަރުސާގެ ދަރިވަރުން ފެރޭޑް ފަރިތަކުރަނީ. ފޮޓޯ ކްރެޑިޓް: ޙައްޤުވެރި ފަރާތަށް.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!