އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ މޮޅު ގޯލެއްވެސް ހިމަނައިފިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ގޯލްތަކުގެ ތެރެއިން އެންމެ މޮޅު ސޯލޯ ގޯލަކަށް ދަނގަޑޭގެ މިގޯލު ހޮވިފައިވަނީ ބޮޑު ތަފާތަކުންނެވެ.
އޭއެފްސީ ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި 54 % މީހުން ވަނީ ދަގަނޑޭއަށް ވޯޓު ދީފައެވެ. މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ފަހިކޮށްދިން ބޯޅައަކުން އޮފްސައިޑް ނުވާގޮތައް ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭ ވަދެ އޭނާގެ އާދަޔާ ހިލާފު މޮޅު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަޝްފާގުގެ މި ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް އަޝްފާގު ޖަހާދިން ގޯލެކެވެ.
އެ ލަނޑު ޖެހި އިރު ދަގަނޑޭއަށް ދަތިކުރުމަށް ޕާސިބޯގެ ތިން ކުޅުންތެރިން ފަހަތުން އައެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށްވުރެ ހަލުވި ސްޕީޑްގައި ގޮސް ދަގަނޑޭ އެގޯލު ކާމިޔާބު ކުރިއެވެ. އެ މެޗުގައި ނިއު ކާމިޔާބު ހޯދާފައިވަނީ 7 ލަނޑު 1 ލަނޑުން ކާމިޔާބު ހޯދައިގެންނެވެ. މިމެޗުގައި އަޝްފާގް ވަނީ ހެޓްރިކް ހަދާފައެވެ.
އޭއެފްސީން ވޯޓަށް ހުޅުވާލާފައިވާ ލިސްޓުގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލެކެވެ. ގަދަ ފަހެއްގައި ދެން ހިމަނާފައިވަނީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަޓް ސިންހް ޖެހި ގޯލެކެވެ.
ގަދަ ފަހެއްގައި ހިމަނާފައިވާ އަނެއް ގޯލަކީ 2015 ގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލެކެވެ. އަދި 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެކެވެ.
އޭއެފްސީން އަންނަނީ ފަހަކަށް އައިސް ސަޕޯޓަރުންގެ މެދުގައި، އޭއެފްސީ ކުޅުންތެރިން ޖަހާފައިވާ މޮޅުތި ހިތްގައި ގޯލު ގިންތި ކުރުމަށް ވޯޓު ނަގާފައެވެ. މީގެ ކުރިން އޭއެފްސީން ވަނީ އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލްވެސް ހޮވާފައެވެ.
އޭއެފްސީ ކަޕްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ ވަނީ ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތަކެއް ފަހަރު ހޯދައިފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ފުޓުބޯޅައިގައި ރާއްޖޭގެ ކުޅުންތެރިޔަކަށް އަވަސް މުސްތަގުބަލެއްގައި އޭނާ ހަދައިފައިވާ ރެކޯޑްތަށް މުގުރައިލުމަކީ ހަމަ ޔަގީނުންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ގޮތުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!