ޓޫރިޒަމް ސިނާއަތް އަލުން ފަތުރުވެރިންނަށް ހުޅުވާލަން ވާނީ ޙިދުމަތްދޭން ތިބި މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ފުޅު ދައްކަވަމުން ރާޢީ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓުރީ ހުޅުވާލާއިރު މުވައްޒަފުން ތިބީ ބްލޭންކްކޮށްކަމަށާއި ވޭތުވެދިޔަ ތަނުގައި މުސާރަ ނުދެވުމާއި އިނާޔަތްތައް ކަނޑާލާފައިވުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ރި ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.
އަދި ސިނާއަތް ހުޅުވާލާން ވާނީ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ފަހުގައި ކަމަށް ރާއީ ފާހަގަ ކުރެއްވިއެވެ. އަދި މަކުނުދޫ ދާއިރާގައި ތިބި މުވައްޒަފުންގެ ކަނބޮޑުވުމަކީ މިއީ ކަމުގައި ރާއީ ބަހުސް ކުރައްވަމުން ފާހަގަކުރިއެވެ.
ރާއީގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ ދިވެހި ރާއްޖޭގެ އިޤުތިޞާދު ހިނގައިގަންނަށް އެންމެ ބޮޑު ސިނާއަތަކަށް ވާނީ ޓޫރިޒަމްކަމަށް ވާތީވެ ޓޫރިޒަމް ނަގަހައްޓާ ހަރުދަނާ ކުރަން ޖެހޭކަމަށެވެ.
ޓޫރިޒަމްގެ ޕްލޭންތައް މިހާރަށް ވުރެއް ބޮޑަށް އާންމު ކުރެވެން އެބަޖެހޭ، މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާއަށްދާންތިބި މުވައްޒަފުންނަށް ފުރިހަމަ އަށް ތައްޔާރީވާކަން ނޭންގުން، ކޮންދުވަހަކުން ކަމެއް ނޭންގެ ހުޅުވާލަނީއެއް، މުވައްޒަފުން ތިބީ ބްލޭންކްކޮށް،
ޓޫރިޒަމް ހުޅުވާލާނެ ވާހަކަ ބުނަމުން ދާއިރު ތައްޔާރީތައް އެހާ ފުރިހަމަ ނޫންކަން ފާހަގަ ކުރަމުން ރާއީ ބުނެފައިވެއެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކަށްފަހު ރާއީ ވަނީ ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން އެއަރޕޯޓް ހުޅުވިގެން އަންނާނެ ވަކި ދުވަހެއް ނޭންގޭއިރު އެރަޕޯޓުގައި ވާންޖެހޭ ތައްޔާރީތައް ބައިވަރު ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ރިސޯޓުތަކުގައި ކުރަން ހުރި ބައިވަރު ކަންކަން އެބަ ހުރިކަން ފާހަގަ ކުރިއެވެ.
ރާއްޖެއަކީ ލަގްޒަރީބް ބްރޭންޑް އަކަށްވާއިރު ރާއްޖެ ހުޅުވާލަންވާނީ ކަންކަން ވަރަށް ފުރިހަމަ ކުރެވިގެންކަން ރާޢީ ފާހަގަ ކުރިއެވެ. އަވައްޓެރި ގައުމުތަކުގައި ހުރި ހޮޓެލް ޗެއިންތައް ނިއު ނޯމަލް އަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ މަންޒަރު ފެނިގެންދާއިރު ރާއްޖެއިން އެމަންޒަރު ފެނިގެން ނުދާކަން ރާއީ ފާހަގަ ކުރިއެވެ.
މިނިސްޓަރ ބޭނުން ވެއްޖެނަމަ މަޖިލިސްތެރެއިންވެސް ގާބިލް ފަންނީ މީހުންގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ، ޓޫރިޒަމް މިނިސްޓްރީގެ ދުވެލި ބާރު ކުރަންޖެހޭ، މިނިސްޓަރަކީ ހީވާގި މިނިސްޓަރެއް، އެކަމަކާ ދެބަސްވަނީކީ ނޫން، އަޅުގަނޑަށް ހީވަނީ މިކަމުގައި މިނިސްޓަރަށް އިންޑަސްޓްރީގެ ތަޖުރިބާ ކާރުންގެ އިރުޝާދާއި ލަފާ ބޭނުންވާހެން
ގާބިލް ބޭފުޅުން މިނިސްޓްރީގައި ނެތްކަމަށް ވާނަމަ ގާބިލް ބޭފުޅުން ހޯއްދަވައިގެން ޓޫރިޒަމް އިންޑަސްޓުރީ ކުރިއަށް ވުރެއް ވަރުގަދަކޮން މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރަމުން ރާއީ ވިދާޅުވިއެވެ.
ދިވެހި ރާއްޖެ އިސްތިހާރު ކުރުމުގެ ކަންކަން އެންމެ އެކަށީގެންވާގޮތުގައި ކުރިއަކަށް ނުދާކަން ފާހަގަ ކުރަމުން ރާއީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށާއި ރާއްޖެ އިސްތިހާރުކުރުމަށް އިހުނަށްވުރެއް ބާރަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!