ދުވަހަކީ އުޑުމަތި ސާފު ހެޔޮވަރު ވަރަކަށް ވައިޖެހޭ ރީތި ދުވަހެކެވެ. އަހަރެން އޮތީ އަތިރީގައި ހުރި ޖޯލިފަތީގައި މަސް އޮޑި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަހަރެންނެކޭ އެއްފަދައިން މަސް ގަތުމަށް އައިސް ތިބި އެހެންމީހުންވެސް ޖޯލިފަތީގައާއި އެތާ ކައިރީގައި ހުރި ހޮޅުއަށީގައި އޮށު އޮވެލައިގެން ވަގުތުތައް ގުނަމުން ދެއެވެ.

އެތާ ތިބި އެންމެންގެ ސަމާލުކަން މަޑުމަޑުން އެންބުރެމުން ދިޔައީ އެންމެ ފަހުން ސައިކަލުގައި އައިސް ހޮޅުއަށްޓަށް މަޑުކޮށްލި މީހާ ދައްކަމުން ދިޔަ ވާހަކަ އަށެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ހޮޅުއަށީގައި އޮތް ބީރެއްޓެހި މީހަކާއެވެ. އެދެމީހުންގެ ވާހަކަތައް ހުރީ އަންނަނިވި ގޮތަށެވެ.

Ad
rt

ސައިކަލުގައި އައި މީހާ: ބޭބެ ކޮން ރަށެއް.

ބީރެއްޓެހި މީހާ ވަރަށް ރީއްޗަށް ހަމަ ރަށް ބުނެދިނެވެ.

ސައިކަލުގައި އައި މީހާ: ކީއްކުރަން އައިސް ތިއުޅެނީ.

ބީރެއްޓެހި މީހާ: ލޮކްޑައުންގައި މި ރަށުގައި ތާށިވި ގޮތައް މިތިބީ.

ސައިކަލުގައި އައި މީހާ: ތިހެން އަންނަ ބީރެއްޓެހިން ރަށުގައި ގިނަދުވަހު ތިބެގެން މީހުންގެ އަނބިންގެ ކައިރިއަށް ދާނީ.

ބީރެއްޓެހި މީހާ ވަރަށް ރީއްޗަށް ހަމަޖެހިލާފައި "މަށަކީ ތިކަހަލަ ވިޔާ ނުދާ ކަންތައްތައް ކުރާ މީހެއް ނޫން" ބުނެލިއެވެ. ދެން ސައިކަލުގައި އައި މީހާ ޒުވާބު ދިނުން އިތުރުވެ ރުޅިގަދަ ވާން ފެށިއެވެ. އެންމެންގެ ސަމާލުކަން އޭނާ އާއި ދިމާލަށް ހުއްޓުނެވެ. ރުޅި ގަދަވެގެން ގޮސް ހަޑި ހުތުރު ބަހުން ރައްދު ދޭން ފެށިއެވެ.

މި މަންޒަރު ބަލަމުން ދިޔަ ގަޑީގައި އަޅުގަނޑު ހިތައް އެރިއެވެ. ސައިކަލުން އައި މީހާ ރުޅި އަންނަ ޒާތުގެ އެއްވެސް ބަހެއް ބީރެއްޓެހި މީހާއެއް ނުބުނެއެވެ. އަދި ބީރެއްޓެއްސެއް ކަމަށް ވިޔަސް އެހާ ބޮޑަށް ރުޅި އަންނަންޖޭ ސަބަބެއް ނުވިސް ނެއެވެ. ސައިކަލުން އައި މީހާގެ ވާހަކަތައް ކިތަންމެ ފަށުއިވެފައި އަޑުގަދަޔަސް، އަޅުގަނޑެކޭ އެއް ފަދައިން އެހެން މީހުންނަށްވެސް އޭނާގެ ވާހަކަތައް ކަމު ނުދާކަން އެމީހުންގެ މޫނުމަތިން ދޭހަކޮށްދެއެވެ. އެ ބީރެއްޓެހި މީހާ ރީތި ބަހުން ވާހަކަ ދެއްކުމާއި އަދި މިފަދަ ދުވަސް ވަރެއްގައި ލޮކްޑައުންގައި އެހެން ރަށެއްގައި ތާށިވެފައި ހުރި މީހަކާ ދިމާލަށް ހިތު ހުރި ގޮތަކަށް ބޭ އަދަބީކޮށް ވާހަކަދެއްކުމަކީ އެތާ ތިބި ކޮންމެ މީހަކަށްވެސް އެ ބީރައްޓެހި މީހާއާއި ދޭތެރޭގައި ހަމްދަރުދީ ވެވުނު ސަބަބެކެވެ.

ހުރިހާ ބީރެއްޓެހިން އެއްގޮތެއް ވާނޭކަމަށް ހީކުރުމަކީ ކުއްހީއެކެވެ. އެކި ބޭނުންތަކުގައި އެކި ރަށްރަށަށް ގޮސް އުޅޭ މީހުން ވެއެވެ. ކޮންމެ މީހަކީވެސް އަނެކާގެ އެހީތެރިކަމަށް އެދެންޖެހޭނެ މީހެކެވެ. ބީރެއްޓެހިންނަށް ކަމޭ ހިތައި ހެޔޮކޮށް ހިތުމަކީ އަހަރެމެން އިސްލާމް ދީނުގައިވެސް ބާރު އަޅާ ގޮތެވެ. ރަށެއްގެ ބޮޑުކަމާއި ރީތިކަމަކުން ނުވަތަ ލިބެމުންދާ ހިދުމަތްތަކުން ފަހުރުވެރިވެ ބޮޑާވާނަމަ، އެކަމެއްގައި ބަރަކާތް ކެނޑި އެ ނިއުމަތެއް ބީވެ ހިނގައި ދިއުން އެކަށީގެން ވެއެވެ.

މީހުންގެ ތެރޭގައި ހައްގުން ކަމަކާއި ނުލައި އެހެން މީހުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ޒުވާބު ދިނުމަކީ ރީތިކަމެއް ނޫނެވެ. އަދި އަޑު އަހަން ފަސޭހަ ކަމެއްވެސް ނޫނެވެ.