ސިޔާސީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ތިމާއަށް ފަހިވާނޭގޮތައް ކަންކަން ފަހިކޮށް ނާޖާއީޒް ފައިދާ ނަގަމުންދަނީ ތިމާ އެހެންމީހުންނަށް ވުރެ ވިސްނުން ރަނގަޅުވެފައި ހުސިޔާރުކަމުންނެއް ނޫނެވެ.
ކޮންމެ މީހަކު ދުނިޔެވީ ތިކަހަލަ ވަގުތީ ފައިދާއެއް ހޯދުމަށް ތިބާ ވެއްޓޭހާއި ދަށު ދަރަޖައަށް ވެއްޓޭކަށް ބޭނުން ނުވެދާނެއެވެ. ހައްގެއް ހަލާލެއް ބަލާލުމެއްނެތި އަތުޖެހުން އެއްޗެއް، އަތުޖެހުނު ގޮތަކަށް ކަމުން ތިޔަހަރަ ގެންދަނީ، ދުނިޔޭގައި ކިހާ ދުވަހަކު ހުންނާނެ ކަމަށް ތޯއެވެ. މިއަދު ނަހަމަ ގޮތުގައި ތި ހޯދާ މަންފާއިން ގައިގާ އަލިފާން ރޯ ނުވެދާނެއެވެ. އަދި ހުރިތަނަށް އަޑިޔަށްވެސް ނުގޮސް ދާނެއެވެ. ނަމަވެސް މާދަމާ ތިބާ ފިލަން ވަންނާނީ ކޮންތާކަށް ހެއްޔެވެ!
ބާރުގެ ބޭނުންކޮށްގެން ނުހައްގުން މަންފާ ހޯދާ މީހުން ހިތައް އަރާގޮތުގައި އެމީހުންނަކީ ކަންކަން ކުރަން އެނގޭ ވަރަށް ވިސްނުން ރަނގަޅު ބައެކެވެ. ނަމަވެސް ތީ ވަރަށް ބޮޑު ކުއްހީއެކެވެ. ތިގޮތައް ހޯދާ މަންފާއެއް އެންމެނެއް ބޭނުމެއް ނުވާނެއެވެ. ތިބާއަށް އެ މަންފާ ޖަވާހިރެއްގެ ގޮތުގައި ފެނުނަސް އެންމެންނަކަށް އެގޮތަކަށް ނުފެންނާނެއެވެ. އެމީހުންނަށް އެކަން ފެންނާނީ ދަންތުރައެއްގެ ގޮތުގައެވެ.
މިގޮތައް ބާރާއި ނުފޫޒު ބޭނުންކޮށްގެން މަންފާ ހޯދާމީހުން އެހެންމީހުންގެ ކުރިމަތީގައި އޮޅުވާލައިގެން، އެހެންމީހުންނަކީ މޮޔައިންކަމުގައި ދެކިގެން މޮޅުވާހަކަ ދައްކައެވެ. އެހެންމީހުން އެއްޗެކޭ ނުބުނަނީވެސް ތިކުރަމުންދާ ވިޔާނުދާ ކަންކަމުން ތިބާ ދެކެ ވާ ފޫހިންނެވެ. މަންފާއެއް ފެންނައިރަށް ފޫގަޅައިގެން ދެފަޔަށް ބާރުލާފައި ތި ދުއްވާގަންނަނީ ތި ދުވަންއޮތް މަގަށްވެސް ބަލާލުމެއް ނެތިއެވެ. އެ މަގަކީ ސާފު ސީދާމަގެއްތޯ ނުވަތަ ދަތި އުނދަގޫ ބިރުވެރި މަގެއްތޯ ވަޒަންކުރުމެއްވެސް ނެތިއެވެ.
ސިޔާސީ މަގާމުގެ ބާރު ބޭނުންކޮށްގެން ހިތުހުރި މީހަކަށް ވަޒީފާތައް މިއަދު ބަހާލެވިދާނެއެވެ. މަސައްކަތްތައް ބޭނުން ފަރާތަކަށް އަނބުރާ ވަކި މީހަކަށް ފަހިކޮށްދެވިދާނެއެވެ. ނަމަވެސް މިކަމުން ތިބާގެ ދާއިމީ ގޯތި ވީރާނަކުރުން ނޫންކަމެއް ނުކޮށްދޭނެއެވެ. ތިބާއަކީ ބުއްދިވެރިއެއް ނަމަ ދާއިމީ ފައިދާ ވަގުތީ އުފަލުގެ ކުރިމަތީގައި އިޚްތިޔާރު ކުރާނެއެވެ. ނަފްސުގެ ލަގަން ފެންނަމުންދާ ހުރިހާކަމަކަށް ބާރުވެރިކަމެއްނެތި ދޫކޮށްލެވިއްޖެ ނަމަ މާދަމާ ހިތާމަކުރަން ޖެހޭނެއެވެ.
ބާރާއި ނުފޫޒުގެ އަވާގައި ހިތުހުރި ގޮތަކަށް ކަންކަން ނިންމަމުންދާއިރު މީހުންނަށް ލިބޭ ގެއްލުމާއި ދެރައަށް އެންމެ ފަހަރަކުވެސް ތިބާ ވިސްނައިލިން ތޯއެވެ. އެކަމެއްގެ ހައްގުވެރިންނަށް އެކަމެއް ނުވެ ގެއްލިދިއުމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އިތުރުވާނެކަމެކެވެ. މިއަދު ތިމަގާމުގައި ތިބާ ހުއްޓަސް މާދަމާ ތި މަގާމުގައި ހުންނާނީ އެހެންމީހެކެވެ. އެދުވަހަކުން ތިބާގެ ދަރިޔަކަށް ނުވަތަ ތިމާގެ މީހަކަށް ހައްގު ނުލިބުމުން ކުރެވޭ އަސަރު އިހްސާސްކުރެވޭނެއެވެ.
މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ބިރުހުރި ކަމެކެވެ. މީހުންގެ ހައްގުތައް ބޮލުއަޅައިގެން ގިޔާމަތުގެ މައިދާނަށް ހާޟިރުވުމަކީ ބޮޑުކަމެކެވެ. އެ ހައްގުތައް އަދާކުރުމުގެ ކައްފާރާއަކީ ތިބާކޮށްފައިވާ ހެޔޮކަންތައް ދިނުން ކަމުގައިވެސް ވެދާނެއެވެ. ދުނިޔޭގައި އުޅޭ ކޮންމެ ވަގުތަކީވެސް ހެޔޮކަމުން ފުރިގެންވާ ވަގުތަކަށް ހެދޭތޯ ބުރަކޮށް މަސައްކަތްކުރަން ވާނެއެވެ. މިދުނިޔޭގައި ލިބޭ ކޮންމެ ނިއުމަތަކާއިމެދު ސުވާލު ކުރެވޭނޭ ދުވަހެއް ވާކަން ހަނދާނުގައި ބަހައްޓާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!