މިނިމަމް ވޭޖެއް ކަނޑައެޅިޔަސް ރައްޔިތުންނަށް މިނިމަމް ވޭޖުން ދިރިއުޅެވޭނެ ގޮތް ވާނީ، ލާމަރުކަޒުކުރެވިގެން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއް ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ 20020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި އިއްޔެ ވާހާކަ ދައްކަމުން މެމްބަރު ޔާސިރު ވިދާޅުވީ މިނިމަމް ވޭޖަކީ އިންތިހާއަށް ދައްކަމުން އައި ވާހަކައެއް ކަމަށެވެ.
މި ވަގުތަކީ މިނިމަމް ވޭޖެއް ކަނޑައަޅަން އުނދަގޫ ވަގުތަކަށް ވެދާނެ ކަމަށާއި، އެހެންނަމަވެސް، އެއީ އެބޭފުޅުން އޭގެ ކުރިން ވެސް ދެއްކެވި ވާހަކައެއް ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެ ވަގުތު މިނިމަމް ވޭޖެއް ކަނޑައެޅުނު ނަމަ، މިއަދު އެތައް ކަމެއް ޙައްލުވެފައިވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، މިއަދު އަނެއްކާވެސް މިނިމަމް ވޭޖް ކަނޑައެޅުން ލަސްކުރަންވެއްޖެ ނަމަ އެތަކެއް ދަތިތަކަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެގޮތުން މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅެން އޮތް މިންވަރަކަށް މިނިމަމް ވޭޖް ކަނޑައެޅުމަކީ ހަމަ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ހަމައެއާއެކީގައި މި ފުރުޞަތުގައި ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެން މިނިމަމް ވޭޖެއް ކަނޑައެޅިޔަސް އަޅުގަނޑުމެން މިނިމަމް ވޭޖުން ދިރިއުޅެވޭނެ ގޮތް ވާނީ، އަޅުގަނޑުމެން ލާމަރުކަޒުކުރެވިގެން. އަޅުގަނޑުމެންގެ ރަށްތަކުގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް ހަމަޖެހިލައިގެން ކުލި ނުދައްކާ އުޅެވޭނެ ގޮތް ތަނަވަސްކުރެވިގެން.
ޔާސިރު ވިދާޅުވިއެވެ.
ޔާސިރުގެ ވާހަކާގައި ވަނީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްވެސް ފާހަގަ ކުރަށްވާފައެވެ. އެގޮތުން ގާނޫނާ ޚިލާފަށް އުޅޭ އެތަކެއް ބިދޭސީންތަކެއް މިހާރު ފޮނުވާލެވިފައިވާކަން ޔާސިރު ފާހަގަ ކުރެއްވިއެވެ.
ހަމަ އެއާއެކީގައި ކުޅުދުއްފުށިން ވެސް މިއަދު ވެސް 13 މީހަކު ފޮނުވާލުމަށް ޓަކައި އެ މަސައްކަތް ކުރިއަށް ގެންގޮއްސަވާކަން އަޅުގަނޑު ފާހަގަކޮށް އިކޮނޮމިކް މިނިސްޓަރަށް ހަމަ ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ މި ވަޢުދު ފުއްދައިދެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސާއި އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ތި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، ހަމަ ޝުކުރުއަދާކުރަން.
ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ ސަރވިސް ޗާޖުގެ މައްސަލައަށް އެ ބިލުން ގެނެވޭ އިޞްލާޙުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް ފާހަގަ ކުރަށްވާފައެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ސަރވިސް ޗާޖު ބެލޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ، ޔާސިރު ވިދާޅުވީ އެބިލަށް ގެނެވޭ އިސްލާހުން ރިސޯޓު މުވައްޒަފުންނަށް ލިބޭ ސަރވިސް ޗާޖު ކަށަވަރުކުރުމަށްޓަކައި، މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް މެކޭނިޒަމެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން އެ މުވައްޒަފުންނަށް އެ ރިސޯޓަށް ލިބެނީ ކިހާ އަދަދެއްކަން ކަށަވަރު ކުރެވި، އަދި އެ ޢަދަދާއިމެދު ޝައްކު އުފައްދަން ނުޖެހޭނެކަމަށް ޔާސިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!