ވޯޓަކީ ގާނޫނީ ގޮތުން އުމުރުން އަށާރަ އަހަރުފުރިފައިވާ ކޮންމެ މީހަކަށް މެ ލިބިގެންވާ ހައްގެކެވެ. ލިބިފައިވާ އެ ހައްގުގެ ބޭނުން ކުރަންވީ ގޮތް ނިންމުމުގެ ބާރުވެސް ލިބިފައި އޮންނަން ޖެހެނީ އެ ޙައްގު ލިބިގެންވާ ފަރާތަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ބޭއްވިގެން ދަނީ ތިން އިންތިހާބެވެ. އެއީ ކައުންސިލްތަކުގެ އިންތިހާބު، ރިޔާސީ އިންތިހާބު އަދި މަޖިލީސް އިންތިހާބެވެ.

އެއިން ކޮންމެ އިންތިހާބެއް އައިސް ކުރިމަތިވުމާއި އެކު ރާއްޖޭގެ މަޞްރަޙު އާންމު އުސޫލުތަކާއި ޚިލާފަށް ހަލަބޮލިވެގެން ދާތަން ފެނިގެންދެއެވެ. ކެމްޕެއިންތައް ކުރުމާއި ވޯޓު ހޯދުމަށް ޖަލްސާތައް ކުރިޔަށް ގެންދިޔުން މީ އާ ކަންކަމެއް ނޫނެވެ.

Ad
rt

ވޯޓު ކައިރިވާ ވަރަކަށް ގެއްލިފައިވާ އެކުވެރިންނާއި އާއިލާ މީހުން ފެނި ގުޅުންތައް ބަދަހިކުރަން މަސައްކަތްކުރަމުންދަނީ އަޖައިބުވާހާ މިންވަރަކަށެވެ. ބައެއް ކެނޑިޑޭޓުން ރާއްޖޭގެ ގާނޫނާއި ހިލާފަށް ރައްޔިތުންނަށް ވައުދުތަށް ވަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެފަދަ ވައުދުތަކަށް ބަލާއިރު، ރަށްރަށުގައި ހަސްފަތާލުތައް އަޅަން ބުނުމާއި ބަނދަރު ހަދައިދޭން ބުނުން ފަދަ ވައުދުތައްވުން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެ، ކެމްޕެއިން ވައިގާ ހިފާފައި ވަނިކޮށް ދުނިޔެ ބަނަކޮށްލި ކޯވިޑް-19ގެ ރާޅު ރާއްޖެއަށް ބިން ދާލުމުން ހާލަތުގެ ސަބަބުން އެ އިންތިޚާބު “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020”ގެހިޔަލުގައި މިހާރު ވަނީ ފަސްކުރެވިފައެވެ.

ކޯވިޑް-19 ރާޅު ރާއްޖެއަށް ބިންދާލައި، ރައްޔިތުން ފުރަ ބަންދުވެ، އެތައްސަތޭކަ ބައެއްގެ ވަޒީފާގެއްލި، އެތައް ޢާއިލާއެއް މަގުމަތިވެގެން ދިޔައިރު، ރައްޔިތުންގެ ހައްޤުގައި އެ ރައްޔިތުން ދެކެ ލޯބިން ކައުންސިލް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެ ކެނޑިޑޭޓުން ނިސްބަތްވާ ދާއިރާ ތަކުގެ ރައްޔިތުންގެ ހާލު ބަލައި ލެވުނީ ކިތަށް ކެނޑިޑޭޓުންނަށް ބާވައެވެ!

ކައުންސިލް އިންތިހާބުގެ ފޯރި އެންމެ ގަދަވި ދުވަސް ވަރު މީސްމީޑިޔާގައި ކެންޕެއިން ޕޯސްޓަރުތަކުން ވޯލު ފުރާލި މީހުން މިއަދު ނުފެނެއެވެ. ކެންޕެއިން ދުވަސްވަރު ބޭނުން ކުރަމުން އައި އައިޑީތަކާއި ޕޭޖުތައް ފަސްވުމާއިއެކު އޮބައިފިއެވެ. ބައެއް ކެނޑިޑޭޓުންގެ ވޯލް ބަލާލުމުން އެންމެ ފަހުން ޕޯސްޓެއް ކޮށްލާފައިވަނީ އެދުވަސް ވަރުގައެވެ. ކޯވިޑް19ގެ ވަބާ ޖެހިގެން ސަރުކާރާއި އިދާރާތަކުން ހޭލުންތެރިކުރުވުމުގެ އެތައް ހަރަކާތްތަކެއް ހިންގިއިރު މގެން ޕޯސްޓަރެއް ހިސާބުވެސް ހިއްސާކޮށްލާފައިނުވާކަން ފާހަގަ ކުރެވެއެވެ. މިއީ ނިސްބަތުން ކޮށްލުން ވަރަށް ކުޑަކަމެކެވެ. އިންތިހާބުވުމާއި އެކު މިފަދަ ކަންކަމުގައި ރެކޭ ބަޔަކު ކުރިއަށް އޮތް 5 އަހަރަށް އިންތިހާބު ވުމާއިއެކު ރައްޔިތުން އުޅެންޖެހޭނީ ހޯދާ ނުފެނިގެންބާއޭ ހިތަށްއަރައެވެ.

މިހާލަތުގައި ކުރިން އިންތިޚާބަށް ކުރިމަތި ލުމުން އުފަންވި އެކުވެރިކަމާއި، އަޚުވަންތަކަމާއި "ގޯތި" ކަން ދެމެހެއްޓުނީ ކިތަށް ކެނޑިޑޭޓުންނަށް ބާވައެވެ؟ ރައްޔިތުންނަށްޓަކައި މަދަދުވެރިންގެ ގޮތުގައި ހިލޭސާބަހަށް ނުކުމެލަން ކެރުނީ ކިތަށް ކެނޑިޑޭޓުންނަށް ބާވައެވެ؟ ކޮންމެސް މިންވަރެއްގެ ކެނޑިޑޭޓުން މިކަންކަން ދެމެހެއްޓި ނަމަވެސް އެ ކޯވިޑްގެ އާލަމީ ވަބާގެ އެންމެ ހިތްދަތި ވަގުތުގައި ގިނަ ކެނޑިޑޭޓުން ގެއްލެއްޖިކަމަށް ރައްޔިތުން އެބަ ކިޔައެވެ. ތެދެއް ތޯއެވެ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ވުޖޫދު ވުމާއިއެކު، ފަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

އިސްވެ ދެންނެވުނު ޤާނޫނު ރައީސް ތަސްދީޤުކުރެއްވީ 10 މެއި 2020 ގައެވެ. މިހެން ވީއިރު ގެއްލުނު ކެނޑިޑޭޓުން " ހަރުން " ނުކުންނާނީ ކިހާ ހިސާބެއްގައި ބާވައެވެ؟

އެހެންކަމުން ރައްޔިތުން މިދަފަ މީހުން ދެނެގަންނަންޖެހެއެވެ. ރައްޔިތުންގެ އިހުސާސްތައް ދަނެ ރައްޔިތުންނަށްޓަކައި ދާއިރާއަށްޓަކައި ސާފު ހިތަކާއި އެކު އިންތިހާބާއި ކުރިމަތިލާ މެމްބަރުން ފާހަގަކުރަން އެބަޖެއެވެ. ކުރުގޮތަކަށް ބުނާ ނަމަ މިފަދަ ކަންތަކުގައި ދިވެހިންގެ ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ.

މީގެ ކުޑަ ތަންކޮޅެއް ކުރިއަށް ވިސްނާލިއަސް އަޅުގަނޑު މިދައްކާ ވާހަކައިގެ ތެދުކަން ހާމަވެގެންދާނެއެވެ. މިހާރު ދައުރު ހަމަވެފައިވާ ކައުންސިލްތަކުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ކިތައް މެމެބްރުން ތިބޭފުޅުން ހާލު ބަލާލި ހެއްޔެވެ.؟ ދަތިވެފައިވަނީ ކޮންކަމެއްތޯއާއި، ނުވަތަ ބޭނުންވާ ކަމެއް އޮތްތޯ ބަލާލި ހެއްޔެވެ؟

އެންމެ އަވަހަށް ދެން އޮތް އިންތިހާބުތައް ކަމަށްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުން ކޮމެޓީއަށް މެމެބްރުން ހޮވުމުގެ އިންތިހާބުގައި ވޯޓު ލާން ދިޔުމުގެ ކުރިން މި ހުރިހާ ކަމަކަށް ވިސްނާލާށެވެ. އަޅުގަނޑު މި ދަންނަވަނީ ހުރިހާ މެމްބަރުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް މެޖޯރިޓީއަކީ ހަމަ ރައްޔިތުންނަށް ދަޅަތަކެއް ދެއްކުމަށްފަހު ގޮޑިތަކަށް އަރާ ތިބޭ ބައެކެވެ.

އެހެންކަމުން ކޮންމެ ރައްޔިތަކީވެސް އިންތިހާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ އަރިހުގައި ފެންކައްކާބޮއްޔެއްގެ މަގާމު ލިބިގެންނުވާ މީހެއްކަމުގައި ވުމަށް މިހާރަށް ވުރެ މި ކަންތަކާއި މެދު ވިސްނައި ހޭލުންތެރި މީހެއްކަމުގައި ވާށެވެ.