ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު އެކުއުޅެން ކޯރޓުން ހޯދާ ކައިވެނީގެ ސެޓްފިކެޓަކުން ހަމައެކަނި ނިންމާލެވޭނެ ކަމެއް ނޫނެވެ. ކައިވެންޏަކީ ދެހިތެއް އަބަދަށް ގުޅާލަދޭ ވަރަށް މަތިވެރި ގުޅުމެކެވެ. އެ ގުޅުމުގައި ލޯތްބާއި ކުލުނާއި ވަފާތެރިކަމާއި އިޙްތިރާމްކުރުން އެންމެ ފަހު ވަގުތާ ޖެހެންދެން އޮންނަންޖެހޭ ރީތި ގުޅުމެކެވެ. ކައިވެނީގެ ގުޅުން ވަރުގަދަކަންމަތީ ދެމެހެއްޓޭނީ އަނބިމީހާވެސް އަދި ފިރިމީހާވެސް ތެދުވެރިވެގެންނެވެ.
ކައިވެނީގެ އަޤުދުގައި ދެފަރާތުންވެސް އެންމެ ފަހުވަގުތާ ހަމައަށް ތެދުވެރިވާން ދެ ހެކިންގެ ކުރިމަތީގައި އެއްބަސްވެއެވެ. ނަމަވެސް ބައެއްމީހުން މި އަޙުދުގެ މަތިން ވަރަށް އަވަހަށް ހަނދާންނެތި ބައިވެރިޔާއަށް ބޭވަފާތެރިވެއެވެ. ހެއްދެވިފަރާތައް ކުޑަވެސް ބިރެއްނެތި ނަހަމަ ގުޅުންތަކާއި ދިމާލަށް ދެވެއެވެ.
މި އާރޓިކަލްގައި އަޅުގަނޑު ގެނެސްދެން ގަސްތުކުރަނީ މިގޮތައް އަމަލުކުރެވުނު ފިރިހެނެއްގެ ވާހަކައެވެ. އޭނާ ކިޔާދިންގޮތުގައި އޭނާގެ އަނބިމީހާއަށް އޭނާ ޗީޓްކުރިކަން ނުވަތަ ބޭވަފާތެރިވީކަން އެނގުނީ އެތައްދުވަހަކު އެގޮތައް އުޅުންފަހުންނެވެ. ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަހޭ ބުނާހެން، އެއްދުވަހުން އޭނާގެ އަންހެނުންނަށް ހުރިހާކަމެއް އެނގި ސާފުވީއެވެ. އޭނާ ބޭވަފާތެރި ވީފަހުން އޭނާގެ އަނބިމީހާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. ތިރީގައި މިވަނީ އޭނާ ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކެވެ.
އިތުބާރު ގެއްލުން
ކުރިން އަހަރެންގެ އަންހެނުން ވަރަށް އިތުބާރުކުރޭ. އޭގެ ކުރިން ދުވަހަކުވެސް އަހަރެންނާ ދޭތެރޭ ޝައްކެއް ނުކުރޭ! ނަމަވެސް ޗީޓްކުރިކަން އެނގުން ފަހުން އަހަރެން ރޭގަނޑު ލަހުން ގެޔަށް އަޔަސް ޝައްކު ކުރޭ! އަދި އަހަރެން ތެދަށް ބުންޏަސް ގަބޫލެއް ނުކުރޭ! އެހެންވެ މިހާރު ވަރަށް މައްސަލަ ޖެހޭ"
އޭނާ ކިޔާދިނެވެ.
އިތުބާރު ގެއްލުމަކީ ގުޅުން ހީނަރުވެ، މައްސަލަ އިތުރުވާކަމެކެވެ. އިތުބާރުނެއް ކައިވެނީގެ ގުޅުމެއް ކުރިޔަށް ގެންދިއުމަކީ އުނދަގޫ، ވޭންހުރި ކަމެކެވެ. ގެއްލިއްޖެ އިތުބާރަކީ ހޯދަން އުނދަގޫ އެއްޗެކެވެ.
ސަމާލުކަން ކުޑަވުން
ކުރިން އަހަރެންނަށް އިޙްސާސްވޭ އަހަރެންގެ އަންހެނުންނަށް އެންމެ މުހިއްމު މީހަކީ އަހަރެންކަން. ނަމަވެސް މިހާރު އަހަރެންނަށް އިޙްސާސްކުރެވެނީ ވައިފަށް އަހަރެން އެހާ މުހިއްމު ނޫނޭ. ކުރިން އަހަރެންނަށް ބޭނުންވާނެ ހުރިހާކަމެއް ގަޑިން ގަޑިއަށް ހުންނާނެ ރެޑީގަ. ނަމަވެސް މިހާރު ގިނަފަހަރަށް ހަނދާންކޮށްދެންޖެހޭނީ އެކި ކަންކަން މަތިން. ދެން އެނގޭ ވަރަށް ސަމާލުކަން ކުޑަކަން. އަސްލު މިހާރު ވަރަށް ދެރަވޭ
ދެރަވެފައި އިނދެ ކިޔާދިނެވެ.
ކޮންމެ މީހަކަށްވެސް ނިޢުމަތެއްގެ ބޮޑުކަން އެނގޭނީ އެ ނިޢުމަތެއް ބީވެދިއުމުންނެވެ. ކުރިން ޤައުމެއްގެ ރައީސަކަށް ހިދުމަތްކުރާހެން ހިދުމަތް ކުރަމުން އައި މަޢުސޫމު އަންހެނުންގެ ހިތް މަރާލީ ބޭވަފާތި ފިރިއެއްގެ ސަބަބުންނެވެ. މިގޮތައް ކަންތައް ދިމާވުމުގެ ކުރިން މިގޮތައް އުޅެމުންދާ މީހުން ވިސްނާ ފިކުރު ކުރަންޖެހެއެވެ.
އިޙްތިރާމް ދަށްވުން
މިކަން ދިމާވުމުގެ ކުރިން އަހަރެންކައިރި ނުބުނެ ނުދާނެ އެއްވެސް ތާކަށް. މޫނުމަތީ ބަސްވެސް ނުބުނާނެ. އަހަރެން ކަމަކަށް އަމުރުކޮށްފިނަމަ އެކަމަކަށް ކިޔަމަންތެރިވާނެ. މިހާރު މިހުރިހާކަމެއްވެސް ވަރަށް ތަފާތު. އޭނާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކުވެސް މިހާރު އެކަންތައްތައް މަތިން ހަނދާންކޮށްދޭނެ
އޭނާ ބުނެދިނެވެ.
ކޮންމެ ގުޅުމެއްގައިވެސް އިޙްތިރާމް ބޭނުންވާނެއެވެ. އިޙްތިރާމް ގިނަފަހަރަށް ގެއްލެނީ ކޮންމެވެސް އެކަކު އިޙްތިރާމް ގެއްލޭކަހަލަ އަމަލެއް ހިންގައިގެންނެވެ.
ކުރިން ވަރިކޮށްފާނެތީ އޮތް ބިރު ފިލުން
ކުރިން އަހަރެން ހިތައް އަރަނީ ވަރިކޮށްފާނެތީ އަންހެނުން ވަރަށް ބިރުގަންނާނޭ! ނަމަވެސް މިހާރު ދެމީހުން ރުޅިއައިސްގެން ޒުވާބުކުރާ ބައެއްފަހަރު އޭނާ ބުނާނެ އަހަންނަށް ރަނގަޅީ ވަރިކުރިއްޔާ އޭ! އަންހެނުން ބުނަނީ މިހާރު ރަނގަޅަށް މަށާ ދޭތެރޭ ވިސްނަން އުޅުނަސް އަބަދު ސިކުނޑިއަށް އަންނަނީ އެކަންތައްގަނޑުކަމަށް
އޭނާ ކިޔާދިނެވެ.
ކައިވެންޏަކީ ދެފަރާތުންވެސް ތެދުވެރިވެގެން ކުރިޔަށް ގެންދެވޭނެ ގުޅުމެކެވެ. މި ގުޅުމުގައި ލައްގަނޑެއް ޖެހިއްޖެނަމަ އެ ލައްގަނޑު ފިލުވާލުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ކައިވެނި ދެމެހެއްޓުމުގެ ޒިއްމާ ދެފަރާތުންވެސް އެއްވަރަކަށް ހިއްސާކުރެއެވެ.
އިންސާނުންގެ އިޙްސާސްތަކާއި ކުޅުމަކީ ކުޑަކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ހިތަށް ލިބޭ ވޭން އެނގޭނީ އެމީހަކަށް އެފަދަ ހާލަތެއް ކުރިމަތި ވީމައެވެ. ތިމާއަށް އެފަދަ އަނިޔާއެއް ލިބެން ނޭދޭ ފަދައިން އެހެންމީހުންނަށްވެސް އެފަދަ އަނިޔާއެއް ނުދޭށެވެ. ހުރިހާ ހާލަތެއްގައިވެސް ތިބާގެ ފަރާތުން ތެދުވެރިކަމާއި ވަފާތެރިކަން ތިބާގެ ބައިވެރިޔާއަށް ކަށަވަރުކޮށްދޭށެވެ.
އޭނާގެ ވާހަކަ ނިންމާލަމުން ވަރަށް މުހިއްމު ވާހަކައެއް ބުންޏެވެ. "އަހަރެން ދުވަހަކުވެސް އެގޮތައް އުޅޭކަށް ހިތަކުނެއް". މީހުންގެ ދިރިއުޅުމުގެ ތަޖުރިބާއަކީ އެހެންމީހުންނަށްވެސް އޭގެން ނުހަނު އަގުހުރި ފިލާވަޅެއް ހާސިލްކުރެވޭނެއެއްޗެކެވެ. ވީމާ، މިވާހަކަތަކުން ފިލާވަޅެއް ހާސިލްކުރަމާތޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!