ތިބާގެ ފައިތިލައަކީ ތިބާއަށް ދިމާވެދާނެ ސިއްޙީ މައްސަލަތައް ލަފާކުރުމަށް ޑޮކްޓަރުން ބޭނުންކުރާ ވަރަށް މުހިއްމު ގުނަވަނެކެވެ. ނަމަވެސް ތިބާގެ ފައިތިލައިން ތިބާގެ ސިއްޙަތާމެދު ބުނެދޭ ބައެއް ކަންތައްތައް އެނގޭކަށް ކޮންމެހެން މޮޅު ޑޮކްޓަރަކަށް ވާކަށް ނުޖެހެއެވެ. ތިބާއަށް ފަރުވާތެރިކަމާއިއެކު ފައިތިލައިން ފެންނަ ބަލީގެ ނިޝާތަކަށް އަހުލުވެރި ވެވިދާނެ އެވެ.
ތިރީގައި މިފާހަގަކުރާ ނިޝާންތައް ނުވަތަ އަލާމާތްތައް ތިބާގެ ފައިތިލައިން ފެންނަނަމަ، ޑޮކްޓަރެއްގެ ލަފާ ލަސްނުކޮށް ހޯއްދަވާށެވެ.
ފައިގެ ހަންގަނޑު ހިކިކޮށް ނުވަތަ ފޮޅިފައި ހުރުން
ތިބާގެ ފައިގެ ފުންނާބު ވަށައިގެންވާ ހަންގަނޑު އާދަޔާޚިލާފަށް ހިކިކޮށް ކުރަކިކޮށް ނުވަތަ ފަޅައިގެންގޮސް ފޮޅިފައިވާނަމަ، ތައިރޮއިޑް ގްލޭންޑުގެ ހާލަތު ބުނެދިނުމަށް ހަށިގަނޑުން އަޅާ ސިގުނަލަކަށް ވެދާނެއެވެ. ތައިރޮއިޑް ގްލޭންޑަކީ ހަށިގަނޑުގައި ހިނގާ ނުހަނު މުހިންމު މަސައްކަތްތަކަށް އެހީތެރިވެދޭނެ ހޯމޯންސް ތަކެއް އުފައްދައި ދޭ ގްލޭންޑެކެވެ. ހަންގަނޑު ހިކިކޮށް ހުންނަ ނަމަ، ތައިރޮއިޑް ގްލޭންޑުގައި މައްސަލެއް ހުރިކަމަށް ވެދާނެއެވެ.
ބައެއްފަހަރު ހަންގަނޑު ހިކިކޮށް ހުރުމަކީ ސިއްޙީގޮތުން މާނުރައްކާތެރި މައްސަލައަކަށް ނުވެވެސް ހިނގައިދާނެއެވެ. މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެންވެސް ބައެއްމީހުންގެ ހަންގަނޑު ހިކެއެވެ. ނަމަވެސް ފައިތިލައިގެ ހަންގަނޑު ހިކިވެފައި ހުރުމާއިއެކު ބަރުދަން އިތުރުވުމާއި ދެއަތް އަށްސިވުމާއި އަދި ލޮލުގެ ފެނުމަށް ބަދަލު އަންނަމުންދާނަމަ ޑޮކްޓަރެއްގެ ލަފާ ލަސްނުކޮށް ހޯދަވާށެވެ.
ފައިތިލަ އައްސިވުން
ފައިތިލަ އައްސިވަނީ އެކަށީގެންވާވަރަށް ފައިތިލައަށް ލޭ ދައުރު ނުވުމުންނެވެ. މިގޮތައްވާނަމަ، ޕެރިފްރަލް އާރޓަރީ ޑިޒީސް ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ. ޕެރިފްރަލް އާރޓަރީ ޑިޒީސްއަކީ ހަށިގަނޑުގެ މައިގަނޑު ގުނަވަންތަކާއި ގުޅިފައިވާ އާރޓަރީ (މައިނާރުތައް) ހިމަވުމަވުމުގެ ބައްޔެވެ.
ބައެއްފަހަރު ތިބާ ވަކިގޮތަކަށް ގިނައިރު އިށިއިނދެގެން އިނުމުން ނުވަތަ ނިދަން އޮވެވޭގޮތަކުން ފައިތިލަ އައްސިވެއެވެ. މިގޮތައް އައްސިވުން ސިއްޙީ މައްސަލައެއްގެގޮތުގައި ނުބެލެވެއެވެ. ނަމަވެސް އާއްމުކޮށް ނުވަތަ ހަރަކާތްތެރިވެ އުޅޭއިރު ފައިތިލަ އައްސިވާނަމަ، އަޅާނުލައި ދޫކޮށްލެވިގެން ނުވާނެއެވެ. ފައިތިލަ އައްސިވުމަކީ ޓައިޕް 2 ޑައިބެޓިކްސް ހުރިކަން އަންގައިދޭ އެންމެ އާއްމު އަލާމާތެވެ.
ދުޅަހެޔޮގޮތެއްގައި ހަށިގަނޑުގެ ނާރުތަކުގައި ލޭދައުރުވާން އެދޭނަމަ ގަވައިދުން ކަސްރަތުކުރުމާއި ފައިދާހުރި ކާނާ ކެއުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުންފަދަ ކަންކަން ކުރަންޖެއެވެ.
ފައިގެ އިނގިލިތަކުގެ ނިޔަފަތީގެ ދަށުގައި ކަޅުކުލައިގެ ތިކި ނުވަތަ ރޮނގު ހުރުން
ތިބާގެ ފައިގެ އިނގިލިތަކަށް މީހަކު އެރުމުން ނުވަތަ ބަރު އެއްޗެއް ވެއްޓުމުން ފައިގެ ނިޔަފަތީގެ ކުލަ ބައެއްފަހަރު ކަޅުކުލަ އަރައެވެ. މިގޮތައް ފައިގެ ނިޔަފަތިތަކަށް އަރާކުލައަކީ ވީގޮތް އެނގިގެން އަރާ ކުލައެކެވެ. އަދި މީގެ ސަބަބަކީ އެހެން ބައްޔެއް ހަށިގަނޑުގައި ހުރެގެން ވީކަމެއް ނޫނެވެ.
ނަމަވެސް އެއްވެސް ސަބަބެއްނެތި ހަމަ ހުރެފައި ފައިގެ ނިޔަފަތީގެ ކުލަ ކަޅު ނުވަތަ މުށިކުލައަށް ބަދަލުވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. ކަޅުކުލައިން ނިޔަފަތީގެ ދަށުގައި ދިގަށްވާގޮތައް ރޮނގުތަކެއް ފެންނަނަމަ، "މެލަނޯމާ"އަށް ޝައްކުކުރެވެއެވެ. މެލަނޯމާއަކީ ހަންގަނޑަށްޖެހޭ އެންމެ ނުރައްކާތެރި އެއްވަތަރުގެ ކެންސަރެވެ. ބައެއްފަހަރު ފައިތިލައިގެ ނިޔަފަތިގަނޑު ކަޅުވަނީ ފަންގަލް އިންފެކްޝަނުގެ ސަބަބުންނެވެ. ވީމާ، ނިޔަފަތިކަނޑާ ކޮންމެފަހަރަކުވެސް ނިޔަފަތީގެ ކުލަ ބަލާލުން މުހިއްމެވެ.
މައުލޫމާތު: އެވްރިޑޭ ހެލްތު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!