ކިޔުންތެރިކަން މުހިއްމުވާ އެންމެ އަސާސީ ސަބަބުތަކަކީ ވިސްނުން ތަރައްޤީވުމާއި ތަފާތު އިހުސާސްތަކަށް އަހުލުވެރިވުމާއި ނަފުސާނީގޮތުން ދުޅަހެޔޮވުމެވެ. ކޮންމެ ފޮތަކުންވެސް އާ ކަންތައްތަކާކައި ޚިޔާލުތަކެއް ދަސްވުމުގެ ފުރުޞަތު ފަހިވެއެވެ. ކިޔުންތެރިކަމުން މަޢުލޫމާތު މުއްސަނދި މީހަކަށް ބަދަލުވެއެވެ. މިފާހަގަކުރި ކަންތައްތަކުގެ އިތުރުންވެސް ކިޔުންތެރިކަމުން ލިބޭ ފައިދާތައް ނުހަނު ގިނަގުނައެވެ. ކުދިންގެ ކިބައިގައި ކިޔުންތެރިކަން އަށަގަންނަވައި ޝައުގުވެރިކުރުމަށް ތިރީގައި މިފާހަގަކޮށްލާ ބައެއް ކަންތައްތައް ބެލެނިވެރިންނަށް ކޮށްލެވިދާނެއެވެ.

ކިޔާހިތްވާ ކަހަލަ ފޮތް ހޯދައިދިނުން

Ad
rt

ކިޔާނެ ފޮތެއް އިޚްއުތިޔާރުކުރުން ކުދިންނަށް ދޫކޮށްލުމަކީ ފޮތްކިޔުމަށް ކުދިން ޝައުގުވެރިވާނެ ކަމެކެވެ. އެކި ކުދިން ޝައުގުވެރިވާނީ އެކި ކަހަލަ ފޮތަށެވެ. ބެލެނިވެރިން ކުދިންނަށް ފޮތް ގަންނައިރުވެސް ކުދިންނަށް ކަމުދާނެކަހަލަ ފޮތް އެނގިފައި ހުރުން ވަރަށް މުހިއްމެވެ. ގަދަކަމުން ކުދިންނަށް ކަމުނުދާކަހަލަ ފޮތްކިޔުއްވުމަކީ ކިޔުންތެރިކަމުގެ މަތިން ކުދިން ފޫހިވެދާނެކަމެކެވެ.

ކިޔުންތެރިކަން ތިބާގެ ފުށުން ފެނުން

ތިބާ ކިޔާހިތްވާކަހަލަ ފޮތް ނުވަތަ ތަފާތު މަޖައްލާ ކުދިންގެ ކުރިމަތީގައި ކިޔުން ވަރަށް މުހިއްމެވެ. ކުޑަކުދިންނަކީ އުޅެމުންދާ މާހައުލުން ފެންނަމުންދާ ކަންތައްތައް ވަރަށް އަވަހަށް ދަސްކުރަމުންދާ ބައެކެވެ. ކިޔުންތެރިކަމަށް ތިބާގެފުށުން ޝައުގުވެރިކަން ކުދިންނަށް ފެންނަމުންދާނަމަ، ކުދިންވެސް އެ ޝައުގުވެރިކަން ހޯދުމަށް މަސައްކަތްކުރުން އެކަށީގެންވެއެވެ.

ކިޔުންތެރިކަމަށް ފަހި މާޙައުލެއް އޮތުން

ކިޔުންތެރިކަން ކުރިޔަށް ގެންދިއުމަށް ޖާގައިގެގޮތުން ބޮޑުތަނަކާއި ވަށައިގެން ގިނަ އަދަދެއްގެ ފޮތްހަރު ހުރުން ލާޒިމެއް ނޫނެވެ. އެތަނަކީ ކުއްޖާ ހިތްހަމަޖެހޭ، ހަމަހިމޭން ތަނަކަށްވެފައި އަދި ފުރިހަމަ އަލި ލިބޭނަމަ ކިޔުންތެރިކަން ކުރިޔަށްގެންދެވޭނެއެވެ. ނަމަވެސް ކިޔުންތެރިކަން ކުރިޔަށްގެންދާ މާޙައުލަކީ ކުއްޖާއަށް އަރާމު އަދި ހިތްހަމަޖެހޭ މާޙައުލެއްނަމަ، ކިޔުންތެރިކަން ކުރިޔަށްގެންދިއުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިކަން ކޮންމެ ދުވަހެއްގެވެސް އާދައަކަށް ހަދާ

ތިބާގެ ދަރިފުޅު އުފަންވާހިސާބުން ފެށިގެން ތިބާގެ ދަރިފުޅަކީ ކިޔުންތެރިޔަކަށް ހެދުމަށް މަސައްކަތް ފެށިދާނެއެވެ. ކުދިން އެންމެ ތުއްތު އުމުރުން ފެށިގެން ބެލެނިވެރިންނަށް އެކުދިންގެ އުމުރާ ގުޅޭގޮތައް ތަފާތު ވާހަކަތައް ކިޔާދެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް އާދަވެގެން އެކުދިންނަށް ކޮންމެވެސް މިންވަރެއް ކިޔާދެވޭނަމަ، ކުދިން ބޮޑެތިވެގެން އަންނާނީ އެ އާދަ އެކުދިންގެ ކިބައިގައިވެސް އަށަގަތުމާއި އެކުގައެވެ.

ހިތްވަރުދިނުން

ފޮތެއް ނިންމާލާ ކޮންމެ ފަހަރަކުވެސް ކުދިންނަށް ހިތްވަރުދޭން ވާނެއެވެ. އަދި ކުދިން ފޮތްކިޔުމަކީ ބެލެނިވެރިންނަށް މުހިއްމު ކަމެއްކަން ބަހުންނާއި އަމަލުން ޝާބިތުކޮށްދެންވާނެއެވެ.

ކިޔުންތެރިކަމުގެ އާދައަކީ މިފަހަކަށް އައިސް ކުދިންގެ ތެރެއިން ނެތެމުންދާ ވަރަށް މުހިއްމު އާދައެކެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައިގެން ދިއުމާއެކު ގިނަ ކުދިންތަކެއް ގޭމާއި ސޯސަލްމީޑިއާގެ ޝިކާރައަކަށް މިއަދުވަނީ ވެފައެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކިޔުންތެރިކަމަކީ ކޮންމެދުވަހަކުވެސް އާދަވެގެން ކުރަންޖެހޭ މުހިއްމު ކަމެއްކަމެވެ.