ހދ. އިންނަފުށި: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

Innafushi 2

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހދ. އިންނަފުއްޓަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ”ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް“ މިސިލްސިލާގެ ދަށުން ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހދ. އިންނަފުއްޓާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.

 ޙިމާޔަތްކުރާ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު:

ޤުދުރަތީ އަދި ޠަބަޢީގތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

އިންނަފުއްޓަކީ މަކުނުދޫ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ 3 ހެކްޓަރުގެ ކުޑަ، ގާމަތީ ރަށެކެވެ. މިރަށަކީ ގިނަ އަދަދަކަށް ކަނޑުމަތީ ދޫނި ޖައްސާ އަދި ބިސްއަޅާ ރަށެކެވެ. މިރަށުގެ ފުއްޓަރު ފަރާތަކީ ކުރީ ޒަމާނުގައި ގިނަ އަދަދަކަށް ބޯޓުފަހަރު އުރިފައިވާ ސަ ރަހައްދެކެވެ. އެހެންކަމުން މިރަށުގެ ފުއްޓަރު ސަރަހައްދަށް "ބޯޓު އުރޭ މުލި" މީހުން ކިޔައެވެ. މިރަށް އުފެދިފައިވާގޮތަށް ބަލާއިރު، މުޅި ރަށުގައިވެސް ގިނައީ އަކިރި ވެލިކަމަށް ފާހަގަ ކުރެވެއެވެ. އަދި ދޮންވެލި ގޮޑުދޮށެއް ރަށުގެ އިރުމަތީ ބިތުގައި ވެއެވެ. މިރަށުގެ އަތިރިމަތީގައި ގިނަ އަދަދަކަށް ގޮޅާ ހުރެއެވެ. އަދި މިރަށުގެ ގޮނޑުދޮށަކީ ވެލާ ކަހަނބު ބިސްއަޅާ ސަރަހައްދެކެވެ. މިރަށުގައި 3 ރުއް ފިޔަވާ ދެން ހުންނަނީ ޅޮސްގަހާއި، ހިރުނދު އަދި ކުރެދި ގަސްތަކެވެ. މިރަށުގެ ހުޅަނގު ފަރާތުގައި މޫދާއި ގުޅިފައިވާ ކުޑަ ފެންގަނޑެއް އޮވެއެވެ. އަދި މިފެންގަނޑަށް މަކުނުދޫ މީހުން "ފުރޭތަ" ފެންގަނޑު ކިޔާއުޅެއެވެ. އިންނަފުށި ބޭރު ފަރަކީ ގިނަ އަދަދަކަށް ބޯޓު އުރިފައިވާ ފަރެއްކަމުން މިސަރަހައްދަކީ ފީނާ މީހުންގެ މަޤުބޫލު ކަން ލިބިފައިވާ ސަރަހައްދެކެވެ. މިފަރަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި، ބޮޑު ފަރެކެވެ. މިރަށުގެ ފަރުގެ ބޭރުވަރިން ބޮޑުމަސް އަދި މިޔަރު ގިނަ އަދަދަކަށް ފެނެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:

ގިންތި 7 :ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

މި ސަރަހައްދުގައި ކުރުން މަނާ ކަންކަން:
1 .އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
2 .ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
3 .ވެލި، މުރަކަ، އަކިރި، ބޮލި ނެގުން
4 .ކުނި އެޅުން
5 .ދަނޑުވެރި ކަމުގެ މަސައްކަތްކުރުން
6 .މިސަރަހައްދުން ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
7 .އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
8 .ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުން ދިނުން
9 .ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
10 .އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
11 .ބިންހިއްކުމާއި ފަޅު ފުންކުރުން
12 .އަލިފާން ރޯކުރުމާއި އެންދުން

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:
1 .ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
2 .ޓޫރިޒަމް އަދި މުނިފޫހި ފިލުވުން ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން
3 .ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް އެންވެރިކަމާއި، މުނިފޫހި ފިލު ވުމަށް މަސްވެރިކަން ފިޔަވައި އެ އްވެސް ބާވަތެއްގެ
މަސްވެރިކަން ކުރުން
4 .ހިކިފަން، ކާށި، ދަރު ހޮވުން
5 .ދިރާސާ ކުރުން
6 .ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *