މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދަންޖެހޭނީ ސަންސެޓް ޤާނޫނަކުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިއުޅެނީ ޤާނޫނުއަސާސީގައި ނެތް ކަމަކަށް ހައްލު ހޯދަން ކަމަށާއި، ޤާނޫނުއަސާސީގައި ނެތްކަމަކަށް ޤާނޫނެއް ހެދުމަށް އޮތް މައްސަލައަކީ ކޮބައިތޯ ވިދާޅުވެ ސަލީމް ވަނީ ސުވާލް އުފައްދަވާފައެވެ.

Ad
rt

ޤާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހަކީ ވަގުތީ އިސްލާހެއްކަމަށާއި، އެހެންކަމުން އެކަމަށް ތާޢީދު ނުކުރަށްވާ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިހާރު އިސްލާހުކުރަން މިއުޅެނީ އުމުރުން ފަސް މަސް ނުވާ އިސްލާހެއް، މިއީ ތަންކޮޅެއް އަވަހަށް ގެންނަން އުޅޭ އިސްލާހެއް، މިއީ ވަގުތީ ކަމަކަށް ގެންނަ އިސްލާހެއް، މިއީ މެޗެއްކުޅެން ފެށުމަށްފަހު މެޗުނިމެން ކައިރިވުމުން މެޗުގެ ވަގުތު އިތުރުކުރުން ފަދަ ކަމެއް.

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ތާޢީދު ނުކުރަށްވާކަން ހާމަކުރައްވަމުން ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމަކީ ބައެއް ގައުމުތަކުގައި ވަރަށް އުނދަގޫ ކަމެއް ކަމަށާއި އަދި ގިނަ ޤައުމުތަކުގައި އެއީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް ބައެއް ގައުމުތަކުގައި އަހަރަކު އެއްފަހަރު ނުވަތަ ދެ އަހަރުން އެއްއަހަރުވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭކަން އެކި ގައުމުތަކުން މިސާލު ޖައްސަވަމުން ސަލީމް ވިދާޅުވި އެވެ.

ޤާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ކުރިއަށް ދެވޭނަމަ އެމަގުން ކުރިއަށްދާންޖެހޭކަން ފާހަގަ ކޮށް ސަލީމް ވަނީ ވަގުތީ ހައްލެއް ގެންނަން ޤާނޫނުއަސާސީއަށް އިސްލާހެއް ގެންނަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

ސަލީމް މިމޭރުމުން މިއަދު މަޖިލިސްގައި ވާހަކަ ދައްކަވާފައިވާއިރު މިމަހުގެ 4 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު އަލުން ބޭއްވެންދެން މިހާރުތިބި ކައުންސިލަރުންނާއި އެކު ކުރިޔަށް ދިއުމަށް ހުށައެޅި ބިލް ބަލައިނުގަތުމަށް ވޯޓު ދިނުމުގެ މާނައަކީ މިހާރުތިބި653 ކައުންސިލަރުންނާއި އެމީހުންގެ އާއިލާތައް ކުއްލިއަކަށް މަގުމަތިވެ ނިކަމެތިވިޔަސް އެންމެ ރަނގަޅުތޯ ސުވާލު އުފައްދާފައެވެ. މިޓުވީޓޫގައި ސަލީމް ހިމަނުއްވާފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް2020 ބަލައިގަތުމަށް ނެގުނުވޯޓުގައި މެންބަރުން ވޯޓު ދެއްވި ގޮތުގެ ފޮޓޯއެކެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފްވެސް ވަނީ މިއަދުގެ ޖަލްސާގައި ހުށައަޅުއްވާފައެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ކަންކަން

• އާ ގާނޫނެއް ހަދާއިރު މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން މަގާމުތަކުގައި ދެމިތިބެން ބޭނުންވާ މީހުން ދެނެގަތުން.

• އިންތިގާލީ މަރުހަލާގައި ކައުންސިލްތަކުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުން.

• ދައުލަތުގެ ފައިސާ އާއި މުދާ ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުން، އަދި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނާއި އެއްޗިއްސާ މެދު މި މުއްދަތުގެ ތެރޭގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުން.

• މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އެއަށް އަމަލު ކުރަން ލާޒިމް ކުރުން.

• އެކަމެއް ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން އެގޮތަށް ކުރުން ލާޒިމް ކުރުން.

• ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލުން.

• ކައުންސިލަރުން ގާނޫނާ ހިލާފުވުމުން އަމަލު ކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުން.

• އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް އެ ފަރާތްތައް އިންތިޚާބު ކުރި މުއްދަތު ހަމަވެފައިވާތީ އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި އެ ފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅުން.

• ގާނޫނުން ކަނޑައަޅާ ގޮތަށް އަމަލު ކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް ވިލަރެސް ކުރާނެ ބައެއް އެލްޖީއޭއިން ކަނޑައަޅައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުން.

އޭނާ ވިދާޅުވީ އެ ނުވަ ނުކުތާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.