ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު 15 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.
އެހެންކަމުން ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 74 އަށް އިތުރުވެފައެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް ޖުމްލަަ 74 މީހަކު ބަލިން ރަނގަޅުވެފައި ވާކަމަށެވެ.
އިއްޔެގެ 12 ޖެހުމާއި ހަމައަށް 15 މީހުން ވަނީ ރަނގަޅުވެފައި ވާކަމަށާއި، މިއަދު ވަނީ އިތުރު ދެ މީހަކު ރަނގަޅުވެފައި ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. މީގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝްގެ މީހުން ވެސް ހިމެނޭ ކަމަށްވެސް ޑރ. ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްޒަލް ވިދާޅުވީ އިއްޔެގެ12 އިން ފެށިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް އަލަށް ޕޮޒިޓިވް ވެފައި ވަނީ 16 މީހެއް ކަމަށެވެ.
ރާއްޖޭން މިހާތަނަށް 1094 މީހަކަށް މި ބަލި ޖެހިފައިވާއިރު މިބަލީގައި މިހާތަނަށް ވަނީ ހަތަރު މީހަކު މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!