މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އެރި ކ. ކާށިދޫން މާލެ އަށް ދަތުރުކުރި “މިންވަރު ދޯނި ”ފުނޑުފުނޑު ވެއްޖެއެވެ.

އިންޖީނު ހުއްޓުމުގެ ސަބަބުން މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް އެރި މި ދޯނި ފުނޑު ފުނޑުވީ ރާޅާ ތަޅަތަޅައެވެ. އެކަން އެމްއެންޑީއެފުން ވަނީ ޔަޤީން ކޮށްދެއްވާފައިއެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ، އެ ދޯނި "ރާޅާ ތަޅައިތަޅައި ހަލާކުވެއްޖެ" ކަމަށެވެ. އެއެމްއެންޑީއެފުން އާންމުކުރި ވީޑިއޯ އިން ވެސް އެ ފެންނަނީ ދޯނި ފުނޑުފުނޑުވެ، ރާޅާ ތަޅަތަޅައި އޮތް ތަނެވެ.

4 މީހުނާއިއެކު ކ. ކާށިދޫ އިން މާލެއަށް ދަތުރުކުރި ” މިންވަރު” ނަމަކަށް ކިޔާ ދޯނި އިންޖީނު ހުއްޓިގެން މާލެސިޓީ ވެސްޓު ޕާކު ސަރަހައްދުގެ ތޮށި ގަނޑަށް އަރާފައިވާ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު 13:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ދޯނީގައި ތިބި ހަތަރު މީހުންވެސް ސަލާމަތުން މިހާރު ވަނީ އެއްގަމަށް އަރާފައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިދޯނިން ގެނައި ގިނަ އަދަދެއްގެ ތަކެތި އެ ސަރަޙައްދުން އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ.