އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެން ނެތުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅައިފި އެވެ.

އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ، އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތެއް ނެތުމުން އެ ސިޓީން ނަގައި ކޮންމެ ސާމްޕަލެއް ޓެސްޓް ކުރަން ފްލައިޓް ޗާޓަރު ކޮށްގެން މާލެ ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެއް ކަމަށެވެ.

Ad
rt

އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުން ކުރުމަށް ސަލާމަތީ ވަސީލަތްތައް ނެތް ކަމުގެ ޝަކުވާ ވެސް ކުރަމުންދާ ކަމަށާއި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެ ސިޓީގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ވެފައި ނެތް ކަމަށް ވެސް ޝިޔާމްގެ ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައި ނުވާއިރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ މީހުން ކަރަންޓީނުކޮށް ފަރުވާ ދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ ނުރައްކާތެރި ހާލަތަކަށް ވެސް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.

މިއަދު ހެނދުނު 11:00 ޖަހާއިރު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުއްލި މައްސަލައެއް މެންބަރަކު ހުށަހަޅައިފިނަމަ އެ މައްސަލައަށް ބަހުސް ކުރާނީ މެންބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި ފުރަތަމަ ކަމަކަށް މައްސަލައަށް ބަހުސް ކުރުމާ މެދު ވޯޓެއް ނަގާނެ ކަމަށް ބެލެވެ އެވެ.

މާލެ ސަރަހައްދަށް ފަހު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީން ބަލި ހާލު ބޮޑުވެގެން މާލެ ގެނައި މީހަކު ޓެސްޓް ކުރުމުން އެންމެ ފުރަތަމަ އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ވެސް ކުރި އެވެ. އެކަމަކު ފަހުން ޓެސްޓް ކުރުމުން ނެގެޓިވްވުމުން ފަހުން އެ ސިޓީ ލޮކްޑައުން އުވާލި އެވެ.