ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ފެސިލިޓީގެ ނުނިމިހުރި ބައެއް މަސައްކަތްތައް އާރުސީސީގެ ވޯކްޝޮޕްގައި ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އެ ކުންފުނީގެ ވޯކްޝޮޕްގައި ފަށާފައިވާ ކަމަށާއި އެ މަސައްކަތުގައި ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ދަނީ ބައިވެރިވަމުންކަމަށޭވެ.

Ad
rt

އާރުސީސީން ބުނީ ގައުމު ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ކުންފުނީގެ ހިދުމަތް ދިނުމަށް އޮންނާނީ ތައްޔާރަށް ކަމަށެވެ.

ހުޅުމާލޭގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގަ މެޑިކަލް ފެސިލީޓީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދަނިކޮށް އެ މަސައްކަތް ހުއްޓުނީ އެ ތަނުގައި މަސައްކަތްކުރާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭ ގޮތަށް ތަރައްގީ ކުރާ އެ ފެސިލިޓީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސިފައިންނާއި ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އޭގެ ތެރޭގައި އާރުސީސީ ހިމެނެއެވެ.

ކޯވިޑް-19 ގައި މީހުން އައިސޮލޭޓް ކުރަން 300 އެނދުގެ މެޑިކަލް ފެސިލިޓީއެކެވެ. ހުޅުމާލޭގައި އަޅާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު ސަރުކާރުން މަސައްކަތް ކުރީ އެތަން މިދިޔަމަހުގެ 15 ވަނަ ދުވަހަށް ނިންމާށެވެ.