ޓާސްކްފޯހަށް ނޭނގި މާލެއިން ކުޅުދުއްފުށްޓަށް މީހުން ފޮނުވުމުން ކަންބޮޑުވުން އިތުރުވެއްޖެއެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެންގުމަކާ ނުލައި އެމީހުން ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި މިއީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.
މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ވަގުތެއްގައި ކުޅުދުއްފުއްޓަށް މާލޭގައިތިބި ބަޔަކު ފްލައިޓެއްގައި ދިޔުމާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޅުދުއްފުށީގެ 146 މީހަކު އެނބުރި ރަށަށް ދިޔުމަށް ބޭނުންވެގެން ނަންނޯޓްކޮށްފައި ތިބިއިރު އެއްވެސް ވަރަކަށް އެނގިފައިނުވާ އުސޫލެއްގެ ތެރެއިން، އަދި ކައުންސިލަށް ނުވަތަ ޓާސްކް ފޯސްއަށްވެސް އެންގުމެއް ނެތި ބަޔަކު ފޮނުވާލުކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާސިރު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.
މިއީ ވަރަށް ދެރަކަމެއް، ކުޅުދުއްފުށީގެ 146 ފަރާތެއް އެނބުރި ދިއުމަށް އެދި ތިބިއިރު، އެއްވެސް ވަރަކަށް އެނގިފައި ނުވާ އުސޫލެއްގެ ތެރެއިން، ކައުންސިލް އަދި ޓފ އަށް ވެސް އެންގުމެއް ނެތި 5 ފަރާތެއް ފޮނުވާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @HPA_MV ގެ ކޯޑިނޭޝަން ރަގަޅު ވާން ޖެހޭ
— Yasir Abdul Latheef (@YasirLathyf) May 2, 2020
މިކަމާ ގުޅިގެން ސަރުކާރުގެ ކަމާގުޅުން ހުރި މުވައްސަސާތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައިވާއިރު އެ މީހުން ކުޅުދުއްފުއްޓަށް ފޮނުވާލިއިރު ސަރުކާރުގެ ކަމާ ގުޅުން ހުރި ރަސްމީ އެއްވެސް މުވައްސަސާއަކުން އެކަން ކުޅުދޫފުއްޓަށް އަންގާފައިނުވާކަމަށް މަޢުލޫމާތުލިބެއެވެ. ކޯވިޑް19ގެ ކަންތަށްތަކުގައި ސަރުކާރާއި އެލްޖީއޭ އަދި ކައުންސިލްތައް ގުޅިގެން ވަނީ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
ފުރަބަންދުގައި ދަތުރުފަތުރު ކުރެވެނީ ޚާއްސަ ހުއްދަތަކެއް ލިބިގެންކަން ފާހަގަކޮށް އަބްދުއްލަތީފް ވިދާޅުވީ މިއަދު ކުއްލިއަކަށް ފެނުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި މީހުންތަކެއް ގެނައި މަންޒަރު ކަމަށެވެ.
"ވަކި އިންތިޒާމުތަކެއް މިއޮންނަނީ އެއްރަށުން އަނެއްރަށަށް މީހުން ގެންދިޔުމުގައި. އެހެންނަމަވެސް އެއްވެސް ހުއްދައަކާއިނުލާ އެގޮތަށް މީހުން ގެނައުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެއީ އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަނުކޮށް އައުމުން. މިހާރު ޖެހޭ އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ހޯދަން. އަދި ސޯޝަލް ސަޕޯޓު ޑެސްކަށް އެކަން އަންގަންޖެހޭ ވަކިބަޔަކު ދާކަން. އެކަންކަން ނާންގާ އައުން އެއީ ރަނގަޅު ގޮތެއްނޫން. މީގަ އެންމެ ރަނގަޅު ގޮތަކީ ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ކަންކަން ކުރިއަށްގެންދިޔުން
އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެ މީހުން އަންނަކަން ޓާސްކް ފޯސްއަށް އެނގުނީ ނުރަސްމީކޮށް ގާތްގަނޑަށް ފްލައިޓް ޖައްސަން ކުޑަވަގުތު ކޮޅަކަށްވެފައިވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ފްލައިޓްގައި 7 މީހުން ގެނެސްފައިވާއިރު ދެ މީހުން ނިސްބަތްވަނީ ކުމުންދޫއަށެވެ. އަނެއް ފަސް މީހުންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުންނެވެ. އެ ފަސް މީހުން އެމްޕީއެލްގައި ހުންނަ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުން ކުމުންދޫއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިކަން ލަތީފް ފާހަގަ ކުރިއެވެ.
މިކަމާއި ގުޅިގެން ކުމުންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ކުމުންދޫގައިވެސް މާލެގޮސް ނާދެވިފައި ތިބި އެތައްބަޔެއް ތިބިކަމަށާއި ކުއްިލިއަކަށް މިދެމީހުންނަށް އާދެވުމުން މިކަމުގައި ކޮންމެވެސް ވަރެއްގެ ނުފޫޒެއް އޮތްކަން ދޭހަވާކަމަށެވެ. އެންމެންވެސް މާލެއިން ރަށަށް އައުމަށް ބޭނުންވެފައިވާއިރު ވަކިބަޔަކަށް ވަކިގޮތެއް އޮތުމަކީ ހުތުރު އަމަލެއްކަމުގައި އެމީހާ ބުނެއެވެ.
ކަރަންޓީނުކުރާނެ އިމާރާތައް ޓާސްކް ފޯސްއިން ކަނޑައަޅާފައިވީނަމަވެސް އެ އިންތިޒާމުތައް ސަރުކާރުން މުޅި ފުރިހަމަކޮށްފައިދީފައިވާ އަދި ނުވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ރަށުން ބޭރުގައި ތިބި މީހުން އިންތިޒާމުތަކާއެކު ރަށަށް ގެންނަން ޓާސްކް ފޯސް އިންވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ކުރެވެން ޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށް ލަތީފް ވިދާޅުވި އެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. ތިން ދުވަހަށް ލޮކްޑައުން ކުރުމަށްފަހު އަނެއްކާ ވެސް މެއި އެއްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރި އެވެ.
އޭގެ ފަހުން މެއި ހަތްވަނަ ދުވަހާ ހަމައަށް ކާފިއު ދިގުދަންމާލި ނަމަވެސް ބޭރަށް ނިކުމެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ވަނީ ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!