ދުނިޔެ ބަނަކޮށްލި ކޯވިޑް-19 ގެ ނުރައްކާ އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ޤައުމަށްވެސް ވެރިވެފައިވާ މި ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ ޤައުމީ މަސައްކަތުގައި ފަސްނުޖެހި ބައިވެރި ވަމުންނެވެ. އަދާ ކުރަމުން ދިޔަ ވަޒީފާއަށް ސަލާމް ނުބުނެ، ޗުއްޓީ ނުނަގައި، ޝަކުވާއެއްނެތި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިންނެއް މިއަދު މިޤައުމުގައި އެބަތިއްބެއެވެ.
ފުރަބަންދުގެ މިވަގުތުގައި ތިޔަ އަރިސްތަކަށް މި ގެނެސްދެނީ އޭގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިންނެއްގެ ތެރެއިން ކުޑަކުދިން ހިޔާތަކުގައި މަސައްކަތް ކުރަމުންދާ ކަނބަލުންގެ ޤުރުބާނީގެ ވާހަކައިން ތަންކޮޅެކެވެ.
މިވާހަކަތައް މިގެނެސްދެނީ އެ ކަނބަލުންނާއިއެކު މަސައްކަތް ކުރަށްވާ، ނަމަވެސް ހާލަތު ނިޔާކުރި ގޮތުން މިވަގުތު އެ ކަނބަލުންނާއި ދުރުގައި ހުންނެވި ކަނބަލެއް ފާޅުކުރަށްވާފައިވާ ހިތުގެ ޝުއޫރުތައް މެދުވެރިކޮށެވެ.
ދުނިޔެއާއި ރާއްޖެއަށް ޖެހިފާ މިވާ ބަލިމަޑު ކަމުގައި އެކި މީހުން ކުރާނީ އެކި އިހުސާސެވެ. ޤުރުބާން ވާނީވެސް އެކި މީހުން އެކި ވަރަށެވެ. އެހެންކަމުން ތަފާތު ފަރާތެއްގެ އިހުސާސް ދެނެގަތުން ކިއެއްތޯއެވެ؟
ބަނޑު އަޅައި ވިހޭ ދަރިނާއި ލޯބިވާ މައިންބަފައިން އަދި ފިރިން ދޫކޮށް ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއަށް އިސްކަން ދީގެން މާލެ ފުރަބަންދުވި ދުވަހުން ފެށިގެން ކުޑަކުދިންގެ ހިޔާތަކުގައި ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހިޔާތަކުގައި ފުރަ ބަންދު ވެގެން ތިއްބެވި ކަނބަލުންގެ ޤުރުބާނީ ވެސް ވަކި ތަންކޮޅެއްވެސް ކުޑައެއްނޫނެވެ.
އެތަންތަަނުގައި އެކިއެކި ސަބަބުތަކާއި ހުރެ ގެނެވިފައިވާ ކުދިންގެ މައިންކަމުގައި ދެކިގެން އުފަން ދަރިންކަމުގައި ދެކިގެން އުފަން ދަރިން ނެކޭ އެއްގޮތަށް ބަލަމުން އެ ގެންދަނީ ނުހަނު ލޯތްބާއި އެކުގައެވެ.
އަޅުގަނޑު އެތާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ފިޔަވަތީގައި ތިބި ދައްތަމެން އެކުރާ މަސައްކަތަށް ޝުކުރު އަދާ ކުރަމެވެ. ހަގީގަތުގައި ޝުކުރެއްނޫނެވެ. އެ ދައްތަ މެންނަށް މެޑަލް ވެސް ހަށްޤުކަން ޔަޤީނެވެ.
މިހާލަތުގައި ތި ދައްތަމެންނާއިއެކު ހުރެވެން ނެތުމުން ހިތާމަ ކުރަމެވެ. އަޅުގަނޑުގެ ޒަރޫރީ ކަންތައްތައް ހުރިގޮތުން ދެވެން ނެތީއެވެ. އެހެނެއް ކަމަކު މިހިތުގައި ތިކުދިން ގެ މައްޗަށް އޮތް ލޯތްބާއި އަދި ތި ދައްތަ މެންނާ އޮތް ރަހުމަތްތެރިކަމުގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ.
އަޅުގަނޑާއި އެކުގައި މަސައްކަތް ކުރާ ބައެއް ދައްތަ މެންނާ ގުޅައި ވާހާކަ ދައްކާ ލީމެވެ. އެވާހަކަތަކުން ނޫނީ އަޑުގައިވާ އިހުސާސް ބަޔާން ކޮށެއް ނުދެވޭނެ އެވެ. ލޯބިވާ މައިންބަފައިން ދަރިންނާ ވަކިން ދުރުގައި ތިއްބައި ރޯދަ މަހާއި ބައްދަލުވުމުން އަދި މާ ދެރަވާ ކަމަށް އެ ދައްތަމެން ބުންޏެވެ.
ހަގީގަތުގައި ކިތަންމެ މީރުކޮށް ކައްކައިފައި ހުއްޓަސް ކާން އުދަގޫ ވާނެއެވެ. ލޯބިވާ މައިންބަފައިން ދަރިން މަތިން ހަނދާން ވާނެއެވެ. އެ ކަމަކު ހިތްވަރާއިއެކު އެ ދައްތަމެން ބުނީ ދިފާއީ ބާރުތަކާއި، މެޑިކަލް ޓީމުތަކާއި އެއްބީދައިން ﷲގެ ވާގިފުޅާއިއެކު މިވަބާއިން އަރައި ގަނެވެންދެން ސާބިތުވެ ތިބޭނެ ކަމަށެވެ.
ދަންނަ ވަންތޯއެވެ. ފިޔަވަތީގެ ލޮބުވެތި ވެރިންނާއި ސްޕްވައިޒަރުން އެތިބީ އެދައްތަ މެންނަށް ހިތްވަރު ދީ ކުރިޔަށް ދާން އަތުކުރި އޮޅާލައިގެންނެވެ. އާދޭސްކޮށްފައި ބުނަމެވެ. ގޭގައި ތިއްބަވާށެއެވެ."
އެއީ ވިޔަވަތީގައި މަސަައްކަތްކުރާ މުވައްޒަފެއްގެ ހިހުސާސަތަކެވެ.
އަޅުގަނޑުމެން މި ޝުއޫރުތައް މި ނޫހުގައި ގެނެސްދިނުމުގެ ބޭނުމަކީ އެ ކަނބަލުންނަށް ހިތްވަރުދީ އެކަނބަލުންގެ އެ ޤުރުބާނީ އެހެން މީހުންނަށްވެސް އަންގައި ދިނުމުގައި ބައިވެރި ވުމެވެ. އަދި އެތައް ބަޔަކު ވަމުންދާ މިފަދަ ގުރުބާނީތައް ހިތްމައްޗަށް ގެނެސް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުގައި އެހެން މީހުން ހިފުމަށް ބާރު އެޅުމެވެ.
ކުރިއަށް އޮތް ދެ ހަފުތާއަކީ ރާއްޖޭގައި ކޯވިޑްބަލި ފެތުރުން ހަލުވިވެދާނެ ދެ ހަފުތާކަން ސިއްހީ މާހިރުން ވަނީ ލަފާކުރައްވައި، ކަމާބެހޭ ފަރާތްތަކުން އެކަން ވަނީ ހާމަ ކުރަށްވާފައިއެވެ.
މިއަދު މިދެކޭ ބަލި މަޑުކަމުގައި އެންމެ އިސްކުރާންވީ ކިޔަމަންކަމެވެ. ވިސްނަވާށެވެ! އެތައް ސިއްހީ ހިދުމަތްތެރިންނެއް، އެތައް ސިއްހީ އިދާރީ މުވައްޒަފުންނެއް، އެތައް ސަރުކާރުގެ މުވައްސަސާއެއްގެ މިކަމުގައި ޝާމިލްވާ މުވައްޒަފުންނެއް، ސަލާމަތީ ބާރުތަކާއި، ފުލުހުން، އެތައް މަދަދުވެރިންނަކާއި މިހެންގޮސް އެތައްއެތައް ބަޔަކު އެތިބީ ހަމަ ނިދި ނުނިދައި، ރަނގަޅަށް ކައިބޮއި ނަހަދައި، ލޯބިވާ ޢާއިލާތަކަށް ވަގުތެއް ނުދެވި ޤައުމު ސަލާމަތް ކުރުމަށް ކަމަރު ބަނދެގެން އެއްމެ އިންޗިއެއްވެސް ފަހަތަށް ނުޖެހިއެވެ.
މިއިން ކޮންމެ މީހަކީވެސް މި ޤައުމުގެ ފަޚުރުކަން ޔަޤީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!