ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނާއިމެދު ގޮތެއް ނުނިމި ރޯދަމާއި ބައްދަލުކުރަނީއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފައި ވާއިރު، އިންތިޚާބާއި ގުޅޭ ޤާނޫނީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އިންތިޚާބު ލަސްވީ ކޯވިޑް-19ގެ ނުރައްކާތެރި ވަބާގެ ބިރުވެރި ކަމުގެ ސަބަބުން ވިޔަސް، ސަސްޕެންޑް ކުރި މުވައްޒަފުން މިހާރު ވޭތު ކުރާ ކޮންމެ ދުވަހަކީ އެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ދުވަހެކެވެ.

Ad
rt

ކޯވިޑް-19 ގެ ބަނަ ކަމުގެ ސަބަބުން މާލީ ދަތިކަން ތަހައްމަލު ކުރަން ޖެހިފައި މިވާ ދަނޑިވަޅުގައި އެ މުވައްޒަފުން ވޭތު ކުރަމުންދަނީ ދަތި ދުވަސް ތަކެކެވެ. މިހާލަތުގައި ތިއްބައި، ރޯދަމަސް ބޯމަތިވެ، މުސާރައާއި ރޯދަ އިނާޔަތް ލިބޭނެ ގޮތެއް ހަމަޖެހިފައި ނުވުމުން އެ މުވައްޒަފުންގެ ރިހޭ ފައިމައްޗަށް ވަނީ ފޮއި ވެއްޓިފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ކުރިން ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ހާލަތު އިންތިޚާބެއް ބޭއްވޭ ވަރަށް ރަނގަޅު ނޫން ކަމަށް ނިންމައި އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

ކޮމިޝަންގެ މި ނިންމުމާއި އެކު، ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސްގެ މީހުންގެ ސަސްޕެންޝަނަށް ގޮތެއް ނުނިމި ވަނީ ދިގު ދެމިގެން ގޮސްފައިއެވެ. ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސް ވަޒީފާއެއްގައި ހުރި މީހަކު އިންތިޚަބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑް ވާނެ އެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާއި އެކު، އެ އުސޫލުން 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ސަސްޕެންޑްވެފައި އެވެ.

މިކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާކަމާއި، މި ކަމުގެ ސަބަބުން އެ އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަސާސީ ހައްޤުތަކެއް ގެއްލެމުންދާކަމާއި، ގިނަ ގެއްލުންތަކާއި ދަތިތަކެއް ކުރިމަތިވަމުންދާކަމަކީ ސިވިލް ސަރވިސް ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވެ، މުވައްޒަފުންނަށް ހަމްދަރުދީވާ ކަމެއްކަމަށެވެ.

ސަސްޕެންޝަނުގައި ތިބި މުވައްޒަފުން ވަޒީފާއިން އެކަހެރި ކުރެވިފައިވާތީއާއި، އެ ވަޒީފާތަކަށް އެހެން މުވައްޒަފުން ނެގެން ނެތުމުން ބައެއް ސިވިލް ސަރވިސްގެ އިދާރާތަކަށް އެ އިދާރާތައް ހިންގުމުގައި ވެސް ވަނީ ދަތިތަކެއް ދިމާވެފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މުވައްޒަފުންނަށް ލިބެމުންދާ ގެއްލުން ކުޑަކޮށް އަދި އިދާރާތަކަށް ދިމާވެފައިވާ ދަތިތައް ފިލުވައި ދިނުމަށް އެ ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާކަމުގައި ބުނެފައިވާއިރު، އެ ގޮތުން އެ ކަމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ ލަފަޔަކަށް 22 މާރިޗު 2020 ގައި ކޮމިޝަނުން ވަނީ އެދިފައިވާކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ދައުލަތުގެ ބަންޑާރަ ނައިބު 5 އެޕްރީލު 2020 ގައި ކޮމިޝަނުން އެދުނު ޤާނޫނީ ލަފާގެ އިޖާބައިގައި ވިދާޅުވެފައިވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންޚާބުގެ ޚާއްސަ ބިލު 2020" އިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ސަސްޕެންޝަނާއި، އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ނުދެވޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެންނަ ކަމަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުން، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ލިބިދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސާއެކު މަޝްވަރާކުރެވެމުންދާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ސިވިލްސަރވިސް ކޮމިޝަނުން މިމަސްސަލާގައި، އިލެކްޝަން ކޮމިޝަނާއި އެކު ކުރި މަޝްވަރާގެ ނަތީޖާ އަދި ހާމަކޮށްފައި ނުވާއިރު ދައުރުވަމުންދާ ކޮންމެ ދުވަހަކީ ސަސްޕެންޑް ކުރި މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ދުވަހެކެވެ.

މިދަތި، އުނދަގޫ ވަގުތުގައި ވީ އެންމެ އަވަހަކަށް އެ މުވައްޒަފުންގެ ހައްގުތައް ހޯދައި ދިނުމަކީ، އެތައް ޢާއިލާއަކަށް ދެވޭނެ އިންސާފެއްކަން ގައިމެވެ.