ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއި އެކު ދިވެހި ބައެއް ޑަކްޓަރުން ހިމެނޭހެން ބައެއް ސިއްހީ ޚިދުމަތްތެރީން ކެނޑި ނޭޅި މީސް މީޑިއާގައި އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.
ކޮރޯނާވައިރަސް އަށް ކޯވިޑް-19 ގެ ނަން ދިނުމުގެވެސް މާ ކުރިން ބައެއް ޑަކްޓަރުން ގެންދެވީ މީސް މީޑިއާ މެދުވެރި ކުރަށްވައި ބައްޔާއި ބެހޭ ފަހުގެ މަޢުލޫމާތު އާންމުންނަށް ފޯރު ކޮށްދެމުންނެވެ.
ޑަކްޓަރުންގެ އިންޒާރުތައް ފުލުފުލުގައި އަންނަމުން ދިޔައެވެ. ރާއްޖޭގައި މިބަލި ފެތުރިއްޖެ ނަމަ ވެދާނެ ގޮތާއި، ސަބަބުތަކާއި އެކު ދިޔައީ ކިޔައި ދެއްވަމުންނެވެ.
ސަރުކާރުންވެސް ދިޔައީ ދުރާލައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ. ރާއްޖެ އެބަށްޔަށް ތައްޔާރުވަމުން ދާ ގޮތާއި، ރާއްޖޭގެ ކެޕޭސިޓީއާއި، ބައްޔާ ގުޅޭ މައުލޫމާތު ހާމަ ކުރަށްވައްވައި، ރައްޔިތުންނަށް ވިސްނައި ދެއްވަމުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުންނެވެ.
ސިއްހީ ޚިދުމަތްތެރީން ވަރަށް ގިނަ ވާހަކަ ކިޔައި ދެއްވިއެވެ. އާދޭސް ކުރަށްވައި ފަރުދީ ޒިންމާ އަދާކޮށް ދިނުމަށް އެދި ލެއްވިއެވެ. އެތައް އެތައް ފަހަރަކުއެވެ.
ބައްޔާއި މެދު ހޭލުންތެރި ކުރުވި އެންމެންވެސް އެދެމުން ދިޔައީ ގޭގައި މަޑުކޮށް ދިނުމަށާއި، ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށާއި، އިޖުތިމާއީ ގައިދުރުކަން އިސްކޮށް ދިނުމަށެވެ.
ސަރުކާރުގެ ފިޔަވަޅުތައްވެސް އައީ މިކަންކަމަށް އިސްކަން ދެވިގެންނެވެ. ދަތި ނަމަވެސް ރައްޔިތުންނާއި ޤައުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުއްވިއެވެ.
ޤައުމުގެ މައިގަނޑު އިގުތިސާދު ބިނާވެފައި އޮތް ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރެއްވިއެވެ. ސަރުކާރު ބަންދު ކުރަށްވައި، މާލޭސިޓީއާއި ރިސޯޓު ތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލައި، ސްކޫލްތަކާއި ތައުލީމު އުނގަންނައިދޭ އެންމެހާ ތަންތަން ބަންދުކޮށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް، ރިސޯޓު ތަކަށާއި، ސަފާރީ ތަކާއި ގުޅޭ ހަރުކަށި ފިޔަވަޅުތައް އަޅުއްވައި، މީހުން އެއްވުމަށް މެދުވެރިވާނެ އެންމެހާ ކަމެއް މަނާ ކުރުން ފަދަ އެތައް ފިޔަވަޅެއް ސަރުކާރުން އެޅުއްވީ ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށެވެ.
ނަމަވެސް ހުރިހާ ފިޔަވަޅެއް ގުޅިފައިވާ އާންމު ރަށްޔިތުން ދިޔައީ ފަރުވާ ކުޑަކުރަމުންނެވެ. ރައްޔިތުން ކުރެ ބަޔަކު ކިޔަމަންތެރިކަން އިސް ކުރިޔަސް ގަދަ ބާރުން ރައްޔިތު މީހާ ކިޔަމަން ކުރާ ހިސާބަށް ކަންކަން ދިޔައިރު، ބަލި މިއޮތީ ފާލުން ނެއްޓިފައިއެވެ.
އިރުޝާދު ތަކަށް ކަމޭ ހިތުމަކީ ކަންކަން އިންތިޒާމު ކުރާ، ޒިންމާ ހަވާލުވެ ތިއްބެވި އެންމެހާ ފަރާތްތަކަށްވެސް ޚިދުމަތް ފޯރުކޮށް ދިނުމަށް ދެވޭ އެންމެ ބޮޑު އެއްބާރު ލުމެވެ. ރަނަގަޅު ނަތީޖާއަކަށް ވާސިލްވުމަށް ދެވޭ އެންމެ ބޮޑު މަދަދު ވެރިކަމަކީވެސް އެއްބާރުލުން ދިނުމާއި، އިރުޝާދުތަކަށް ތަބާވުމެވެ.
އަދިވެސް ރައްކާތެރިކަން އޮތީ ބޯލަނބައި، އިރުޝާދުތަކަށް ކިޔަމަންވުން އިސްކޮށްގެންނެވެ. ދަތިވާނެއެވެ. އުނދަގޫވެސް ވާނެއެވެ. ހިތްދަތިވެސް ވާނެއެވެ. މިހުރިހާ ކަމެއް ކުރިމަތި ވެއްޖެ ކަން ދަނެ ދެންވެސް އިރުޝާދުތަކުގައި ހިފައި ކިޔަމަންވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!