އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބުކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ އިއްޔެ ފާހަގަ ކުރެވުނު ދިވެހި ބަހުގެ މުނާސަބަތުގައި އެކަމަނާދެއްވި މެސެޖުގައިއެވެ. އެ މެސެޖުގައި ވަނީ މިއަދު ދިވެހި ޤައުމުގެ ހާލަތާއި ދުނިޔޭގެ ހާލަތާއި ގުޅިވައިގެން ބަހުގެ މުހިންމުކަން ވަރަށް ރަނގަޅަށް މޭރުން ކޮށްދެއްވާފައިއެވެ.

Ad
rt

އެގޮތުން އެ މެސެޖުގައި އެކަމަނާ ވިދާޅުވީ މި އަހަރުގެ ބަހުގެ ދުވަސް ދިމާ ވެފައި މިވަނީ މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ކުރިމަތި ވެފައިވާ މި ދަނޑިވަޅަކާ ކަމަށާއި، މިއީ ކޮވިޑު-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ ބިރުވެރި ދުވަސްވަރެއް ކަމަށެވެ.

މި ފަދަ ކާރިސާއަކުން ވެސް ދައްކުވައިދެނީ ބަހުގެ މުހިންމު ކަން ކަމަށާއި، މި ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފެތުރުމުގައި ވެސް ދިވެހި ބަހާއި ބަހުރުވަތައް ވަރަށް މުހިންމުކަން ކަމަށް ވަޒީރު ޔުމްނާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ އެ ޤައުމެއްގެ ރައްޔިތަކަށް ފަސޭހައިން ވިސްނޭ ގޮތަކަށް މަޢުލޫމާތު ފެތުރުމުގައި މުހިންމީ އެ ބައެއްގެ މާދަރީ ބަހުން އެ މަޢުލޫމާތު ދިނުން ކަމަށެވެ. އަދި އެ ހިސާބެއްގައި ބޭނުން ކުރާ ބަހުރުވައިންވެސް އެ މަޢުލޫމާތު ދިނުން ކަމަށެވެ.

އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބުކަމަށާއި، ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހީންގެ އެއްބައިވަންތަކަމުގެ ވަރަށް މުހިންމު ބަހާ އެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެއްބައިވަންތަކަމުގެ މުހިންމުކަން މި އެނގެނީ މި ފަދަ ނުރައްކާތެރި ވަބާތަކާއި ކާރިސާތައް ކުރިމަތިވާ ވަގުތުގައި ކަމަށާއި، އެހެންކަމުން އަޅުގަނޑުމެންގެ މި ދިވެހިބަހާއި އަޅުގަނޑުމެން ދިވެހީން އެއްބައިވަންތަ ކުރުވާ އެންމެހައި ރުކުންތައް ދަމަހައްޓަން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމަށް އެކަމަނާވަނީ ގޮވައި ލައްވާފައިއެވެ.

"ކޮވިޑް-19 ގެ މި ވަބާއިން ސަލާމަތްވެ ތިބުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރު ވަނީ މިހާރު ހުއްޓާލާފައެވެ. ތަންތަން ވަނީ ބަންދުކޮށްފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން އިލްތިމާސް ކުރައްވައިފައި ވަނީ އެކަކު އަނެކަކަށް ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށެވެ. ގޭގައި މަޑުކުރުމަށެވެ. މި ގޮތަށް ގޭގައި މަޑުކުރައްވާއިރު މި ލިބޭ ވަގުތުތަކުގައި އާއިލާގެ މެންބަރުންނާ ގުޅުއްވާ ހާލުބައްލަވާށެވެ." އެކަމަނާ ވިދާޅުވެފައި ވެއެވެ.

މި ދުވަސްވަރަކީ ޢާއިލާގެ ދޮށީ އުމުރުގެ މެންބަރުން ވަރަށް ބޮޑަށް އެކަނިވެރިވާނެ ދުވަސްވަރެއްކަމަށާއި، ވާހަކަދައްކާލާނެ މީހަކު ނެތިފައި ތިބޭ ދުވަސްވަރެއްކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ގޭގެޔަށް ޒިޔާރަތް ނުކުރެވުނު ކަމުގައި ވީނަމަވެސް ފޯނުން ގުޅުއްވައިގެން ޢާއިލީ މެންބަރުންނާއި ރަޙްމަތްތެރީންގެ ހާލުބެލުމަށް އެކަމަނާ އެދިވަޑައިގަތެވެ.

" ދަރިފުޅު ލައްވާ މާމައާއި ކާފަޔަށް ގުޅުއްވާށެވެ. ދިވެހި ބަހުން ވާހަކަދައްކަވާށެވެ. އަދި ދިވެހި ބަހުން ވާހަކަ ދައްކަން ދަރިފުޅަށް ހިތްވަރު ދެއްވާށެވެ. އާއިލީ ގުޅުންތައް ބަދަހިވެގެން ދާނެއެވެ. އަދި ދަރިފުޅަށް ދިވެހިބަސް ދަސްވާނެއެވެ. ގޭގައި ތިއްބަވާއިރު ލިބޭ ހުސްވަގުތުތަކުގައި ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކާއި ފޮތްތައް ވިދާޅުވާށެވެ. ދިވެހިބަހުން އުފެއްދުންދުންތެރި ލިޔުންތައް ލިޔުއްވާށެވެ. ޅެންތައް ހައްދަވާށެވެ. ޝުޢޫރު ފާޅުކުރައްވާށެވެ. ގޭގައި މަޑުކުރާއިރު މި ލިބޭ ހުސްވަގުތުގައި ދަރީންނާއި ދިވެހިބަހުން ވާހަކަދައްކަވާށެވެ. ދިވެހި ބަހުން ވާހަކަ ކިޔައިދެއްވާށެވެ. ދިވެހިބަހުން ޝުއޫރުފާޅު ކުރާން ދަރީންނަށް ހިތްވަރުދެއްވާށެވެ. ދުނިޔެއަކީ ބިރުވެރިތަނަކަށް ވެފައިވާ މި ވަގުތުގައި ކުދީންގެ ޝުޢޫރުތަކާއި އިހްސާސްތައް ފާޅުކުރާނެ ފުރުސަތު ދިނުމަކީ އެ ކުދީންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމުކަމެކެވެ. އެ ކުދީން ދައްކާވާހަކަތައް އަޑުއައްސަވާށެވެ. ދިވެހިބަހުން އުފެއްދުންތެރި ލިޔުންތައް ލިޔަން ދަރީންނަށް ހިތްވަރު ދެއްވާށެވެ." އެކަމަނާ އިތުރަށް ވިދާޅުވިއެވެ.

ބަހަވީ ދިރާސާތައް ބުނާ ގޮތުން ޅަފަތުގައި މާދަރީބަހަށް އަހުލުވެރިވާ ކުދިންގެ ވިސްނުން ތޫނުވާކަމަށާއި، އަދި ދެވަނަ ބަހެއް ދަސްކުރަން އެފަދަ ކުދީންނަށް ފަސޭހަ ވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ގޭގައި މަޑުކުރައްވާ މި ވަގުތުގައި ކުދީންނާ ދިވެހި ބަހުން މުޢާމަލާތު ކުރެއްވުމަށް އެކަމަނާ އިރުޝާދު ދެއްވިއެވެ.

ވަޒީރު ޔުމްނާ ވިދާޅުވީ، ދިވެހިބަހުގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކުރާންވީ ކަމަކީ ދިވެހިބަހުން ގިނަގިނައިން ވާހަކަ ދެއްކުން ކަމަށެވެ. އަދި ދިވެހިބަހުން ހުންނަ ފޮތްފޮތާއި ލިޔުންތައް ގިނަގިނައިން ކިޔުމާއި، ދަރީންނަށް ފޮތް ކިޔައިދިނުމަށާއި، ދަރީންނަށް ފޮތްކިޔަން ބާރުއެޅުމަށާއި އަދި ދިވެހިބަހުން ލިޔުން ކަމަށެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވައިފައި ވަނީ "ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް" އެވެ.