ސިޔާސީވެގެން ގޮސް އިމުން ނެއްޓި ތިމާއަށް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގޭ ދަރަޖައަށް ސިޔާސީ ކަނޑުގައި ޣަރަޤުވެފައި ތިބޭ މީހުންގެ ސަބަބުން މި މުޖުތަމައު ސަލާމަތްވުން ކިތައްމެހާވެސް އެދެމެވެ! "ސައީދާ17" ކިޔާ ޓުވީޓަރ އައިޑީއަކުން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގަށް ކޮށްފައިވާ ފުރައްސާރަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އެނގިގެން ނުވަތަ ޖާހިލުކަމުންވެސް އެ ޓުވިޓަރ އެކައުންޓް ގެންގުޅޭ މީހާ ކޮށްފައިވަނީ ވަރަށް ދަށު ދަރަޖައިގެ، ވަރަށް ނާ ތަހުޒީބު އަމަލެކެވެ. އެމީހާ އަކީ ސިޔާސީ ފިކުރުގެންގުޅެފައިވާ މީހެއްކަމަށް ދަންނަވަން ޖެހުނީ އެމީހާ ކޮށްފައިވާ ޓުވީޓުގައި ސިޔާސީ ޕާޓީއެއްގެ ނަން ބޭނުން ކޮށްފައިވާތީއެވެ.

Ad
rt

ޑރ. ނަޒުލާއަކީ ސިއްހީ މަދަދު ގާރެކެވެ. މުޅި ދުނިޔެ ބަނަވެ، އެވަބާއެއްގެ ސަބަބުން ކަރުނަ އަޅައި، ރޯލަ ރޯލާ އޮތް ކޮވިޑް-19ގެ ވަބާ ރާއްޖެއަށްވެސް ފޯރާފައިވާ މި ދަނޑިވަޅުގައި އަމިއްލަ ޢާއިލާ ދޫކޮށް ހުރިހާ ވަގުތެއް ރައްޔިތުންނަށްޓަކައި ހުސްކޮށްގެން ހުންނެވި ސިއްހީ މަދަދުވެރިންކުރެ މަދަދުވެރިއެކެވެ.

ޑރ. ވަޑައިގެން ދުވާލު ދެދަޅާގައި ޓީވީގައި އިންނަވައި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތާއި، ރައްކާތެރި ވުމުގެ އިރުޝާދު އެދެއްވަނީ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަމުގައި ދެކިގެންނެވެ. ކޮވިޑް-19އަކީ އަދި އެބަލީގެ ފުންމިން ދެނެގަނެވިފައި ނުވާ ބައްޔަކަށް ވީހިނދު، ފަސްޖެހުމެއް ނެތި ޑރ. އެކުރަށްވާ މަސައްކަތް ހެޔޮވިސްނޭ ކޮންމެ މީހަކުމެ ލޮލާއި ބޮލުން ބަލައިގަންނާނެކަން ކަށަވަރެވެ.

ޑރ. ނަޒުލާއާއި މެދު ކުރި ނޭދެވޭ ފުރަށްސާރައާއި ގުޅިގެން ގިނަ ބަޔަކު އެ އަމަލު ކުށްވެރިކޮށް ވާހަކަ ދައްކަމުން އަންނަ ކަން ފާހަގަ ކޮށްލެވެ.

އެގޮތުން ޝުއޫރު ފާޅުކުރި ބައެއް މީހުންގެ ތެރޭގައި މުޙައްމަދު ނާޒިމު ކިޔާ މީހަކު ފޭސްބުކް ގައި ފާޅުކޮށް ފައިވާ ޝުއޫރުން ބައެއް ހިމަނާލާނަމެވެ. "ޑޮކްޓަރުން އުޅެނީ ނުނިދާ ގެއައް ދަރިން ކައިރިއައް ނުދެވި، ފެންވަރާނެ ވަގުތު ނުލިބި، ރައްޔިތުން ބަލިން ސަލާމަތްކުރުމައްޓަކައި ފުރާނަ ތަބަކަށް ލައިގެން، އެއް ކަރަންޓީން ރަށުން އަނެއް ކަރަންޓީން ރަށުން، އެކަކަށް ފަރުވާކޮއްލާފައި އަނެކުންނަށް އޮކްސިޖަންދީފައި، އަނެކަކަށް ވެންޓިލޭޓަރ ގުޅާފައި، ސައެއް ބޯލާނެ ވަގުތެއް ނެތި އެމީހުންގެ ހުރިހާ ވަގުތެއް ރައްޔިތުންނަށް ދީފައި، މާތް ﷲ ނުވޭ ހުތުރު އިންސާނެއް އުފައްދަވައިފައެއް، މާތް ﷲ އުފެއްދެވި ގޮތް ހަޑިވެގެން ބޮލުގައި ކުލަ ޖައްސާ މޫނުގައި މޭކަޕް އުންގުޅައި ތުންބުގައި ކުލަލައި ތިމާ އުފެއްދެވި ގޮތައް ނުހުރެވުންވެސް އެއީ ހަރާން ކަމެއް."

މީސްމީޑިއާގައި މިފަދަ އެތައް ޝުއޫރެއް ހުރި އިރު މިއީ ޤައުމުދެކެ ލޯބިވާ، އިންސާނިއްޔަތު ކަމެއް ހުރި ހަމަ ކޮންމެ މީހެއްގެވެސް ޝުއޫރުކަން ޔަޤީނެވެ. ފަރުދާގެ ފުރަގަހުގައި ހުރެގެން ފުރައްސާރަ ކުރި ގޮތެއްނެތް މީހާ އެ ފުރަށްސާރަ ކުރީ ޑރ. ނަޒުލާއަށް އެކަންޏެއް ނޫނެވެ. އެއީ މިއަދު ޤައުމީ، އިންސާނީ ޚިދުމަތުގައި ތިބެ އެތައް މަދަދުވެރިންނަކަށް ނިސްބަތްކޮށް ކޮށްފައިވާ ފުރައްސާރައެކެވެ.